ވޯޓު ދެވޭ ގޮތަކުން ފާފަވެރި ވެދާނެ

ވޯޓު ދެވޭ ގޮތަކުން ފާފަވެރި ވެދާނެ

ވިސްނާވަޑައިގެން ބައްލަވާށެވެ! ދުނިޔެ ހައިރާންކުރަނިވި މުޅި ދުނިޔެއަށް ވެރިކަން ހިންގި ބޮޑެތި އެމްޕަޔަރުތައް މުޅި ދުނިޔެއަށް ރަސްކަން ހިންގިގޮތާއި، އެ ރަސްކަމާމެދު އެހެން ހުރިހާ މީހުން ބިރުގަނެ ޖެހިލުންވެގެން ތިބި ސަބަބެވެ. އެޔާއެކު ހަމަ އެފަދަ ބޮޑެތި ރަސްކަންތައް އިންދިރާސްވެގެން ހަމަ ބިމަށް ތިރިވި ގޮތާއި ވުޖޫދުން ނެތިދިޔަ ގޮތެވެ. ދުނިޔޭގައި އާދަޔާ ހިލާފު މޮޅު ބާރުވެރި ވެރިކަމެއް ހިންގި އެއްވެސް ބަޔެއްގެ ވެރިކަން ކާމިޔާބުވެފައި އޮންނަނީ މާ މޮޅު ހަރުދަނާ ނިޒާމެއް އެބައިމީހުން ތަނެއްގައި ބާއްވާފައި އޮތް ގަލެއްގައި ނުވަތަ ފަތެއްގައި ލިޔެފައި އޮވެގެންނެއް ނޫނެވެ.

ދުނިޔޭގައި ނަން ހިނގި ބޮޑެތި ބޮޑެތިހާ މަދަނިއްޔަތުގެ ތަނބުތަކުގެ ގޮތުގައި ގުނާ އުޅޭ، ކޮންމެ މަދަނިއްޔަތަކާ ދިމާގައި ހެދިފައި ހުރި ފަސްފުނި އަމިއްލަ ދެއަތުން ކޮނެފައި އަމިއްލަ ދެ ލޮލުން ބަލާލާށެވެ. ސުމޭރިއަނުންނާއި، އިންޑަސްވަލީ އާއި މިސްރުގައި އޮތް އެވޭލާ ތަހުޒީބު ތަމައްދުނެވެ. އެވޭލާ ޗައިނާގައި ވެރިކަން ކުރި ރަސްކަންތަކާއި ގުރީކުގެ މޮޅު ވެރިކަމާއި ތާރީހުން ބަލާއިރު ކުލައިގައި ފަނޑުކަމެއް ނުވާ ރޯމަނުންގެ ހަޟާރަތާއެކު، އަހަރެމެން ނިސްބަތްވާ މުސްލިމުންގެ ރަންޒަމާނުގައި އޮތް އިސްލާމީވެރިކަންތައް ވެސްމެ އެވެ.

އަދި މިޒަމާނުންވެސް ބަލާށެވެ. އެމެރިކާއާއި އިނގިރޭސިންނާއި ޔޫރަޕްގެ ގިނަ ގައުމުތަކެވެ. އަޅުގަނޑުމެންގެ ގާނޫނުއަސާސީހާ ފުރިހަމައަށް ލިޔެވިގެން، ހުރިހާ އަސާސީ ހައްގުތަކެއް ކަށަވަރުވާނޭ ގޮތުން، ތިންބާރު މުޅިން ވަކިވާނޭ އުސޫލުތަކެއްގެ މައްޗަށް މިނިވަން އެތައް މުއައްސަސާތަކަކާއެކު ޒަމާނީ އަދި ތަހުޒީބު ވެރިކަމެއްގެ އުސޫލުތައް މިޔަށްވުރެ ތަފުސީލުކޮށް ލިޔެވިފައި އޮތް ގާނޫނުއަސާސީއެއް ހަމަ ގައިމު މިދެންނެވުނު އެހެން ތަނެއްގައި އޮއްވައެއް ނުފެންނާނެ އެވެ. އެކަމަކު އަހަރެމެން މި އުޅެނީ ރާއްޖޭގެ ބޮޑެތި ރަށްރަށުގައި 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ވެސް ނުދެވިގެންނެވެ.

ދެންނެވުނު ކޮންމެ ހަޟާރަތެއް އެރިގޮތަށް މައްޗަށް އުޑާހަމައަށް އުފުލުނީ އެ ހަޟާރަތު އެ ވަގުތަކު ކޮނޑުއަޅައިގެން ތިބި ބަޔެއްގެ ހުރި ހިންމަތާއި މިންނަތާއި މަސައްކަތާއި ތެދުވެރިކަމުންނެވެ. އަދި މިއިން ކޮންމެ ހަޟާރަތެއް ބޯކޮޅުވަތަށް ޖެހުމުގައި، އެބައިމީހުންގެ ކަންކަމާ އަލަށް ހަވާލުވި އުރަތްޕެއް ހަރުދަނާކަމެއް ނެތް ވެރިންނާއި، ތިމާގެ މީހުންނާއި ދަންނަ ރަށްޓެހިންނަށް ވަޒީފާ ބެހުމުން ނުކުތް ސަބަބަށްވުރެ ބޮޑު އެހެން އާމިލެއް ނުވަތަ ފެކްޓާރެއް ފެނިވަޑައެއް ނުގަންނަވާނެ އެވެ.

ކިތަންމެ މޮޅު ގާނޫނުއަސާސީއެއް ހަދައިގެން އުޅުނަސް، އެއެއްޗެއް ތަންފީޒުކުރަން ތިބި ބަޔެއްގައި "ކަންފުޅެއް" ނެތަމަ، ގައުމެއްގައި ގާނޫނެއް އަސާސެއް ނެގެހެއްޓޭނެ ހަމައެއްވެސް ގޮތެއް ނޯންނާނެ އެވެ. އަހަރެމެން އިލާހީ ދީނަށް ބޯލަނބައިގެން ތިބި މުސްލިމުންނަށްވުރެ ބޮޑަށް މިކަން އެނގެންޖެހޭ އެހެން ބަޔަކު ނޫޅޭނެ އެވެ. އެހެނީ މުޅި ދުނިޔޭގައި ފަޚްރުވެރިކަމާއެކު ވެރިކަން ހިންގައި ފާރިސީންނާއި ރޯމަނުންގެ މައްޗަށް އަހަރެމެން މުސްލިމުން ފަތަހަ ހޯދައިގެން ބިނާކުރި ބާރުވެރިކަމާއި ވެރިކަން އަހަރެމެންގެ އަތުން ގެއްލި، އަހަރެމެންނަކީ ކާފަރުންގެ އަޅުވެތިކަމުގައި ތިބި ބަޔަކަށް މިއަދުވެފައިވަނީ، އަހަރެމެން ތަބާވި ޤުރުއާނުގައި އަދި މާތް ނަބިއްޔާގެ ސުންނަތުން ލިޔެވިފައިވާ ބައިގައި ހުރި އުނިކަމެއްގެ ސަބަބަކުންނޫނެވެ. ހަމަ މިދެންނެވިހެން އަހަރެމެންގެ ހަޟާރަތު އެބަޔެއްގެ ކޮނޑާހަމައަށް ވާރުތަވީ މީހުންގެ ހުރި ފިނޑިކަމާއި ކަންނެތްކަމާއި ތަންދޮރުނުދަތުމާއި ބޭއީމާންކަމާއި ޖާހިލުކަމުންނެވެ.

ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން، ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެރައްޔިތުންގެ ބާރުވެރިކަން ތަމްސީލުކުރުމުގެ ފަސޭހައަށް މުޅި ގާނޫނުއަސާސީ ބާރުވެރިކަމާއެކު ތަންފީޒުކުރުމުގެ ބުރަމަސްއޫލިއްޔަތު އުފުލާން އެއަސާސީ ދެއްކި މަގަކީ ރައްޔިތުންގެ މަޖިލީހެވެ. ނިކަން ބައްލަވާށެވެ. އެމަޖިލީހުން ނަގާ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރެވެ އެވެ. އަދި އެއްވެސް ފަނޑިޔާރަކު މަގާމުން ވަކިކުރެވެނީ ވެސް އެ މަޖިލީހުން ވޯޓެއް ނަގައި ގޮތެއް ނިންމައިގެންނެވެ. އެކަމަކު އެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރުމަކީ އެހެން ބާރަކަށް ލިބިދީފައި އޮތް ބާރެއް ކަމަކަށް ނުވެ އެވެ. އެހެންވީމާ މިމަހުގެ 21 ވަނަ ދުވަހު ނުވަތަ އަންނަ އާދީއްތަ ދުވަހު އަހަރެމެން ދިވެހި ރައްޔިތުން އަދާކުރާ ގާނޫނީ ޒިންމާއަކީ ވަރަށް ބޮޑު ޒިންމާއެކެވެ. އަދި އެއީ އެމައްޗަށް ތިމާ ފާފަވެރިވުމާއި ނުވުން އޭގައި ހިމެނިގެންވާ ގޮތުން އުފުލާ ދީނީ މަސްއޫލިއްޔަތެކެވެ.

އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައިވާ މާތް ﷲ ގެ އިލާހީ ތަދުބީރުކުރެއްވުމަށް ސަމާލުކަން ދެއްވާށެވެ. "ހަމަކަށަވަރުން، ބަޔަކުމީހުންގެ ހާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ އެ ހާލަތު ބަދަލެއް ނުކުރައްވާނެ އެވެ." އަހަރެމެންގެ ހާލަތު ހަމަ ގައިމުން ރަނގަޅެއް ނޫނެވެ. އެ ހާލަތު ބަދަލުކުރެވޭނީ އަހަރެމެންގެ އަމިއްލަ އަތުން ބަދަލުކުރީމަ އެވެ.

ޒަމާންތަކެއްވެދިޔައީ، ޕާޓީން ދެއްކި މީހަކަށް ވޯޓުދިނުމާއި، ތިމާގެ މީހާ ކުރިމަތިލީމާ އެމީހާއަށް ވޯޓުދިނުމާއި ރަށްޓެހި މީހާ ކުރިމަތިލީމާ އެމީހާ ހޮވުމަށް މަސައްކަތްކުރުމުގައި ނޫންތޯ އެވެ. އަދި އެޔަށްވުރެ ވެސް ދެރަވަރުކޮށް، ކުޑަ އަގެއްގައި ވަކިވަކިންނާއި ގަޑުކޮށް ވޯޓު ވިއްކާލުމުގައިވެސްމެ އެވެ. އެކަމަކު އެޔަކުން ބަދަލުވީ ހާލަތެއްނެތެވެ. ވެރިކަމުގެ ނިޒާމު ދިޔައީ ފަހަތަށް ސޮހެމުންނެވެ. އަހަރެމެންގެ ހާލަތު ދިޔައީ ދަށަށް އަޑިއަޅަމުންނެވެ. އެކަމަކު ކަންކަމާބެހޭ އޮފީސްތަކާއި މިނިސްޓްރީތަކާއި މުއައްސަސާތައް ވަރުވަރުން ބޮޑުވަމުން އެތަންތަނުގެ މުވައްޒަފުން އިތުރުވަމުންދެއެވެ. ޖީބަށް އަންނަ ލުޔެއް އިތުރުވާ ފުދުންތެރިކަމެއް ހަމަ އެއްވެސް ފަރުދަކަށް އިހުސާސްވަމަކުންނުދެ އެވެ.

ކުރާ ކޮންމެ ކަމެއްގައި އިލާހީ ދީނަށް އެނބުރިގަންނާށެވެ! ވޯޓަކީ އަދާކުރާ ހެކިބަހެކެވެ. ކުރިމަތީގައި ތިބި މީހުންކުރެ އެންމެ ރަނގަޅީ މިމީހާ ކަމުގައި ބުނެ ދޭ ހެކިބަހެކެވެ. އެއީކީ އާދައިގެ ކަމެއް ނޫނެވެ. އަލްބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތެވެ. "...އަދި، ހެކިންނަށް ގޮވައިލައިފި ހިނދަކު އެއުރެން (އެކަމުން) މަނާވެ ނުގަންނަހުށިކަމެވެ! .." އެހެންވީމާ ވޯޓުލާން ކޮންމެހެންވެސް ވަޑައިގަންނަވާށެވެ! އައްޠަލާޤް ސޫރަތުގެ 2 ވަނަ އާޔަތެވެ. "... އަދި ﷲ އަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ!..." އެހެންވީމާ ﷲ ގެ ވަޖުހުފުޅަށް އަދައިގެން އެންމެ ހެޔޮ ގޮތާއި ރަނގަޅު ގޮތް ވިސްނާފައި އެންމެ ގާބިލު ހަރުދަނާ މީހާއަށް ނޫނީ ތިމާގެ ވޯޓާއި ތަރުހީބު ނުދެއްވާށެވެ!

އަންނިސާއު ސޫރަތުގެ 135 ވަނަ އާޔަތް ވެސް ބައްލަވާށެވެ! "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އަދުލުއިންސާފު ނެގެހެއްޓުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެ އެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަގީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، ﷲ އައުލާކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެ އެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox