ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ކުރާ ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެންގަލޫރު އެެއާޕޯޓަށް ކުރާ މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހު އެވެ. މި ދަތުރުތަކުގެ އަގުތައް ފެށޭނީ ދެކޮޅަށް 231 ޑޮލަރުންނެވެ.
މޯލްޑިވިއަންގެ ވެބްސައިޓުން ބެންގަލޫރު ދަތުރުތަކާ ބެހޭ އިތުރު މައުލޫމާތު ހޯދައި، ފްލައިޓުތައް ބުކް ކުރެވޭނެއެވެ.
މޯލްޑިވިއަންއިން ކުރިން ބުނެފައިވާ ގޮތުގައި ބެންގަލޫރު ދަތުރުތަކުގެ ޝެޑިއުލް ހަމަޖައްސާފައި ވަނީ ޗުއްޓީއާއި ވިޔަފާރީގެ ބޭނުމަށް ވެސް ދަތުރުކުރާ މީހުންނަށް ފަސޭހަ ވާނެ ގޮތަށް ބަލާފަ އެވެ.
އަދި ބައިނަލްއަގުވާމީ ގޮތުން މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅުވާލުމަށް އެ އެއާލައިނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބެންގަލޫރަށް ފަށާ ފްލައިޓްތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް އެންމެ ކަމުދާނެ ދަތުރުތައް ހިޔާރު ކުރުމުގެ ފުރުސަތުވެސް ފުޅާވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަން އިން މިހާރު ވެސް އިންޑިއާގެ ޓްރިވެންޑްރަމް އާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުތައް ބާއްވައެވެ.










