މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހައުސިން މިނިސްޓްރީން ތާވަލުކޮށްފި އެވެ.
މި ބައްދަލުވުން އޮންނާނީ މާޗު 27, ގަ އެވެ. މި ބައްދަލުވުން ބާއްވާ ތަނާއި ގަޑި ފަހުން އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި މިހާރު ވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން ޝާއިއުކޮށްފަ އެވެ.
ލޭންޑް ޔޫސް ޕްލޭނުގައި ބޮޑު ބައެއް ހަމަޖައްސާފައި ވަނީ ގޯތި ދޫކުރުމަށެވެ. އޭގެ އިތުރުން, ސްކޫލްތަކާއި ހޮސްޕިޓަލާއި މިސްކިތްތަކަށް ވެސް ޖާގަ ހާއްސަކޮށްފައިވެ އެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން. މިކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިނިސްޓްރީން ވަނީ ނިންމާފައި

އޭގެ އިތުރުން ސެންޓްރަލް ފެރީ ޓާމިނަލަކާއި އާޓްސް އެންޑް ކަލްޗާ ސެންޓަރެއް ވެސް ގިރާވަރުފަޅުގައި ގާއިމުކުރަން ލޭންޑް ޔޫސް ޕްލޭންގައި ހިމަނާފައިވެ އެވެ. އަދި ކުޅިވަރު ކުޅޭ ސްޓޭޑިއަމްތަކާއި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ވެސް ޒޯނުތަކެއް ކަނޑައަޅާފައިވެ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން 9,003 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާއިރު އޭގެ ތެރެއިން ގިރާވަރުފަޅުން 5,433 ގޯތި ދޫކުރާނެ ކަމަށް ހާމަކޮށްފައިވެ އެވެ.
ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތް މަޝްރޫއުއަށް 50 ހެކްޓަރު އިތުރުކުރަން ނިންމައި އެ ފަޅު ހިއްކައި ނިމޭއިރު 219 ހެކްޓަރު ހުންނާނެ އެވެ.













