ލިޔޯން، ފްރާންސް (މާޗް 24) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ފްލޯރިއަން ވާޓްޒް ޖެހި ރެކޯޑް ގޯލާ އެކު، 2-0 އިން ފްރާންސް ބަލިކޮށް ޖަރުމަނުން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.
މި މެޗުގެ ހަތް ވަނަ ސިކުންތުގައި ޓޯނީ ކްރޫސް ދިން ބޯޅައަކުން ވާޓްޒް ޖެހި ގޯލަކީ ޖަރުމަނު ގައުމީ ޓީމަށް މިހާތަނަށް ކުޅުންތެރިއަކު ޖަހައިދިން އެންމެ އަވަސް ގޯލެވެ. މީގެ ކުރިން، އެ ރެކޯޑް އޮތީ 2013 ވަނަ އަހަރު އިކުއެޑޯ ކޮޅަށް ލޫކަސް ޕޮޑޯލްސްކީ ޖެހި ލަނޑެވެ. އެއީ ހަތް ސިކުންތު ހިނގި ފަހުން ޖެހި ގޯލެކެވެ.
ވާޓްޒް ރޭގެ މެޗުގައި ގޯލު ޖަހަން ބޯޅަ ދިން ކްރޫސް ޖަރުމަނު ޓީމަށް ކުޅުނީ މެދުކެނޑުމަކަށް ފަހު އެވެ. ކްރޫސް ވަނީ 2021 ވަނަ އަހަރުގެ ޔޫރޯ އަށް ފަހު ޖަރުމަނު ޓީމުން ރިޓަޔާކޮށްފަ އެވެ.

ޓޯނީ ކްރޫސް: އަލުން ޖަރުމަނު ޓީމަށް އެނބުރި އައިސް މޮޅު ކުޅުމެއް ވަނީ ދައްކައިފައި.
ކްރޫސް، އަލުން ޓީމަށް އައީ، މި ފަހަރު އަމިއްލަ ގައުމުގައި ކުޅޭ ޔޫރޯގެ ކުރިން، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ގައުމީ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަންގެ އެދުމަށެވެ.
ފްރާންސަށް ގޯލެއް ޖަހައިދޭން އެ ޓީމުގެ ތަރި، ކީލިއަން އެމްބާޕޭ އަށް ލިބުނު ބޯޅަ ގޯލަށް ފޮނުވައެއްނުލެވުނެވެ.
ޖަރުމަނުގެ ދެ ވަނަ ގޯލު ޖެހީ، ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ޖަމާލް މުސިއާލާ ދިން ބޯޅައަކުން ކައި ހަވާޓްޒް އެވެ. ފްރާންސް އިން ދެ ވަނަ ހާފުގައި ކުރި އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޖަރުމަނުގެ ޑިފެންޑަރު، އެންޓޯނިއޯ ރޫޑިގާ ފޮނުވާލި ބޯޅައެއް ބައިކޮޅަށް ނުވަނީ ކިރިޔާ އެވެ. އެ ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.












