ޕެރިސް (މާޗު 6) - ފޯމިއުލާ ވަންގެ ރޭހެއްގެ ނަތީޖާއަށް އެ މުބާރާތް ހިންގާ އެސޯސިއޭޝަން ކަމަށްވާ އެފްއައިއޭގެ ރައީސް މުހައްމަދު ބިން ސުލާޔަމް ނުފޫޒު ފޯރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރު އޮތް ސައުދީ ގްރޯން ޕްރީގައި އެސްޓަން މާޓިންގެ ޑްރައިވަރު ފެނާންޑޯ އަލޮންސޯއާ ދެކޮޅަށް ދިން 10 ސިކުންތުގެ ޕެނަލްޓީއެއް ބަދަލުކުރަން ސުލާޔަމް ނުފޫޒު ފޯރުވިކަމުގެ މައުލޫމާތު ވަނީ އެފްއައިއޭ އަށް ލިބިފައެވެ.
އަދި، އެ އެސޯސިއޭޝަންގެ ކޮމްޕްލައިއަންސް އޮފިސަރެއް އެތިކްސް ކޮމެޓީ އަށް ހުށަހަޅާފައިވާ ރިޕޯޓެއްގައި އެ މައުލޫމާތު ވަނީ ހިމަނައިފައެވެ.
ނަން ހާމަކުުރުމަށް ނޭދޭ ފަރާތުން ދިން މައުލޫމާތައް ބިނާކޮށް، އެ ރިޕޯޓުގައި ބުނެފައިވަނީ އަލޮންސޯ އަށް ދިން ޕެނަލްޓީ ރަނގަޅު ނޫން ކަމަށާއި އެ ނިންމުން ބަދަލުކުރަންޖެހޭ ކަމަށް ޔޫއޭއީ އަށް ނިސްބަތްވާ ސުލަޔަމް ވަނީ އެ އިދާރާގެ އިސް ފަރާތެއްގައި ގާތުގައި ބުނެފައެވެ. އޮފިޝަލުން ވަނީ ޕެނަލްޓީގެ ނިންމުން ބަދަލުކޮށްފައެވެ.
މި ޕެނަލްޓީއާއެކު އަލޮންސޯ ވަނީ ތިން ވަނައިން ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު، އެ ޕެނަލްޓީ ނިންމުން ބަދަލުކުރުމާއެކު އޭނާ އަށް ވަނީ ޕޯލް ޕޮޒިޝަން ލިބިފައެވެ.
އެތިކްސް ކޮމެޓީން މި މައްސަލަ ބެލުމަށްފަހު، ރިޕޯޓެއް އެކުލަވާލަން ހަތަރު ހަފުތާ އާއި ހަ ހަފުތާގެ މުއްދަތެއް ހޭދަވާނެކަމަށްވެއެވެ.












