އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް 2024 އަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގައި ލަފާކޮށްފި އެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އަންދާޒާ ކޮށްފައި ވަނީ 2.01 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.
މިއީ މި އަހަރު އަންނާނެ ކަމަށް ލަފާކުރާ 1.8 މިލިއަން ޓޫރިސްޓުންނަށް ވުރެ ދެ ލައްކަ އިތުރު އަދަދެކެވެ. މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި 2019 ގައި ރާއްޖެ އައީ 1.7 މިލިއަން ޓޫރިސްޓުންނެވެ.
ގިނަ އަދަދަކަށް ޓޫރިސްޓުން އަންނާނެ ކަމަށް ބަލައި ޓޫރިޒަމުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
އެގޮތުން, ޓީޖީއެސްޓީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ އަދި ރިސޯޓު ކުލީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.
އޭގެ އިތުރުން, ޓޫރިސްޓުން އަންނަ އަދަދާ ގުޅިފައިވާ އާމްދަނީތަކުން ވެސް ދެ ބިލިއަން ރުފިޔާ ލިބޭނެ އަންދާޒާ ކޮށްފައިވެ އެވެ. އެއީ;
- އެއާޕޯޓް ޑިޕާޗާ ޓެކްސް - އެއް ބިލިއަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ- އެއް ބިލިއަން ރުފިޔާ
އަންނަ އަހަރު ހިލޭ އެހީ ހިމަނައިގެން ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރަނީ 33.5 ބިލިއަން ރުފިޔާ އެވެ. އެއީ, ޓެކްސް އާމްދަނީއަށް 25.6 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީއަށް 6.6 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ އެވެ.











