ރާއްޖޭގެ ކެޕިޓަލް މާކެޓްތައް ރެގިއުލޭޓް ކުރާ ބޮޑީ, ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑަށް އިންވެސްޓްމަންޓް ފަންޑު ލައިސަންސް ދޫކޮށްފި އެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ އާ ފަންޑަކީ އިންވެސްޓަރުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
"މި ފަންޑަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ފަންޑަކަށް ވެގެންދާނެ. އެންމެ މަދުވެގެން 10،000ރ. އިން އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށް ލިބިގެންދާނެ،" ޒިޔަތު ވިދާޅުވި އެވެ.
އެ ފަންޑުގެ ސަބަބުން ގިނަ އަދަދެއްގެ އިންވެސްޓަރުން ޝައުގުވެރިވެ، ރާއްޖޭގެ ރިއަލް އެސްޓޭޓް އަދި ހޮސްޕިޓާލިޓީ ދާއިރާގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިއަލް އެސްޓޭޓަށް އިންވެސްޓްކުރުމަކީ ތަނަވަސްކަން ބިނާކުރުމުގެ ބާރުގަދަ ސްޓްރެޓެޖީއެއްގެ ގޮތުގައި ޒަމާނުއްސުރެ ފާހަގަކުރެވޭ ކަމެކެވެ.

މާކެޓުން ގިނަ ފައިދާތަކެއް ލިބޭ އިރު އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ރިޓާންގެ ފުރުސަތު އޮތުމާއި ޕޯޓްފޯލިއޯ ޑައިވާސިފިކޭޝަން އަދި ޕެސިވް އިންކަމް ސްޓްރީމްތައް އުފެއްދުން ހިމެނެ އެވެ.
ފަސްޓަ ނޭޝަނަލް ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑުގެ ސަބްސްކްރިޕްޝަނަށް އޮކްޓޯބަރު މަހު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
އިންވެސްޓަރުންނަށް ލިބޭ އިންވެސްޓްމަންޓް ފުރުސަތުތަކުގެ އިތުރު ތަފްސީލް ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ވެބްސައިޓްއިން ލިބޭނެ ކަމަށް ސީއެމްޑީއޭއިން ބުންޏެވެ.













