މާލެ އާއި ހުޅުމާލޭގައި ހިންގާ ޓޭކްއަވޭ ކޮފީ ޝޮޕުތަކާއި ފިހާރަތައް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 15 ބިދޭސީއަކު ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ ބިދޭސީން އިމިގުރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ޖުމުލަ ހަތް ތަނެއް ބަލައި ފާސް ކުރުމަށްފަހު ކަމަށެވެ.
އެ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެންނެވެ.
އެގޮތަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ މަހު ވެސް ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 83 ބިދޭސީއަކު އަތުލައިގެންފަ އެވެ. އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އިމިގުރޭޝަނުން ވަނީ ބުނެފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލު ނުލިބި އޮތް ބޮޑު މައްސަލަ އެކެވެ. މި އަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 1800 އެއްހައި ބިދޭސީން އެމީހުންގެ ގައުމަށް އަނބުރައި ފޮނުވާލައިފައިވާ ކަމަށް އިމިގުރޭޝަނުން ބުނެ އެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހުއްޓުމެއް ނެތި އޮޕަރޭޝަންތައް ހިންގަމުން ގެންދާނެ ކަމުގެ ޔަގީންކަން އިމިގުރޭޝަނުން ވަނީ ދީފަ އެވެ.













