މާޒިޔާ އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި

Dec 19, 2023, 12:52 PM
މާޒިޔާގެ ކުޅުންތެރިން ލީގު އައްޑަނަ ހިފައިގެން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާގެ ކުޅުންތެރިން ލީގު އައްޑަނަ ހިފައިގެން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް ބަލިކޮށް 1-0 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

މާޒިޔާ އިން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދީ 2016 ވަނަ އަހަރު އަލީ ސުޒޭން ކޯޗަކަށް ހުއްޓަ އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ 2019/20 އާއި 2020/21 އަދި 2022 ވަނަ އަހަރުގެ ސީޒަންގައި ވެސް ލީގު ކާމިޔާބުކޮށްފަ އެވެ.

މާޒިޔާ އިން 2019/20 ވަނަ އަހަރު، ލީގު ކާމިޔާބުކުރިއިރު، ކޯޗަކަށް ހުރީ މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އެވެ. އެ ފަހުން، މާޒިޔާ އިން 2020/21 ގައި ލީގު ހޯދިއިރު، ޓީމުގެ ކޯޗަކަށް ހުރީ ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް އެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އިން ލީގުގެ ބޮޑުބައި، ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިކްގެ ކޯޗުކަމުގައި ކުޅުނުއިރު، ފަހުން ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ.

މި ސީޒަނުގައި މާޒިޔާ އިން ފެށީ ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވްއާ އެކު އެވެ. އިވާންއާ އެކު މާޒިޔާ އިން ވަނީ ޗެރިޓީ ޝީލްޑާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ވަކި ހިސާބަކުން އިވާން ވަކިކޮށް މާޒިޔާ އިން ވަނީ ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ)އާ ޓީމު ހަވާލުކޮށްފަ އެވެ.

މާލީ މައްސަލަތަކާއި އެފްއޭއެމްގެ އިދާރީ ހިންގުން ދަށްވެގެން، ދެ ބުރު ކުޅުމަށް ފަހު ނިންމާލި، މި ފަހަރުގެ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ މެޗަކުން ބަލިނުވެ އެވެ. މާޒިޔާ އަށް ލީގުގެ 14 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި ނިންމި އީގަލްސް އަށް 14 މެޗުން ލިބުނީ 35 ޕޮއިންޓެވެ.

މުހައްމަދު ޝިޔާޒް (މޯހަން)ގެ ކޯޗުކަމުގައި ކުޅުނު އީގަލްސް މި ފަހަރުގެ ލީގުގައި ބަލިވީ މިއަދުގެ މެޗުން އެކަންޏެވެ. އީގަލްސްގެ ކޯޗުކަމާ މޯހަން ހަވާލުވި، އެ ޓީމުގެ ހެޑް ކޯޗަކަށް ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) ބަލިހާލަތުހުރި ގޮތުން ޓީމާ އެކު ކުރިއަށް ދެވެން ނެތުމުންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އީގަލްސް އަށް ލީޑުނަގައިދޭން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ޖައްސާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މާޒިޔާ އިން ފުރަތަމަ ހާފު ނިންމާލީ ލީޑަކާ އެކު އެވެ. އެ ޓީމުގެ ގޯލަކީ މެޗުގެ 43 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސާބިއާގެ ފޯވާޑް، ވޮޖިސްލާވް ބަލަބަނޮވިޗް ޖެހި ލަނޑެކެވެ. މިއީ، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އީގަލްސް އޭރިއާތެރެއިން އެ ޓީމުގެ ރިިލްވާން ވަހީދު (ރިލޭ) ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ލީޑުނެގިތާ މިނިޓެއް ފަހުން، މާޒިޔާ އިން ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އެ ޓީމުގެ ޖަޕާން މިޑްފީލްޑަރު، ޓޮމޯކީ ވާޑާ ނެގި ކޯނަރަކަށް އަރައި، މުހައްމަދު އިރުފާން (އިރޭ) ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 60 ވަަނަ މިނިޓްގައި އީގަލްސްގެ ޑިފެންސް ފަހަތަށް މާޒިޔާގެ ހަމްޕު ކުޅުނު ބޯޅައަކަށް އަރައި، ބަލަބަނޮވިޗް ހުސްކޮށް ހުރެފައި އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެެވެ. އޭގެ މިނިޓެއް ފަހުން، އީގަލްސް އިން ނުރައްކާތެރި ހަަމަލާއެއް ފޮނުވާލި އެެވެ. ރިޒޭ، އޭރިއާބޭރުގައި ހުރި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލުމުން މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. ސަމިއްޓެ އަށް އެ ބޯޅަ ފޭދޫ އިއްބެ އަށް ދީގެން ވެސް ފޮނުވާލެވެން އޮތެވެ.

އީގަލްސް އަށް އެއްވަރުކޮށްދޭން މެޗުގެ 67 ވަނަ މިނިޓްގައި އޭރިއާތެރެއިން ރިޒޭ ޖެހި ބޯޅަ ވެސް ކީޕަރު ހުސެން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު ދިހަ މިނިޓްގެ ކުޅުން ފެށުނުތަނާ މާޒިޔާ އަށް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ ދަނޑިކައިރިން ދިޔައިރު، ކައުންޓަ އެޓޭކުގައި ބަލަބަނޮވިޗް އޭރިއާތެރެއަށް ވަދެ ޖެހި ޝޮޓް ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހުކޮޅުގައި އީގަލްސް އިން އެއްކޮށް ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ.

ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އަންނަ އަހަރު ވާދަކުރަން ޖެހޭނީ އޭއެފްސީ ޗެލެންޖާސް ލީގުގެ ޕްލޭއޮފް ބުރުގަ އެވެ. އެއީ އޭއެފްސީން މުޅިން އަލަށް ފަށާ، އެ ފެޑެރޭޝަނުން ބާއްވާ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox