އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ޗައިނާ ގެންނަން މާކެޓިން ކެމްޕެއިންތައް އިތުރުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ގިނަ ކުރުމަށް އިތުރު އެއާލައިންތަކަށް ފުރުސަތު ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޗައިނާ ވަފުދުގައި ހިމެނިވަޑައިގަންނަވާ ފައިސަލް، އެ ގައުމުގައި ހުންނަވައިގެން ޕަބްލިކް ސާވިސް މީޑިއާ އަށް ދެއްވި އިންޓަވިއު އެއްގައި، ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ޗައިނާގައި ރާއްޖެ އިޝްތިހާރުކުރުމުގެ ވަރުގަދަ މާކެޓިން ކެމްޕޭނެއް ފައްޓަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެގޮތުން ޗައިނާގެ އެކި ސްޓޭޓް ތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ މި ހަރަކާތުގައި އިންޑަސްޓްރީގެ ކަމާބެހޭ ފަރާތްތަަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިންޑަސްޓްރީގެ އެންމެން ބޭނުންކޮށްގެން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ޗައިނާ އަށް ފޯކަސްކޮށްގެން އަޅުގަނޑުމެން ގެންދާނަން. ދެން އިތުރު އެއާލައިންތަކަށް ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފެށޭނެ ގޮތްތަކާ މެދު ވެސް އަޅުގަނޑުމެން މިހާރު މިދަނީ މަޝްވަރާ ކުރަމުން،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާއި ގެސްޓް ހައުސްތަކާއި އަދި ރިސޯޓުތަކަށް ވެސް ލިބިގެންދާނެ އެވެ. އަދި މި ބޮޑު ކެމްޕެއިނުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން މި މަސައްކަތް ފެށީ މިހާރު ޗައިނާ ދަތުރުގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަށް ޗައިނާ ހަދައިދޭން ރައީސް މުއިއްޒު އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ކޮވިޑު ބަލިމަޑުކަމުގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދިޔަ ގައުމެވެ. އެގައުމުގެ އެތައް ސިޓީއަކުން ރާއްޖެއަށް ގިނަ ފްލައިޓުތަކެއް ދިޔައީ ބާއްވަމުންނެވެ. އަދި، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ވެސް އެ ގައުމަށް ބޭއްވި އެވެ.
ނަމަވެސް، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު ބޯޑަރު ބަންދުކޮށް ދަތުރުތައް މެދުކަނޑާލާފައި އޮންނަތާ ދެ އަހަރު ފަހުން އަލުން ދެގައުމުގެ ދޭތެރޭގެ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެފަހުން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޗައިނާއިން އައި ނަމަވެސް ކޮވިޑު ކުރީގެ ދުވަސްވަރާ ގާތަށް ވެސް ނާދެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2008 އިން 2018 އަށް ޗައިނާއިން އެވަރެޖުކޮށް 240،000 ފަތުރުވެރިން އައިސްފައި ވެ އެވެ.










