މާފުށީ ބޭރުގައި އޮތް ސަފާރީއަކާއި ބ. ހިތާދޫގައި ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި 200 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއި ދަޅު އަތުލައިގަނެގައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބ. ހިތާދޫގައި އޮޕަރޭޝަނެއް ހިންގާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ބ. އަތޮޅު ފުލުހުން ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ހިތާދޫ ބަނދަރު މަތީގައި ފުލުހުން ތިބި މަންޒަރު އެމީހާއަށް ފެނުމުން އޭނާގެ އަތުގައި އޮތް ފޮށިގަނޑެއް އެއްލާލި ކަމަށެވެ. އެ ފޮށިގަނޑު ނަގައި ފާސްކުރިއިރު، އޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފިލްމު ހުސްކުރި ދަޅަކާއި ނުވަ ރަބަރު ޕެކެޓު އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.














