ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ދިފާއުކުރަން ވެސް " މޭ އައްޑަނަ އަކަށް ދިއްކުރާނީ" ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމުން އެކޮމިޝަނުގެ ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަމީލު ވިދާޅުވީ އަލަށް އުފައްދާ ޕާޓީ އަކީ ހަގީގީ މާނައިގައި "ރައްޔިތުންގެ އުއްމީދު" ކަމަށެވެ. އެއީ ރައީސް ޔާމީނުގެ ފިކުރު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނުގެ ޕާޓީ މިއީ، މި ޕާޓީ ވެގެންދާނީ މި ސަރުކާރަށް ވެސް ، މިއޮތް ސަރުކާރަށް ވެސް އަންނަ ގޮންޖެހުންތަކުގައި މޭ އައްޑަނައަކަށް ދިއްކޮން، މި ސަރުކާރު ވެސް ދިފާއުކުރާނެ ޕާޓީއަކަށް ވެގެން ދާނީ މިޕާޓީ،" ޖަމީލު ވިދާޅުވި އެވެެ.
އަލަށް އުފައްދާ ޕާޓީގެ ފިކުރު ބައްޓަންކުރާނެ ގޮތަކާ ބެހޭ ގޮތުން "އަދަދު"ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޖަމީލު ވިދާޅުވީ އެޕާޓީން ގެންގުޅޭނީ ޔާމީނުގެ ގައުމީ ފިކުރާ އެއްގޮތް ސިޔާސަތުތައް ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާދަތާއި އިގުތިސާދީ މިނިވަން ކަމުގެ ސިޔާސަތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އެކަންތައްތަކަށް ޕާޓީން ވަކާލާތުކުރާނީ. އެ ވަކާލާތު ކުރުމުގައިި މިއަދުގެ މިއޮތް ސަރުކާރުން ކުރާ ކަންތައްތަކަށް އެއްބާރުލުން ލިބޭނެ ޕާޓީގެ ފަރާތުން، އެއަށް އެއްވެސް ޝައްކެއް ވެސް ނެތް. އަދި އަޅުގަނޑުމެންގެ މި ފިކުރުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާ ހުރިހާ ކަމަކަށް އެއްބާރުލުން ލިބޭނެ،" ޖަމީލު ވިދާޅުވި އެވެ.

އާ ޕާޓީގެ ފިކުރަކީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށާއި އެމްޑީޕީ ފިކުރަށް ނޫނެކޭ ބުނެފައިވާ ކަަމަށް ވެސް ޖަމީލު ވިދާޅުވި އެވެ. ޔާމީނަކީ އެމްޑީޕީގެ ފިކުރާ މުޅިން ހިލާފު ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައު ޕާޓީ އުފައްދަނީ ސަރުކާރާ ގުޅުން ކުޑަ ބޭފުޅުންތަކެއް
ޕީޕީއެމުން ވަކިވެ، އައު ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕްރޮގުރެސިވް ކޯލިޝަނުގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެ އެވެ. ޔާމީންގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ކުރުމަށް މަސައްކަތް ނުކުރުން ހިމެނެ އެވެ.
އެ ތުހުމަތުތައް ކުރުމަށްފަހު އެ ކޯލިޝަނުން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް ޔާމީން އިސްކޮށް ހުންނަވައި ފެށްޓެވި ނަމަވެސ ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރުމުން ދުރަށް ޖެހިވަޑައިގަނެފަ އެވެ. އެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ސަރުކާރުގެ ދިފާއުގަ އެވެ.
ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ހުންނަވާނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން އަބްދުލްގައްޔޫމް އެވެ. އީސީގެ ގަވާއިދު ބުނާ ގޮތުން ޕާޓީއެއްގެ މުއައްސިސެއްގެ ގޮތުގައި ހުންނެވެނީ އެންމެ މީހަކަށެވެ.
ޒޭންގެ އިތުރުން އެ ޕާޓީގެ މުއައްސިސުންގެ ގޮތުގައި ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ތިއްބަވާނެ ކަމަށް މީގެކުރިން ހާމަކޮށްފައިވެ އެވެ. މިއީ ޕީއެންއެފް އުފެއްދުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ ޔާމީނުގެ ވަފާތެރި ސަޕޯޓަރުންނެވެ.












