ޒިއުރިކް، ސްވިޒަލެންޑް (ފެބްރުއަރީ 2) - ފޯމިއުލާ ވަން ރޭސިންގެ ދުނިޔޭގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ، ލެވިސް ހެމިލްޓަން، 11 އަހަރަށް ފަހު، މަސެޑީސް ދޫކޮށްލުމަށް ފަހު، 2025 ވަނަ އަހަރުގެ ސީޒަނުގައި ފެރާރީއާ ގުޅެން ނިންމައިފި އެވެ.
މިދިޔަ އަހަރު ހެމިލްޓަން، 39، ވަނީ މަސެޑީސްއާ އެކު، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އެކަމަކު، އެ ކޮންޓްރެކްޓްގައި ހިމަނާފައިވާ މާއްދާއެއްގައިވާ ގޮތުން، އެއް ސީޒަނަށް ފަހު، މަގުބޫލު ސަބަބަކާ އެކު، ހެމިލްޓަން އަށް ކޮންޓްރެކްޓް ނިމުމަކަށް ގެނެވޭނެ އެވެ.
ހެމިލްޓަން ނިންމާފައިވަނީ އެ މާއްދާގެ ބޭނުން ހިފައި، ކޮންޓްރެކްޓް ނިންމާލުމަށެވެ. އޭނާ ދެން ފެންނާނީ، ފެރާރީ ޓީމުންނެވެ.
ކެރިއަރުގައި ގިނަ ކާމިޔާބީ ހޯދި މަސެޑީސް ދޫކޮށްލުމާ ބެހޭގޮތުން، ހެމިލްޓަން ބުނީ، ހާސިލްކުރެވުނު ކޮންމެ ކަމަކާ މެދު ފަހުރުވެރިވާ ކަމަށެވެ.
"އަހަރެންގެ އުމުރުން 13 އަހަރުން ފެށިގެން މަސެޑީސް އަކީ ހަޔާތާ ގުޅިފައިވާ ބައެއް. އަހަރެން ގިނަ ކަންކަން އެ ބަޔަކާ އެކު ދަސްކުރި ބައެއް މި ދޫކޮށްލަނީ، މިއީ ހަޔާތުގައި ވެސް ނިންމާ އެންމެ އުނދަގޫ އެއް ނިންމުން،" ހެމިލްޓަން ބުންޏެވެ.
އޭނާ ބުނީ އާ ޗެލެންޖެއް ނަގަން ބަލާއިރު، މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
މެކްލާރެން ދޫކޮށް، ހެމިލްޓަން، މަސެޑީސް އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. ހެމިލްޓަން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ހަތް ފަހަރުގެ ތެރެއިން ހަ ފަހަރު ތަށި ހާސިލްކުރީ މަސެޑީސް ޓީމުގައި ހުރެ އެވެ. ހެމިލްޓަން، 102 ރޭސް ކާމިޔާބުކޮށް ހަދާފައިވާ ރެކޯޑަށް ބަލާއިރު، 82 ރޭސް ކާމިޔާބުކުރީ މަސެޑީސްއާ އެކު އެވެ.












