ރާއްޖެ ބޮއިކޮޓު ކުރަން އިންޑިއާގައި ހިންގަމުންދާ ކެމްޕެއިނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ ކެމްޕެއިން ހުއްޓާލަން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ގޮވާލައިފި އެވެ.
މި މައްސަލަގަނޑެއް ފެށުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ލަކްޝަދީޕަށް ވަޑައިގެން އެތަނުގައި ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ފެށްޓެވުމާ ގުޅިގެން ދެ ގައުމަށް ނިސްބަތްވާ އެކައުންޓުތަކުން އެކްސްގައި ކުރި ޒުވާބެއްގެ ތެރެއިންނެވެ. މައްސަލަ އިތުރަށް ގޯސްވީ ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މި މައްސަލައިގެ ތެރެއަށް ވަދެ މޯދީއަށް ހަޑިހުތުރު ބަސްތަކެއް ރައްދުކުރުމާ ގުޅިގެންނެވެ.
މިކަމެއް ގޯސްވެ އެންމެ ފަހުން އިންޑިއާގެ ބޮލީވުޑު ތަރިިންނާއި ކުޅިވަރު ޝަހުސިއްޔަތުތައް ހިމެނޭހެން ގިނަ ބަޔަކު ވަނީ ރާއްޖޭގެ ބަދަލުގައި ލަކްޝަދީޕަށް ޗުއްޓީ ދާން ބޮޑު ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށާފަ އެވެ. އަދި ރާއްޖެއަށް އިންޑިއާގެ އެއާލައިންތަކުން ކުރާ ދަތުރުތައް ހުއްޓާލައި އެ ގައުމުގެ ޓުއާ އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ރާއްޖެ ބޮއިކޮޓް ކުރުމަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިންޑިއަން ޗެމްބާ އޮފް ކޮމާސްގެ ގޮވާލައިފި އެވެ.
ބޮއިކޮޓް ކެމްޕެއިދާ ދެކޮޅަށް ދިވެހި ވިޔަރާފިވެރިންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ކެމްޕެއިނަކީ ރާއްޖެއަށް ފައިދާހުރި ގޮތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މަޝްވަރާކުރަން މި ކެމްޕެއިންގައި ބައިވެރިވަމުންދާ ފަރާތްތަކަށް އެ ޖަމިއްޔާއިން ގޮވާލާފައި ވެ އެވެ.
ބަޔާން ނިންމާލަމުން، ހުރިހާ ފަރާތްތަކާ އެކީ ރަނގަޅު ގުޅުމެއް ބާއްވައި ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ނަމަވެސް އެ ޖަމިއްޔާއިން އިސްކުރާނީ ދިވެހި ގައުމުގެ ސިޔާދަތާއި ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް ބަޔާންކޮށްފައި ވެ އެވެ. އަދި އެންމެން ބައިވެރިވާ މަޝްވަރާއަކުން ގުޅިގެން ހައްލުތަކެއް ހޯދަން އެ ޖަމިއްޔާއިން ބާރު އަޅާ ކަމަށް ލިޔެފައި ވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން އިންޑިއާގައި ހިނގަމުންދާ ކެމްޕެއިނުގެ ނުރަނގަޅު އަސަރު ކުރާނެ ކަމަށް ޓޫރިޒަމްގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ ޖަމިއްޔާތަކުންނާއި ވިޔަފާރިވެރިން ވެސް އަންނަނީ ބުނަމުންނެވެ. އިންޑިއާއަކީ ވޭތުވި ތިން އަހަރު އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައި ގައުމެވެ.











