ޕެރިސް (މާޗު 12) - މި އަހަރު އޮންނަ އޮލިމްޕިކްސް ގޭމްސް އަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ގެންދަން ބޭނުންވާ ކަމަށް އާޖެންޓީނާގެ އޮލިމްޕިކް ޓީމުގެ ކޯޗު ހަވިއޭ މަޝެރާނޯ ބުނެފިއެވެ
އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި 23 އަހަރުން ދަށުގެ ޓީމުތައް ބައިވެރިވިޔަސް، ކޮންމެ ޓީމަކަށްވެސް ސީނިއާ ތިން ކުޅުންތެރިން ސްކޮޑުގައި ޖެހެ އެވެ.
އާޖެންޓީނާ އިން މި އަހަރު ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ނުކުންނާނީ ތިން ވަނަ ފަހަރަށް އެ މުބާރާތުގެ ރަން މެޑަލް ހޯދުމުގެ އަޒުމުގައެވެ.
އާޖެންޓީނާ އިން ވަނީ 2004 އަދި 2008 ވަނަ އަހަރު އޮލިމްޕިކްސް ރަން މެޑަލް ހޯދައިފަ އެވެ. ޗައިނާގައި 2008 ވަނަ އަހަރު އޮތް އޮލިމްޕިކްސްގެ ރަން މެޑަލް ހޯދި ޓީމުގައި މެސީ ހިމެނެ އެވެ.
މެސީއާއެކު ބާސެލޯނާ އަދި އާޖެންޓީނާގެ ގައުމީ ޓީމަށް ކުރިން ކުޅުނު މަޝެރާނޯ ބުނީ އޮލިމްޕިކްސްގައި ބައިވެރިވުމަށް މެސީ އަށް މިހާރު ދައުވަތު ދީފައިވާނެ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މެސީއާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މަޝެރާނޯ ބުނީ މި އަހަރުގެ އިންޓަ މަޔާމީ އަދި އާޖެންޓީނާގެ ގައުމީ ޓީމާއެކު މެސީ ،36، ގިނަ މެޗުތަކެއް ކުޅޭތީ، އޮލިމްޕިކްސްގައި ބައިވެރިވުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އަދި މެސީގެ ކޮންމެ ނިންމުމަކަށްވެސް އިހުތިރާމްކުރާނެ ކަމަށެވެ.
"މިއީ ފަސޭހަ ކަމެއް ނޫން. މެސީ ގޮތެއް ނިންމަން ފުރުސަތު ދީފައި މިހާރު އެ އޮތީ،" މަޝެރާނޯ ބުންޏެވެ.
މަޝެރާނޯ ބުނީ އޮލިމްޕިކްސްގައި ކުޅުމުގެ ދައުވަތު އާޖެންޓީނާގެ ތަޖުރިބާކާރު ވިންގާ އަންހެލް ޑިމާރިއާ އަށް ދިން ނަމަވެސް، އޭނާ ވަނީ އޮޮލިމްޕިކްސްގައި ކުޅެން ބޭނުންނުވާކަން އަންގައިފައެވެ.
"ޑިމާރިއާ އެންގީ އޭނާގެ ބަދަލުގައި ޒުވާން ކުޅުންތެރިއަކަށް ފުރުސަތު ދިނުން މާ ރަނގަޅުވާނެކަމަށް،" މަޝެރާނޯ ބުންޏެވެ.
އޮޮލިމްޕިކް ގޭމްސް ޕެރިހުގައި ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.












