ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ގޯސްވެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 18.60ރ. އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.
ޑޮލަރުގެ އަގަށް މިހާ ބޮޑު ބަދަލެއް ކުއްލިއަކަށް މި އައީ ރާއްޖޭގެ ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަކުރިކަން އެ ބޭންކުން ރަސްމީކޮށް މިއަދު އިއުލާނު ކުރުމާއެކު އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18.30ރ. އަށެވެ. މިއަދު ފެށުނު އިރުވެސް އަގު ހުރީ އެވަރުގަ އެވެ. ނަމަވެސް މިހާރު ޑޮލަރުގެ އަގު ހުރީ 18.60ރ. އިން މަތީގަ އެވެ. ބައެއް މީހުން ދަނީ 20ރ. އަށްވެސް ޑޮލަރު ވިއްކަމުންނެވެ.
މި އަހަރު ޑޮލަރުގެ އަގު އެންމެ ދަށަށް ދިޔައީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދުވަސްވަރެވެ. އެއިރު ޑޮލަރެއްގެ އަގު 17.20ރ. އަށް ވެސް ހުއްޓެވެ.
ނަމަވެސް ސީޒަން ނިމި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު މަދުވާން ފެށުމާއެކު އަނެއްކާ ވެސް ޑޮލަރުގެ އަގު އުފުލެން ފެށީ އެވެ.

ޑޮލަރުގެ އަގު އުފުލުނީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ މަސް ދުވަސް ވެސް ނުވަނީހެވެ. ނަމަވެސް, ދެ މަސް ފަހުން ޑޮލަރުގެ އަގު މިވަނީ އޭރު ހުރި ރޭޓާ ބަލާއިރު 1.40ރ. އަގު ބޮޑުވެފަ އެވެ.












