މާލެ އާއި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ މަހު ކުލިން 20 ޕަސެންޓު މައާފު ކޮށްދިނުމުން ވެސް ފައިސާ ނުދައްކާ ކަމަށާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހައުސިން މިނިސްޓަރީން އިންޒާރެއް ދީފި އެވެ.
ހައުސިން މިނިސްޓަރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކަމުން ނުދާތީ، މަހުން މަހަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދެއްކުމަށް މިނިސްޓަރީން އިލްތިމާސް ކުރަން" ކަމަށެވެ.
ބަޔާނުގައި ބުނީ ގަވާއިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި ޔުނިޓު ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ޔުނިޓުތައް ބޭނުން ކުރުމާއި ގަވާއިދާ ހިލާފަށް ތަނަށް ބަދަލުގެނެއުމުގެ އިތުރުން ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން މިނިސްޓަރީއިން ބަލަމުންދާ، ކަމަށެވެ.
"މިގޮތުން ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާމެދު އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅާނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފްލެޓުތަކަށް ދައްކަންޖެހޭ ކުލި ކުޑަ ކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓުތަކާއި ހިޔާ ޓަވަރުތަކުގެ އިތުރުން މުޅި ރާއްޖޭގެ އެކި ސަރަހައްދުގައި އިމާރާތް ކޮށްފައި ހުރި ހައުސިން ޔުނިޓުތަކަށް ދައްކަންޖެހޭ ކުލި ކުޑަ ކުރި ކަމަށް ސަރުކާރުން ބުނެ އެވެ.













