ލަންޑަން (މާޗް 22) - އާސެނަލްގެ އިނގިރޭސި ފޯވާޑް، ބުކާޔޯ ސަކާ އަށް އަނިޔާވެ މި ހަފްތާގައި އިންގްލެންޑުން ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް އެ ޓީމުން ނެގި ސްކޮޑުން ބާކީކޮށްފި އެވެ.
އިންގްލެންޑުން މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ވަރުގަދަ ބްރެޒިލާ ދެކޮޅަށެވެ. އަދި މި މަހުގެ 26 ވަނަ ދުވަހު އެ ޓީމުން ނުކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ކުޅޭނީ، އިނގިރޭސި ރަސްމީ ދަނޑު، ވެމްބްލީ ސްޓޭޑިއަމްގަ އެވެ.
މި ސީޒަނުގައި އާސެނަލްއާ އެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަކާ އަށް އަނިޔާވި ނަމަވެސް އެއީ މާ ސީރިއަސް އަނިޔާ އެއް ނޫނެވެ. އެކަމަކު، މި މަހު 31 ގައި އާސެނަލުން މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ނުކުންނަ މެޗަކީ އެ ޓީމަށް މުހިންމު މެޗަކަށްވުމުން ސަކާ އަށް އަރާމުކޮށް ރިކަވާ ވުމަށް ވަގުތު ދިނުމުގެ ގޮތުން އިންގްލެންޑް ސްކޮޑުން އޭނާ ބާކީ ކުރީ އެވެ.
ސަކާ އަނިޔާގެ ސަބަބުން ސްކޮޑުން ބާކީ ކުރިކަން ހާމަކޮށް އިންގްލެންޑުން ނެރުނު ބަޔާނުގައި ބުނީ އެ ޓީމުން ނެރުނު 25 ކުޅުންތެރިންގެ ސްކޮޑަށް އިތުރު ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ސަކާ ބާކީ ކުރިނަމަވެސް ބަދަލުގައި ކުޅުންތެރިއަކު ނުނަގާނެ ކަމަށް ހާމަކޮށްފައިވެ އެވެ.
އިންގްލެންޑުން ޔޫރޯގެ ކުރިން އިތުރު ދެ ރަހުމަތްތެރިކަމުގެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ބޮސްނިއާ އާއި ދެކޮޅަށާއި އައިސްލަންޑާ ދެކޮޅަށެވެ.
ސަކާ ވަނީ އިންގްލެންޑް ގައުމީ ޓީމަށް ކުޅެދިން 32 މެޗުގައި 11 ގޯލު ޖަހައިފަ އެވެ.












