މި އަހަރުގެ މެއި މަހުގެ ތެރޭގައި ޓޫރިސްޓުން އަންނަ އަދަދު ކުރީ އަހަރުތަކަށް ވުރެ މަދު ނަމަވެސް، ޖޫން އާއި ޖުލައިގައި ޓޫރިސްޓު ނަމްބަރުތައް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމުން އާންމުކޮށްފައިވާ ޑެއިލީ އެރައިވަލް ރިޕޯޓުތަކުން ދައްކާ ގޮތުގައި ޖޫން އާއި ޖުލައިގެ މިހާތަނަށް، ކުރީ ދެ އަހަރަށް ވުރެ ގިނައިން ޓޫރިސްޓުން އައިސްފި އެވެ. މިއީ މެއިގައި، ފަހުގެ ތާރީހެއްގައި ނުވެއްޓޭ ވަރަށް ޓޫރިސްޓު ނަމްބަރުތައް ވެއްޓުުމަށް ފަހު ޓޫރިޒަމް ސިނާއަތުގެ ދުވެލި ރަނގަޅު ވަމުން އަންނަ ކަމުގެ ހެއްކެކެވެ.
ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާއެކީ، ކުރިން ހީކުރެވުނު ގޮތާ ހިލާފަށް، މި އަހަރުގެ އޮފް ސީޒަނުގައި އަންނަ ޓޫރިސްޓުންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.
އޮފް ސީޒަނުގެ ޓޫރިސްޓު ނަމްބަރުތައް (2023 އާއި 2024)
- މެއި - 119،875 (120،959)
- ޖޫން - 123،284 (120،363)
- ޖުލައި (15އާ ހަމައަށް) - 76،837 (68،723)
- އަހަރުގެ މިހާތަނަށް ޖުމްލަ އެރައިވަލް - 1,010,866
ޓޫރިސްޓުން އަންނަ މާކެޓުތަކުގެ އެއް ނަމްބަރުގައި މި ވަގުތު އޮތީ ޗައިނާ އެވެ. ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ކުރީ އަހަރަށް ވުރެ 11.9 ޕަސެންޓު އިތުރެވެ. ދެވަނައިގައި އޮތީ ކޮވިޑުގެ ފަހުން އެއް ނަމްބަރާއި ދެ ނަމްބަރުގައި ހިފަހައްޓަމުން އަންނަ ރަޝިއާ އެވެ. ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ގަދަ ފަހެއްގައި ދެން އޮތީ އިޓަލީ އާއި ޖަރުމަނެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުމަށެވެ. މިދިޔަ މަހުގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުންގެ ލަނޑުދަނޑިއަށް ވާސިލުވެވިއްޖެ އެވެ.










