ލޭންޑް ޔޫސް ޕްލޭނަށް އެދުމާއި ބަދަލުކުރުމާ ގުޅޭ ކަންކަން ސަރުކާރުގެ އިދާރީ ގިނަ މަސައްކަތްތައް އޮންލައިންކޮށް ކުރުމަށް އުފައްދާފައިވާ "ވަންގަވް" ޕްލެޓްފޯމުގެ ތެރެއިން ކުރާގޮތަށް ބަދަލުކޮށްފި އެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޭންޑު ޔޫސް ޕްލޭންއާ ގުޅޭ ކަންކަން ވަންގަވްގެ ތެރެއިން ކުރާ ގޮތަށް ބަދަލުކުރީ އެ ހިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިއަދުން ފެށިގެން ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލު ގެނައުމަށް ހުށަހެޅޭނީ ވަންގަވް މެދުވެރިކޮށް އެކަނި ކަމަށް އެ އިއުލާނުގައި ބުނެ އެވެ.
ވަންގަވް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭންއާ ގުޅޭ ހިދުމަތަށް އެދި ހުށަހެޅޭނީ ވަންގަވް ވެބްސައިޓަށް ވަނުމަށް ފަހު އީފާސްއިން ލޮގިންވެގެންނެވެ.
ވަންގަވް ތައްޔާރުކޮށްފައި ވަނީ ރައްޔިތުންނާއި ވިޔަފާރިތަކާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އަވަސްކަމާއި އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. ދުނިޔޭގެ ކޮންމެ ތާކު ހުރެ ކޮންމެ ވަގުތެއްގައި ވެސް ވަންގަވް މެދުވެރިކޮށް ސަރުކާރުގެ ހިދުމަތްތަކަށް އެދި ހުށަހެޅޭނެ އެވެ.













