ދެ މަޝްރޫއެއް ނިންމަން ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު ދިނުމަށް އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި ލޯން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އަދި ސައުދީ ފަންޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރްޝަދު އެވެ.
މި އެއްބަސްވުމުގެ ދަށުން ސައުދީ ފަންޑުން ލޯން ދިނުމަށް ނިންމާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޓާމިނަލުގެ މަސައްކަތް ނިންމުމަށް 100 މިލިއަން ޑޮލަރު އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް 50 މިލިއަން ޑޮލަރެވެ.
ސައުދީ ފަންޑުގެ ދަށުން ރާއްޖޭގައި މިހާތަނަށް 16 މަޝްރޫއެއް ހިންގަން 470 މިލިއަން ޑޮލަރުގެ ލޯނު ވަނީ ދީފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ވަނީ ނިމިފަ އެވެ.
ސައުދީ ފަންޑުގެ ސީއީއޯ ވަނީ އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.










