ތުރުކީގެ އިސްތަންބޫލު ކޯޓަކަށް ހަމަލާ ދިން ދެ މީހަކު މަރާލާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނީ، އިސްތަންބޫލުގެ ކަގްލަޔާން ކޯޓަށް ހަމަލާދީފައި ވަނީ ހަނގުރާމަވެރި ޖަމާއަތަކުން ކަމަށް ބެލެވޭ ކަމަށެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލިކަޔާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަގްލަޔާން ކޯޓު ކައިރީ ހުރި ޗެކް ޕޮއިންޓަކަށް ބަޑިން ހަމަލާދިން ދެ މީހަކު ފުލުހުން މަރާލާފައިވާ ކަމަށާއި، ހަމަލާ ދީފައި ވަނީ ޓެރެރިސްޓް ޖަމާއަތަކަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.

"ބެލެވޭ ގޮތުގައި ހަމަލާ ދީފައި ވަނީ ރިވެލޫޝަނަރީ ޕީޕަލްސް ލިބެރޭޝަން ޕާޓީ/ފްރޮންޓްގައި ހިމެނޭ ދެ މީހަކު،" އަލީ ޔެރްލިކަޔާ ވިދާޅުވި އެވެ.
އެ ހަމަލާއާއެކު ކޯޓު ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަނީ ވަރުގަދަ ކޮށްފަ އެވެ. އަދި މުޅި ސަރަހައްދު އެއްކޮށް ވަނީ ބަންދު ކޮށްފަ އެވެ.
ތުރުކީގައި ޓެރެރިސްޓް ބައެއް ޖަމާއަތްތައް އުޅޭއިރު، އެ ޖަމާއަތްތަކުގެ ހަރަކާތްތައް އަންނަނީ އިތުރުވަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު ވެސް އިސްތަންބޫލުގެ ފައްޅިއަކަށް ހަމަލާދީ އެކަކު ވަނީ މަރާލައިފައެވެ. މި މައްސަލައާ ގުޅިގެން ތުރުކީގެ ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރު ކޮށްފަ އެވެ.










