އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ގޮވާލާ މައްސަލާގެ މާބޮޑު މައުލޫމާތެއް އިނގިފައި ނެތަތީވެ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެކަމާ މެދު އަމަލުކުރާނެ ގޮތަކާމެދު ޖަވާބެއް ދެއްވެން ނެތް ކަމަށް، އެ ޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޕީއެންސީގެ ޕީޖީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލުކުރީ މި މަޖިލީހުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގޮވާލާ ނިމިދިޔަ މަޖިލީހުން ފާސްކުރި ގަރާރު ފަދަ ގަރާރެއް އަލުން ފާސްކުރާނެތޯ އެވެ. މިކަމުގައި ޕީއެންސީގެ ޕީޖީގެ ވިސްނުމަކީ ކޮބައިތޯވެސް ނޫސްވެރިޔާ ސުވާލުކުރި އެވެ.
ޖަވާބުގައި ފަލާހު ވިދާޅުވީ، "އިޒްރޭލުގެ މައްސަލާގައި ހަމަ ދަންނަވާލަން، އެކަމަކީ އަދި އަޅުގަނޑުމެން އެކަމުގެ މާބޮޑު މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހަށް އިނގިފައިވާ ކަމަކަށް ނުވާތީ، އެކަމުގައި އަޅުގަނޑުމެންނަށް މިވަގުތު ތި ސުވާލުގެ ޖަވާބުގަ މާބޮޑު އެއްޗެއް ދެންނެވޭކަށް ނެތް،" މިފަދައިންނެވެ.
މި ސުވާލު ތަކުރާރުކޮށް، ގާނޫނު އަސާސީއަށް ބަދަލުގެނެސްގެން ނަމަވެސް އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރާނަންތޯ އެހުމުން ފަލާހު ވިދާޅުވީ، އެ މައްސަލައަކީ ދެ ގައުމެއް ދޭތެރޭ ހިނގާ ކަމެއް ކަމުން، އެ މައްސަލާގައި ގޮތެއް ނިންމާނީ ސަރުކާރުން އަންގާ ގޮތަކަށް ކަމަށެވެ. ނަމަވެސް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއައުން މަނާކޮށްދިނުމަށް ގޮވާލާ މިދިޔަ އަހަރު ގިނަ އަދަދެއްގެ އާންމުން ވަނީ މަޖިލިސް ދޮށަށް އެއްވެ މުޒާހަރާ ކޮށްފަ އެވެ.

އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭޕްރިލް 1، ގަ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގޮވާލާ މަޖިލިސް ދޮށުގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ: އަދަދު
އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑައިލަން އެ ގަރާރުގައި ގޮވައިލި އެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިން ކުރަމުންދާ ސުވާލުތަކަށް ސަރުކާރުން ސީދާ ޖަވާބެެއް ދިނުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. އެގޮތުން މި މަހުގެ ހަވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުވެސް ސުވާލަށް ޖަވާބު ދެއްވަމުގެ ބަދަލުގައި ފަލަސްތީނު މީހުންނާ ރާއްޖެއާ އޮތް ގާތްކަމުގެ ވާހަކަ ދައްކަވާފަ އެވެ.
އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަނިކޮށް ސުވާލު ތަކުރާރު ކުރުމުން ހީނާ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ނަގަން ޖެހޭ ކޮންމެ ސްޓޭންޑެއް ސަރުކާރުން ނަގާނެ ކަމަށެވެ. އެގޮތުން ކުރަން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












