މިދިޔަ ސެޕްޓެމްބަރު 6، ގެ ރޭ ދަންވަރު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން ސ. ހިތަދޫ، ވިސާމް ސިދުގީ 26އ، ގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
މީޑީއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ވިސާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
ވިސާމް ދުއްވި ކާރުން ޖެހުނީ މޯލްޑިވްސް ޕްރިޒަންސްގެ ކޯޕްރަލް ހަސަން ސަމާހު ގައިގަ އެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސަމާހު ވަނީ މަރުވެފަ އެވެ.
ވިސާމް އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫން ކަމަށް ވެސް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.
އެ ހާދިސާ އާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ ބާރަށް ސްޕީޑުގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައެއް ނުވެ އެވެ.












