ފަތުރުވެރިން އިތުރުކުރަން ޓޫރިޒަމް މިނިސްޓަރު ފައިސަލް އިންޑިއާގެ ދެ މިނިސްޓަރަކާ ބައްދަލުކުރައްވައިފި

އިންޑިއާ އާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޓޫރިޒަމް މިނިސްޓަރީ

އިންޑިއާ އާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޓޫރިޒަމް މިނިސްޓަރީ

ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެމްއެމްޕީއާރުސީން އެގައުމުގައި މިހާރު ކުރިއަށް ގެންދާ "ވެލްކަމް އިންޑިއާ" ރޯޑްޝޯގެ ހަވާސާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާގެ ދެ މިނިސްޓަރަކާ ބައްދަލުކުރައްވައިފި އެވެ.

ނިއުދިއްލީއާއި މުމްބާއީގެ އިތުރުން ބެންގަލޫރުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ "ވެލްކަމް އިންޑިއާ" ރޯޑްޝޯތަކުގެ ހަވާސާގައި މިއަދު ފައިސަލް ފުރަތަމަ ބައްދަލު ކުރެއްވީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު، ޝްރީ ގަޖެންދްރާ ސިންގް ޝޭހަވަތު އާ އެވެ.

ޓޫރިޒަމް މިނިސްޓަރީން ބުނީ އެ ބައްދަލުވުމުގައި އެއް ގައުމުން އަނެއް ގައުމުގައި ހިންގާ ފަތުރުވެރިކަމުގެ މަޝްރޫއުތައް އިތުރު ކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އިތުރު ފުރުސަތުތައް ފަހި ކުރުމާމެދު މަޝްވަރާ ކުރި ކަމަށެވެ.

އެ ބައްދަލުވުމަށްފަހު މިނިސްޓަރު ފައިސަލް ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު، ޝްރީ ކިންޖަރަޕު ރަމްމޯހަން ނައިދޫ އާ ވެސް ބައްދަލު ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ވެސް ދެގައުމުގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ދެ ގައުމުގެ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށް މަޝްވަރާ ކުރި ކަމަށް ޓޫރިޒަމް މިނިސްޓަރީން ބުންޏެވެ.

އިންޑިއާގައި މިހާރު ކުރިއަށް ގެންދާ ރޯޑްޝޯތަކަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށް ގެންދާ ރޯޑްޝޯތަކެކެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ މަހު ވެސް އެ ގައުމުގައި ރޯޑްޝޯއެއް ކުރިއަށް ގެންދިޔަ އެވެ.

އިންޑިއާއަކީ މިދިޔަ ދެ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. ނަމަވެސް މިއަހަރު އެގައުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހައިތަނަށް 1،159،808 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، 70،753 ފަތުރުވެރިންނާއެކު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގަ އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފެށީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި މައްސަލައިގަ އެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫ އަރައި އިންޑިއާގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ވަނީ ރާއްޖެ ބްލެކްލިސްޓު ވެސް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox