އޮޑިޓަ ޖެނެރަލް އޮފީހުގެ އާ އިމާރާތުގެ ބިންގާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަޅުއްވައި ދެއްވައިފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި 17،000 އަކަފޫޓުގެ ބިމެއްގައި ހަ ބުރިއަށް ބިނާކުރާ އެ އިމާރާތުގެ ބިންގާ އެޅުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ އާއި އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު އަދި މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު ވެސް ބައިވެރިވެވަޑައިގަތެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ އާ އޮފީސް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެ އޮފީހުގެ ބައެއް މުވައްޒަފުން. -- ފޮޓޯ: ރައީސް އޮފީސް
ހިތްގައިމު ފަރުމާއަކަށް ހަދާ އެ އިމާރާތުގައި މުވައްޒަފުންގެ ޖާގައިގެ އިތުރުން ޑޭކެއާ ސެންޓަރަކާއި ލައިބްރަރީ އަކާއި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއް ހިމެނެއެވެ. އަދި ވެހިކަލް ޕާކް ކުރާނެ ޖާގަ ހިމެނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޯގަސްޓު 2022 ގަ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އަމަލީ މަސައްކަތް އޮތީ ނުފެއްޓި އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އެމްޓީސީސީއާ މަޝްރޫއު ހަވާލުކުރީ 138 މިލިއަން ރުފިޔާ އަށެވެ.













