ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެއިން ވަގުތީ ބިމެއް ދީފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މާލޭގައި ހިންގަމުން އައި ނީލަން ވިޔަފާރި ހިންގުމަށް ހުޅުމާލެ ފޭސް 1 ގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ހުޅުމާލެއިން ހަމަޖެއްސި ބިމުގައި މިހާރު ކުރިޔަށްދަނީ އިން ވަކި ކުރުމުގެ އިތުރުން އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށްވެސް ހައިދަރު ވިދާޅުވި އެވެ.
ނީލަން ފިހާރަތައް މާލޭގައި ހިންގަމުން ދަނިކޮށް ހުއްޓިފައި ވަނީ އެތަނުގައި ރޯވެ އެއްކޮށް އަނދާ ހުލިވުމުންނެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން ނިންމީ ނީލަން ފިހާރަ އެތަނުގައި ނުހިންގުމަށެވެ.
ނީލަން ފިހާރަތައް ހިންގުމަށް މާލޭ އިންްޑަސްޓްްރިއަލް ޒޯނު ސަރަހައްދުން ބިމެއް ހޯދުމަށް ކުރީގެ ސަރުކާރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުން އެދުމުން ބިމެއް ހަމަޖައްސައިދީފައެއް ނުވެ އެވެ.

ރައީސް މުއިއްޒު އޭރު ވިދާޅުވީ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދަކީ އެފަދަ މަސައްކަތްތަކަށް ހާއްސަ ސަރަހައްދެއް ކަމަށާއި، އެތަނުގައި ނީލަން ފިހާރަ ހިންގުމުގެ ހުއްްދައަށް އެދުމުން ޕްލޭނިން މިނިސްޓްރީން ވަނީ އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.












