ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރިސޯޓުތަކުގެ މެދުގައި ކުރިއަށްގެންދިޔަ މޯލްޑިވްސް ރިސޯޓް ވޮލީ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވައްކަރު މޯލްޑިވްސް ހޯދައިފި އެވެ.
ޒޯންތަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ ބ. ޒޯން ޗެމްޕިއަނަކީ ވެސް ވައްކަރެވެ. ފައިނަލުގައި ވައްކަރު ބައްދަލުކުރީ މާލެ ޒޯން ޗެމްޕިއަން, ފޯ ސީޒަން ކުޑަ ހުރާ އާ އެވެ.
ފައިނަލް މެޗު ވައްކަރުން ކާމިޔާބުކުރީ, ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ, 25-17, 25-21 އަދި 25-14 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ކުޑަ ހުރާ އަތުން ކައިރިކައިރީ ހަތަރު ޕޮއިންޓް ގެއްލުމުން އޭގެ ފައިދާ ނަގާ ވައްކަރުން ވަނީ މި ސެޓުގައި އިތުބާރާ އެކު ކުޅެފަ އެވެ. އެއާ އެކު މި ސެޓު ފަސޭހަކަމާއެކު، 25-17 އިން ވައްކަރުން ވަނީ ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ދެވަނަ ސެޓު ފަށައިގެން ދެ ޓީމުވެސް ކުޅެފައިވަނީ ޕްރެޝަރުގަ އެވެ. ބޮޑު ލީޑެއް ނުލިބި, ސެޓުގެ ބޮޑުބައެއް ދިޔަ ނަމަވެސް ސެޓުގެ ފަހު ކޮޅު ވައްކަރުން ވަނީ އެ ޓީިމުގެ އެޓޭކުތައް ވަރުގަދަކޮށް 25-21 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ ފަހު ސެޓުގައި ވައްކަރުން ވަނީ ކުރީ ދެ ސެޓެކޭ އެއްފަދައިން އިތުބާރާއެކު ކުޅެފަ އެވެ. މި ސެޓުގައި ކުޑަހުރާގެ ފަރާތުން ބޮޑެތި ގޯސްތަކެއް ފެނިގެންދިޔައިރު, ސެޓުގެ އެ ޓީމުގެ ގިނަ ސާވިސްތަކެއް ވެސް މިސްވި އެވެ. އެއާއެކު, މި ސެޓު 25-14 އިން ވައްކަރު ވަނީ ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވައްކަރުގެ މުހައްމަދު ހަސަން (ސޮއްޓި) ހޮވުނުއިރު, އެންމެ މޮޅު ކޯޗަކީ ވައްކަރުގެ ކޯޗު އިމާދް އަލީ އެވެ.













