އަތޮޅުވެރިންނަށްވެސް ހިއްޕޭނީ ވަލުގަ އެވެ.

އިހު ޒަމާނުގައި ރަށެއްގެ ބަޔަކު ދޯންޏެއް އެހެލަނީ.

އިހު ޒަމާނުގައި ރަށެއްގެ ބަޔަކު ދޯންޏެއް އެހެލަނީ.

ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ ގޮތުގައި މަސައްކަތްނުކުރާ ކަމުގެ އަޑަށް އަޅުގަނޑުމެންގެ ކަންފަތްތައް ފަރިތަ އެވެ. ކުޑައެއް ބޮޑެއް ނެތި އެވާހަކަ އެމަގުން ނުދައްކާ އެކަކު ނެތެވެ. ދައުލަތުގެ މުއައްސަސާތައް ހިންގަން ތިބި މީހުންވެސް ދައްކަނީ ހަމަ އެ ވާހަކަ އެވެ. ރާގުގައި ކުޑަ ތަފާތުތަކެއް ހުއްޓަސް ކިޔަނީ އެއް ލަވައެކެވެ.

ދައުލަތުގެ ކަންކަން އިންތިޒާމު ކުރެވިފައި އޮތީ ގާނޫނުއަސާސީއޭ ކިޔުނު ލިޔުމުގެ މައްޗަށެވެ. އެ ފޮތުގައި ދައުލަތުގެ ހިންގުން އިންތިޒާމު ކުރުމަށްޓަކައި އެކަށައެޅީ މައިގަނޑު ތިން ކަމެކެވެ. އެއީ ދައުލަތުގައި ހިމެނޭ އަފުރާދުންގެ ތެރެއިން އަމުރުވެރިކަން ހިންގާނޭ ބަޔަކު އެކަށައެޅުމާއި، އިސްތިސްނާއެއްނެތި ހުރިހާ އެންމެން އަމަލުކުރަންޖެހޭނޭ ގޮތް ބުނެދޭނޭ ބަޔަކު އެކަށައެޅުމާއި، މި ބުނެވުނު ދެ ބާރުގެ އަމަލުތަކާއި، ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ އަރައިރުންތަކަށް ނިޔާ ކަނޑައަޅާނޭ ބަޔަކު އެކަށައެޅުމެވެ. ކުރުކޮށް ދަންނަވާނަމަ، ވެރިކަން ކުރާނޭ ބާރަކާއި، ގާނޫނު ހަދާނޭ ބާރަކާއި، ނިޔާ ކަނޑައަޅާނޭ ބާރެއް އެކަށައެޅުމެވެ.

ގާނޫނުއަސާސީ އެއޮތީ އެކަންކަން ތަރުތީބުކޮށްދީފަ އެވެ. އެހެންނަމަވެސް އެ ހިސާބުން ކަންކަމެއް ނުނިމެ އެވެ. އެ ބާރުތަކުގެ މަސައްކަތްތަކަށް ފާރަވެރިވާ މިނިވަން މުއައްސަސާތަކެއް އެބަ ހުންނަން ޖެހެ އެވެ. ބަޔަކު މީހުން ހިންގަފާނޭ ފަސާދަ ބަލައި އެކަމަށް ފާރަވެރިވާނޭ ބަޔަކާއި، އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ އިސް ބަޔަކާއި، ނިޔާ ކަނޑައަޅާ މީހުންގެ އަމަލުތަކަށް ފާރަވެރިވާނޭ ބަޔެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އަޅުގަނޑުމެން މިކިޔާ މިނިވަން މުސްތަގިއްލު މުއައްސަސާތަކެވެ. މިއީ ވެރިކަން ހިންގާ ފަރާތުގެ ކޮންޓްރޯލެއް ނެތް، ހަމައެކަނި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ، ސީދާ ދައުލަތުގެ އިދާރާތެކެކެވެ.

މި ދެންނެވި މިނިވަން މުއްސަސާތަކުގެ ޒިންމާތަކާއި، ވާޖިބުތައް ގާނޫނުއަސާސީގައިއާއި، ގާނޫނުތަކުގައި އޮންނަނީ ބުނެދީފަ އެވެ. އެ ޒިންމާތައް އަދާކުރުމުގެ ބާރުވެސް އޮންނަނީ ދީފަ އެވެ. އޭގެ އިތުރުން އެ ޒިންމާތަކާއި ހަވާލުވާ މީހުން، ވަކި އަތަކަށް ނުޖެހި އެބައިމީހުންގެ މުސްތަގިއްލު ރައުޔުގެ މައްޗަށް ކަންކަން ނިންމާނޭކަމުގެ ހުވައެއް ކުރުންވެސް ގާނޫނުއަސާސީ ލާޒިމުކުރެ އެވެ. އެ ގޮތަށް އަމަލު ނުކޮށްފިނަމަ ހެދޭނޭ ގޮތްވެސް ގާނޫނުއަސާސީގައި އޮންނަނީ ބުނެދީފަ އެވެ.

މިނިވަން މުއައްސަސާއަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ އެވެ. އެމަޖިލީހުގައި އޮންނަ މިނިވަން މުއްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަންގެ މެންބަރުން ހާޒިރުކުރެވިދާނެ އެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރެވޭނެ އެވެ. އެ އިދާރާ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރަނީ އެ އިދާރާ ހިންގުމަށް މަތިކުރެވުނު އިންސާނުންގެ ނާގާބިލުކަމުން ކަމަށް ފެންނަނަމަ މަގާމުންވެސްވަކިކުރެވޭނެ އެވެ. އެއަށްވުރެ ރަނގަޅު ބަޔަކު ހޯދަން އިއުލާނުކޮށް އެކަން ކުރެވޭނޭ ބަޔަކު މަސައްކަތަށް އިސްކުރަންވީ އެވެ.

ދައުލަތުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކަށް ގާނޫނީ ބާރު ލިބިދީފައި އޮންނަނީ ފުޅާ ދާއިރާއެއްގަ އެވެ. ތަހުގީގުކުރުމަށް ބަލާފާސްކުރުމާއި، މުދާ ހިފެހެއްޓުމާއި، ވަގުތީ ގޮތުން ކަންކަން މަޑުޖައްސާލަން އަމުރުކުރުންފަދަ މުހިންމު ބާރުތައް ބައެއް އިދާރާތަކަށް ލިބިދީފައި އެބަހުއްޓެވެ.

މި ހުރިހާ ބާރުތަކެއް ގާނޫނުއަސާސީއިންނާ ގާނޫނުން ލިބިއޮވެމެ ގިނަ މުއައްސަސާތަކުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރާ ތަނެއް ނުފެނެ އެވެ. މި ލިޔުމުގެ ސުރުހީއާ ލިޔުމާ ގުޅެނީ މިހާހިސާބުންނެވެ.

ލިޔުމުގެ ސުރުހީގައި އެއޮތީ މިސާލު ބަހެކެވެ. ލ އަތޮޅު ގަމުގައި ހިނގިކަމަށްބުނާ އެ ހާދިސާ އަބްދުﷲ ސޯދިގުގެ "ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން މަޖާޒާއި މިސާލުބަސް – 2008" މިފޮތުގައި ލިޔުއްވާފައި އޮވެ އެވެ.

ގަމަށް ފުރެއްދެ އޮޑިއެއް އެހެލަން ހަމަޖެހިފައި އޮތުމުން ރައްޔިތުން މަސައްކަތަށް ނުކުންނަން ގޮވާފައި އޮތް ދުވަހެކެވެ. ރައްޔިތުންގެ އަންހެން ފިރިހެން، ފައިއިނދޭފުރާގެ އެންމެން ރައްޔިތުން މަސައްކަތަށް ނުކުންނާނެ އެވެ. ހަށިގަނޑު ސަލާމަތުން ތިބި ވަރުހުރި މީހަކު ނަމަ މަސައްކަތުގައި ބައިވެރިވާންޖެހެ އެވެ. ރައްޔިތުން މަސައްކަތަށް ނުނިކުތުމަކީ ކުށްވެރިވާ ކަމެކެވެ.

ރަށު އޮފީހުގެ އެންގުމާ އެއްގޮތަށް ކުދިބޮޑު އެންމެން މަސައްކަތަށް ނުކުމެއްޖެ އެވެ. އެރަށު ނެވީންގެ ތެރެއިން އަލީފުޅު ފިޔަވަ އެވެ. އޭނާގެ ހިލަމެއް ނުވި އެވެ. އަލީފުޅު މަސައްކަތަށް ނުނުކުންނަކަން އެނގިގެން އަތޮޅުވެރިން އޭނާ ބަލައި ފޮނުވައިގެން ހާޒިރުކޮށް، ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފަށްޓަވައިފި އެވެ. ނިތަށް ރޫއަރުއްވައިގެން ހުންނަވައި، ބަލަ ކަލޭ މަސައްކަތަށް ނުނުކުތީ ކީއްވެގެންތޯ ސުވާލުކޮށްފި އެވެ. ތިމަން މިއުޅެނީ ބަލިވެއޭ މިއަދަކު މަސައްކަތްކުރާނޭ ހިތްވަރެއް ނެތޭ އަލީފުޅު ބުނެފި އެވެ. އަލީފުޅުގެ މި އުޒުރު އަތޮޅުވެރިންނަކަށް ބަލައެއް ނުގަނެވުނެވެ. ބަލާބެލުމަށް އަލީފުޅު ބަލިކަމަކަށް ނުފެނެ އެވެ.

އަތޮޅުވެރިން ކޯފާވެފައި އަލީފުޅަށް އަމުރުކުރެއްވީ ވަލުގައި ހިފައި މަސައްކަތުގައި ބައިވެރިވުމަށެވެ. ދެންވެސް އަލީފުޅު ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލުމުން އަލީފުޅު އެ މަސައްކަތުގައި ބައިވެރިކުރުވުމަށް އެހެން މީހުންނަށްވެސް ގަދަ އަމުރުކުރައްވައިފި އެވެ. އެހިސާބުން އަލީފުޅުވެސް ދެން ނުގޮސް ނުވާނޭކަން އެނގުމުން ކަންނެތްކަމާއެކު ހިނގައިގަނެ، ވަލުގައި ހިފައިފި އެވެ. މިހެން ހުރެގެން އަތޮޅުވެރިންނަށް ބުނެ އެވެ. ތަކުރުފާނުންގެ ބާރުގަދަކަމުން ވަލުގައި ހިއްޕައިފީމުތާއޭ، މަގައިގައި ހުރި ބާރު މަގޭ އަތަށް ގަދަކަމުން ލައްވާނީ ކިހިނެއް ބާވައެވެ.

ދައުލަތުގެ މަގާމުތަކާ ހަވާލުވެތިބި ގިނަ ބޭފުޅުންނެކޭ ނެވި މި ދެންނެވި އަލީފުޅެކޭ ތަފާތެއް ނެތެވެ. ގާނޫނުއަސާސީއާ ގާނޫނުން ހަމަޖައްސާފައި އޮތީ އުސޫލުތަކެވެ. މަގާމަށް އަންނަ މީހާއަށް ލިބޭނޭ ހިމާޔަތާއި ރައްކާތެރިކަމާއި، މަސައްކަތްކުރަންވީ ގޮތްތަކާއި، ލިބިދޭ ބާރުތައްވެސް ގާނޫނުތަކުގައި ތަފުސީލުވެފައި އެއޮތީ އެވެ. އެހެނަސް، ކިތަންމެ ބާރެއް ލިބިދީފައި އޮތަސް މަގާމުތަކާ ހަވާލުވާ މީހުން އިހުލާސްތެރިކަމާއެކު މަސައްކަތް ނުކުރާހާ ހިނދަކު ނުކުންނާނޭ ނަތީޖާއެއް ނޯންނާނެ އެވެ.

އަލީފުޅަށް ގަދަ އަމުރުކޮށްގެން ބިރު ދެއްކުމުން މަޖުބޫރުން ވަލުގައި ހިފައިފާނެ އެވެ. އޭނާ ގައިގަ ހުރި ބާރެއް މުލައްދަނޑިއަށްލައި މަސައްކަތް ފުރިހަމަކުރެވޭނީ އޭނާ އެކަން ކުރީމަ އެވެ. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގަ އެވެ. ވަލަށް ވާންވާނީ ހިފާ މީހަކު އަމިއްލަ ބާރުން ދެމީމަ އެވެ. ކަންނެތްކަން ދައްކާ މީހަކު ވަލުގައި ހިފައިގެން ހުއްޓަކަސް މި ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ އެވެ. އެކަލަހަ މީހުން ވަލުން އަތް ދޫކޮށްލައި، ހަށިފޮޅާލާފައި ގެއަށް ވަޑައިގަންނަވަންވީ އެވެ. ވަލުގައި ހިފަންވީ އަމިއްލަ އިހުތިޔާރާއި، އަމިއްލަ ޝައުގުވެރިކަންވެސް ހުރެގެން މަސައްކަތްކުރާނޭ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox