ބާ ޖަމާލުއްދީނުގެ ބިމުން ބައެއްގައި ހަދާ "އަންޑާގްރައުންޑް ޕާކިން ފެސިލިޓީ" ހެދުމުގެ ޕްލޭން ދައްކާލައިފި އެވެ. ހައުސިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ތަރައްގީކުރާ މި ޕާކިން ފެސިލިޓީގެ ޕްލޭން ދައްކާލީ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، އަންޑާގްރައުންޑް ޕާކިން ފެސިލިޓީ ތަރައްގީ ކުރާނީ ހިތްފަސޭހަ މައިޒާނަކާ ވެސް އެކު ކަމަށެވެ.
ހައުސިން މިނިސްޓްރީން އާންމުކުރި ޕްލޭނުން ފެންނަ ގޮތުގައި ޕާކިން ބިލްޑިން ތިރީގައި ހުންނައިރު، ހިތްފަސޭހަ މައިޒާން ތަރައްގީ ކުރާނީ އުސްކޮށް މަތީގަ އެވެ. އެ މައިޒާނުގައި ކުޑަ ހަޓުތަކުގެ އިތުރުން ކުޑަކުދިން ކުޅެލާނެ ސަރަހައްދެއް ތަރައްގީކުރާނެ އެވެ.

ބާ ޖަމާލުއްދީނުގައި ތަރައްގީކުރާ "އަންޑާގްރައުންޑް ޕާކިން ފެސިލިޓީ" އަދި ހިތްފަސޭހަ މައިޒާނުގެ ޕްލޭން -- ފޮޓޯ: ހައުސިން މިނިސްޓްރީ
މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލާއި، ޓްރާންސްޕޯޓް މިނިސްޓްރީ އަދި ވެމްކޯއިން އަންނަނީ ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރި ގިނަ ދުވަސްވީ ވެހިކަލްތައް ވެސް ނައްތާލަމުންނެވެ.

މާލެއަށް ދިމާވާ ޕާކިން މައްސަލަ ހައްލުކޮށް، ޕާކިން އާއި ޕާކްތައް އެއްކޮށް ތަރައްގީ ކުރުމަކީ މާލެ ސިޓީގެ އާ މޭޔަރު އާދަމް އާޒިމްގެ ވައުދެކެވެ. އަދި މި މަޝްރޫއުގެ ކުރެހުންތައް ދައްކާލުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ "ހަފުތާ 14" މަގުޗާޓުގައި ހިމެނޭ މަސައްކަތެކެވެ.












