ކުށް ގިނަވުމާ ބެހޭގޮތުން ޝިފާން ދެއްކެވީ މަގާމާ ނުބައްދަލު ވާހަކަތަކެއް ކަމަށް ކުރީގެ ސީޕީ ހަމީދު ވިދާޅުވެއްޖެ

ކުރީގެ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު; ކުށް ގިނަވުމާ ބެހޭގޮތުން ޝިފާން ދެއްކި ވާހަކައަށް ރައްދު ދެއްވި -- ފައިލް ފޮޓޯ: އަދަދު

ކުރީގެ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު; ކުށް ގިނަވުމާ ބެހޭގޮތުން ޝިފާން ދެއްކި ވާހަކައަށް ރައްދު ދެއްވި -- ފައިލް ފޮޓޯ: އަދަދު

މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް އޮތް ކަމަށް "އަދަދު"ން ރިޕޯޓްކުރުމުން، އެއީ "މީގެ 10 މަސް ދުވަސް ކުރިން ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން" ވީ ގޮތެއް ކަމަށް ވިދާޅުވެ، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދެއްކެވީ މަގާމާ ނުބައްދަލު ވާހަކައެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު ވިދާޅުވި ގޮތުގައި މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކައެއް ދެއްކުމަކީ ފުލުހުންގެ މުއައްސަސާ ތަމްސީލުކުރައްވާ ތަރުޖަމާނަކު ދައްކަވަންވާ ވާހަކައެއް ނޫނެވެ. އަދި މިއީ މިހާރު ވެސް ހީނަރުވެފައިވާ އެ މުއައްސަސާގެ އަދުލުވެރިކަމާއި ޕްރޮފެޝަނަލިޒަމަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ގެއްލިގެންދާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ހަމީދު ވިދާޅުވީ, ބޮޑެތި ކުށްތަކުގައި ދައުވާ ލިބޭ އަދި ތަކުރާރުކޮށް ކުށްކުރާ މީހުން ޝަރުއީ ބަންދުން ދޫކޮށްލުމުގައި ނުވަތަ ޕެރޯލާއި މައާފު ދިނުމުގައި ސަރުކާރުތަކުން ނުފޫޒު ފޯރުވުމަކީ މައްސަލައެއް ކަމަށެވެ. އަދި ކޮންމެ ސިޔާސީ ޕާޓީއެއް ވެރިކަމުގައި އޮތަސް ރާއްޖޭގައި މިކަން އާދައަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުށްކުރާ މީހުން އަބަދުވެސް ތިބެންޖެހޭނީ ޖަލުގައި ކަމަށް ގަބޫލު ކުރުމަކީ ފުށުއަރާ ވިސްނުމެއް. ޕެރޯލާއި މައާފް ދިނުމަކީ ގާނޫނީ މަރުހަލާގެ ތެރޭގައި ހިމެނޭ, އެކަމަކު ޒިންމާދާރުކަމާ އެކީގައި ތަންފީޒު ކުރަން ޖެހޭ ކަމެއް," ހަމީދު ވިދާޅުވި އެވެ.

ގާނޫނު ތަންފީޒު ކުރުމަކީ ގޮންޖެހުންބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ އަމާޒު ހިފަންވީ އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ހުރަސްތަކާއެކު ވެސް އަމިއްލަ ނަފްސު ޖަވާބުދާރީ ކުރުވައި, އެ ހުރަސްތަކުން އަރައިގަނެވޭނެ ގޮތްތައް ހޯދަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކިވަކި އިސް އޮފިސަރުން ނުވަތަ މުއައްސަސާ ތަމްސީލުކުރައްވާ ބޭފުޅުން ނުހައްގުން އަމަލު ކުރުމަކީ މާޔޫސްވާ ކަމެކެވެ. އެއީ ނުރައްކާތެރި އަދި ރައްޔިތުންގެ ހިމާޔަތުގައި އޮތް މުއައްސަސާއަކަށް އިތުރު ގެއްލުމެއް ލިބުމުގެ މަގު ފަހިކޮށްދޭ ކަމެއް ކަމުގައި ވެސް ހަމީދު ވިދާޅުވި އެވެ.

"ހިތާމައަކީ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މިފަދަ [ނުހައްގު] އަމަލުތައް ކުރައްވަމުން ގެންދަވާތަން ފެންނާތީ. އެންމެ ބޮޑު ކަންބޮޑުވުމަކީ، ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާތަކުގެ ތެރޭގައި، އަދި އެންމެ މަތީ ފަންތީގައިވެސް، މިދެންނެވި ފަދަ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ އިހްލާސްތެރިކަން ނެތުން," ހަމީދު ވިދާޅުވި އެވެ.

"މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" މި ސުރުހީގެ ދަށުން "އަދަދު" ގައިި ޖެހި ރިޕޯޓް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރައްވަމުން ޝިފާން ވިދާޅުވީ އެއީ "ހިތި ހަގީގަތް" ކަމަށް ފުލުހުން ގަބޫލު ކުރާ ކަމަށެވެ.

އެހެން މެދުވެރިވި ސަބަބެއްގެ ގޮތުގައި ޝިފާން ވިދާޅުވީ މީގެ 10 މަސް ކުރިން ޖަލުން ދޫކޮށްލި 454 އެއްހާ މީހުން މުޖުތަމައަށް ދޫވެފައި ތިބުމެވެ.

"434 މީހުންގެ ބޮޑު [ކުށްވެރިންގެ] އާބާދީއެއް، މީގެ 10 މަސް ދުވަހުގެ ކުރިން އެމްސީއެސް އިން ދޫކޮށްލުމާއި، ޒަމާނާ އެކީގައި އުމްރާނީ ތަރައްގީގެ ބިނާތަކެއް ނުލިބުމުގެ ސަބަބުން، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު [ކުށުގެ] ކާރިސާއެއްގައި،" ޝިފާން ލިޔުއްވާފައިވެ އެވެ.

ޝިފާންގެ އެ ޕޯސްޓަށް އެކްސްގައި ޖަވާބުދިން ބައެއް މީހުން ބުނީ އެއީ "މާނައެއް ނެތް ބަހަނާއެއް" ކަމަށެެވެ. އަދި ބަހަނާއެއްގެ ގޮތުގައި "ކުރީ ސަރުކާރު" ދެއްކުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox