ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ދޭ ބަޖެޓުގެ ހަތަރު ބައިކުޅަ އެއްބައި ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ލިބޭ އިސްލާހާއެކު ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ފެންނަ ހުރިހާ އިސްލާހެއް އެޓާނީ ޖެނެރަލްގެ އޮފީހަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިސްލާހުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާ އެކު އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން ހުރިހާ ޕާޓީތަކުން އެއްބަސްވެފައިވާ އިސްލާހުތަކެއް ކަމަށެވެ.
ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުންތަކަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ސިޔާސީ ޕާޓީތަކުގެ ބަޖެޓު ހަތަރު ބަޔަށް ބަހާލައިގެން ދޫކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނާށެވެ.
ބަޖެޓުގެ ފުރަތަމަ ބައި ދޫކުރަން ނިންމާފައި ވަނީ ކުދި ޕާޓީތައް ވެސް ހިމެނޭހެން، ހުރިހާ ޕާޓީއަކަށެވެ. ދެވަނަ ބައި ދޫކުރަން ނިންމާފައި ވަނީ 10،000 އަށްވުރެ ގިނަ މެންބަރުން ހަމަވާ ޕާޓީތަކަށެވެ.
ތިންވަނަ ބައި ދޫކުރާނީ މަޖިލިސް އިންތިހާބުގައި ވޯޓު ލިބޭ ނިސްބަތަށް ބަލައިގެންނެވެ. އަދި ހަތަރުވަނަ ބައި ދޫކުރާނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ދަފުތަރު، ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި، އެ އިސްލާހުތަކުގެ ސަބަބުން ޕާޓީތަކުގެ ހިންގުން ހަރުދަނާވެ އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކޮންމެ އަހަރަކަށް ވެސް ލަފާކޮށް މަޖިލީހުން ފާސްކުރާ ބަޖެޓުގެ 0.1 ޕަސެންޓު ހާއްސަ ކުރަންޖެހެނީ ސިޔާސީ ޕާޓީތަކަށެވެ. އެ ފައިސާ މިހާރު ބަހަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.













