ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް، ސާބިއާ އަށް އުފަން، ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު، ޑްރަގަން ޑުކަނޯވިޗް ހަަމަޖައްސައިފި އެވެ.
ޑްރަގަން، 54، އަކީ މާޒިޔާ އަށް އިރުޝާދު ދޭނެ ބިދޭސީ ހަ ވަނަ ކޯޗެވެ. އަދި ސާބިއާ އަށް ނިސްބަތްވާ ތިން ވަނަ ކޯޗެވެ.
މީގެ ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން ބިދޭސީ ކޯޗުންނަކީ، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ، ސާބިއާގެ މިއޮޑްރަގް ޖެސިކް އާއި ރިސްޓޯ ވިޑަކޮވިޗްގެ އިތުރުން މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ދެ ކޯޗުން ކަމަށްވާ ބަލްގޭރިއާގެ އިވާން ކޮލޭވް އާއި ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ތާރީހެއް އެނގިފައިނުވި ނަމަވެސް، މާޒިޔާ އިން ބިދޭސީ އާ ކޯޗެއް ހަަމަޖައްސާފައި މި ވަނީ، އޮކްޓޫބަރު މަހު ފަހުކޮޅު އެ ޓީމުން އޭއެފްސީގެ ޗެލެންޖް ލީގު ކުޅެން ޖެހޭނެތީ އެވެ.
މި ފަހަރު އޭޝިއާގައި ރާއްޖެ ތަމްސީލްކުރާނެ ހަމައެކަނި ޓީމަކީ، އެންމެ ފަހުން ހަތަރު ވަނަ ފަހަރަށް ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އެވެ. އޮކްޓޫބަރު 26 ގައި ފަށަން ނިންމާފައިވާ އޭއެފްސީ ޗެެލެންްޖް ލީގުގައި މާޒިޔާ ހިމެނެނީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގަ އެވެ.
މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ ކުވެއިތުގަ އެވެ. މާޒިޔާގެ ގްރޫޕްގައި އޮތީ ކުވެއިތުގެ އަލް އަރަބީ ސްޕޯޓްސް ކްލަބް، ތުރުކުމެނިސްތާންގެ އެފްސީ އަކްރަޑަގް އަދި ކިރްގިސްތާން އެފްސީ އަބްދީޝް އާޓާ އެވެ. އެ ގޮތުން، ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިިމިއާ ލީގުގެ ރަނަރަޕް އެވެ. އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ އަކީ އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.
ޗެލެންޖް ލީގުގެ ވެސްޓް ޒޯނުގައި އޮތީ ތިން ގްރޫޕެކެވެ. ތިން ގްރޫޕުން އެއް ވަނަ އަށް ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، ދެން ކުއާޓާ އަށް ދާނީ، ތިން ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމެވެ.
މާޒިޔާގެ އާ ކޯޗު ޑްރަގަންގެ އޭޝިއާ ތަޖުރިބާ ދެ ގައުމެއްގައި
މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި، ޔޫގޯސްލާވިއާ 21 އަހަރުން ދަށުގެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑްރަގަން، ކޯޗިން ކެރިއަރު ފަށާފައިވަނީ، 2003 ވަނަ އަހަރު އެވެ.
ޑްރަގަން، ހެޑް ކޯޗެއްގެ ގޮތުގައި ކެރިއަރު ފެށީ، 2003 ވަނަ އަހަރު މޮންޓަނެގްރޯގެ ކްލަބް މޮގްރެން އިންނެވެ. އޭނާ އަށް މޮންޓަނެގްރޯގެ އެންމެ މޮޅު ކޯޗުގެ މަގާމު 2005 ވަނަ އަހަރު ލިބިފައިވެ އެވެ. އޭގެ ފަހުން ސާބިއާގެ އޯއެފްކޭ ބިއޮގްރޭޑް އާއި ސިންޑެލިކް ބިއޯގާޑުން ފެނިގެންދިޔަ އެވެ.
ޔޫރަޕުން ބޭރުގައި ޑްރަގަންގެ ފުރަތަމަ ތަޖުރިބާ އައި ބަންގްލަދޭޝްގަ އެވެ. އެ ގޮތުން،، 2013-2014 ވަނަ އަހަރުގެ ސީޒަނުގައި، ޑުކަނޯވިޗް ވަނީ ބަންގްލަދޭޝްގެ ޝެއިހް ރަސެލް އެފްސީގައި ކޯޗުކަން ކޮށްފަ އެވެ. ޝެއިހް ރަސެލް ޓީމަށް ކޯޗުކޮށްދިން ފުރަތަމަ ބިދޭސީ ކޯޗު، ޑްރަގަން، ވަނީ އެ ޓީމަށް ބަންގްލަދޭޝްގެ ޕްރެޒިޑެންޓްސް ކާމިޔާބުކޮށް، އޭއެފްސީ ކަޕަށް ގެންގޮސްދީފަ އެވެ.
ޑްރަގަން ވަނީ މޮންޓަނެގްރޯގެ ކްލަބެއް ކަމަށްވާ ލޮވްޝެން އަށް ވެސް އިރުޝާދުދީފަ އެވެ.
ޑްރަގަންގެ ކޯޗިން ކެރިއަރުގައި އެންމެ ގިނަ ތަޖުރިބާތަކެއް ކޮށްފައިވަނީ އިންޑޮނޭޝިއާގަ އެވެ. އޭނާ ވަނީ، 2016-2017 ވަނަ އަހަރު އިންޑޮނޭޝިއާ ކްލަބް، ބޯނެއޯ ސަމަރިންޑާ އަށް ކޯޗުކޮށްދިނުމުގެ އިތުރުން، 2019-2021 އަށް އިންޑޮނޭޝިއާގެ ކްލަބް، ޕީއެސްއައިއެސް ސަމަރަންގެ ޓެކްނިކަލް ޑިރެކްޓަރު ކަމާއި ކޯޗުކަން ކޮށްފަ އެވެ. އަދި 2022 ވަނަ އަހަރު ވެސް އެ ޓީމުގައި ކޯޗިންގެ މަސައްކަތްކޮށްފައިވެ އެވެ.
އެންމެ ފަހުން، ޑްރަގަން، މަސައްކަތްކުރީ ގްރީސްގެ ދެ ވަނަ ޑިވިޝަނުގެ ކްލަބް، އެގާލިއޯގަ އެވެ.











