ދިވެހި ފުޓްބޯޅައިގައި ހާލަތު ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ އޭއެފްސީ ޗެލެންޖް ލީގަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެ، ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް ގަދަ އަޅައި މަސައްކަތްކުރުމުގެ އަޒުމުގައި ކަމަށް ބުނެފި އެވެ.
ކުރިއަށް އޮތް ސީޒަނުގައި، އޭއެފްސީގެ ކްލަބު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާނެ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ. އެ ގޮތުން، މުޅިން އަލަށް މި ފަހަރު އޭއެފްސީން ފަށާ، އެ ފެޑެރޭޝަނުގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޗެލެންޖް ލީގުގައި މާޒިޔާ ވާދަކުރާނެ އެވެ.
މާޒިޔާގެ މެނޭޖަރު، އިބްރާހިމް ވަހީދު އާއި މީޑިއާ އޮފިސަރު ހަސަން ޝިފާން ވަނީ ދާދި ފަހުން މެލޭޝިއާގައި ކުރިއަށްދިޔަ އޭއެފްސީ ޗެލެންޖް ލީގުގެ ގުރުއަތުލުމާއި ވޯކްޝޮޕްގައި ބައިވެރިވެފަ އެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ ޑްރޯގެ ތެރެއިން މާޒިޔާގެ މީޑިއާ އޮފިސަރު، ޝިފާން (ކ) އާއި މެނޭޖަރު ވަހީދު.--- ފޮޓޯ: މާޒިޔާ
"ދިވެހި ފުޓްބޯޅައިގައި ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، މި ކްލަބު އޮތީ އޭއެފްސީ މުބާރާތަށް ވީ އެންމެ ރަނގަޅަށް ތައްޔާރުވެ، ޤައުމަށް ރީތި ނަމެއް ހޯދައިދިނުމަށް ގަދަ އަޅައި މަސައްކަތްކުރުމުގެ އަޒުމުގައެވެ." މާޒިޔާ އިން އެ ކްލަބްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ޕޯސްޓްގައިވެ އެވެ.
މާޒިޔާ ހިމެނޭ ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ، އޮކްޓޫބަރު މަހު ފަހު ހަފްތާގައި ކުވެއިތުގަ އެވެ. މާޒިޔާގެ ގްރޫޕްގައި ހިމެނޭ ކުވެއިތުގެ އަލް އަރަބި އަކީ އެ ގައުމުގެ ޕްރިިމިއާ ލީގުގެ ރަނަރަޕް އެވެ. އެ ގްރޫޕްގައި ދެން އޮތް، އަކްރަޑަގް އަކީ ތުރުކުމެނިސްތާންގެ ލީގާއި ކަޕް ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޓީމެވެ. އަދި ޕްލޭއޮފް ބުރުން އައި ކިރްގިސްތާންގެ އަބްދީޝް އާޓާ، ދެން އެ ގްރޫޕްގައި އޮތްއިރު އެ ޓީމަކީ، އެ ގައުމުގެ އެންމެ ފަހުން ދެ ފަހަރު ވެސް ލީގު ޗެމްޕިއަން ހޯދި ޓީމެވެ.
މި ފަހުން މާޒިޔާ ޓީމު ވަރުގަދަކޮށްގެން ވެސް އޭއެފްސީގައި ކާމިޔާބެއް ނުލިބި އޮތް އެންމެ ބޮޑު އެއް ސަބަަބަކީ ރާއްޖޭގެ ލީގުގައި ނިސްބަތުން ރަނގަޅު މެޗުތަކެއް ނުލިބުމެވެ. މި ފަހަރު، ޗެލެންޖް ލީގަށް މާޒިޔާ އިން ތައްޔާރުވާއިރު، އެ ޓީމަށް ރާއްޖޭގެ ކްލަބް ފުޓްބޯޅައިގެ އެއްވެސް މެޗެއް ނުލިބުމުގެ ބިރު އެބައޮތެވެ. އެއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފުނިޖެހިފައިވާ މައްސަލަތަކާ ހެދި، ފީފާ އިން އެފްއޭއެމް ނޯމަލައިޒް ކޮމިޓީއަކާ ހަވާލުކުރިއިރު، ފުޓްބޯޅަ ކްލަބްތައް މާލީ ގޮތުން އިންތިހާ އަށް ދަށް ހާލަތެއްގައި އޮތުމުން، ފުޓްބޯޅަ ސީޒަން އަަވަހަށް ފެށުމުގެ ފުރުސަތު ކުޑަކޮށް ފެންނާތީ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ހިމެނޭ މާޒިޔާ ޓީމުގެ ކުޅުންތެރިންނަށް، އެ ކްލަބުން އެޑްވާންސް ފައިސާ ހަަމަޖައްސައިދީ، އެ ކްލަބުން މިހާރު ތައްޔާރުވަމުން އަންނަނީ އޭއެފްސީ ޗެލެންޖް ކަޕްގައި ވެސް ރަނގަޅު ކަންތައްތަކެއް ހާސިލްކުރުމުގެ އަމާޒުގައި ޕްރީ ސީޒަން ފެށުމަށެވެ.
މާޒިޔާ އިން އެދެނީ ޗެލެންޖް ލީގަށް ކުރިމަތިލާއިރު، ދިވެހި ފުޓްބޯޅައިގެ ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން އެ ކްލަބަށް ސަޕޯޓް ކުރުމަށެވެ.
"ކަމަބޭހޭ އިދާރާތާކުން މިހާރުވެސް މި ކްލަބަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރަމެވެ. އަދި މި ކްލަބުގެ ސްޕޮންސަރުންނާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ. މި ކްލަބުން އެދެނީ އޭއެފްސީ ކަޕަށް ޓީމު ތައްޔާރުކުރުމަށް ކުރާ މަސައްކަތަށް ކަމާބެހޭ އިދާރާތްތަކާއި ސްޕޮންސަރުންގެ ފަރާތުން އިތުރު އެހީތެރިކަން ލިބުމެވެ.،" މާޒިޔާ އިން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓުގައިވެ އެވެ.











