ޓޫރިސްޓު ރިސޯޓުތަކުގައި މަސައްކަތް ކުރާ ކޮންމެ ދިވެއްސަކަށް ދެ ބިދޭސީން މަސައްކަތް ކުރާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އޮޕަރޭޓު ކުރަމުން އަންނަ 168 ރިސޯޓުގައި 52،482 މީހުން ވަޒީފާ އަދާ ކުރެ އެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 10 ޕަސެންޓެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން ރިސޯޓު މަސައްކަތްތެރިންގެ އާބާދީގެ 88 ޕަސެންޓަކީ ފިރިހެނުންނެވެ. އަދި ރިސޯޓުތަކުގައި މަސައްކަތް ކުރާ ކޮންމެ އަންހެނަކަށް އަށް ފިރިހެނުން މަސައްކަތް ކުރެ އެވެ.
ރިސޯޓު މަސައްކަތްތެރިންގެ ތަފާސްހިސާބުތައް
- ޖުމްލަ [52،482] - 46،952 ފިރިހެނުންނާއި 5530 އަންހެނުން
- ދިވެހިން [15،597] - 14،706 ފިރިހެނުންނާއި 891 އަންހެނުން
- ބިދޭސީން [36،885] - 32،246 ފިރިހެނުންނާއި 4639 އަންހެނުން
ހަމައެކަނި ދިވެހިންނަށް ބަލައިލާއިރު، ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންގެ 94 ޕަސެންޓަކީ ފިރިހެނުންނެވެ. އެހެންކަމުން ރިސޯޓުގައި މަސައްކަތް ކުރާ ކޮންމެ ދިވެހި އަންހެނަކަށް 16 ދިވެހި ފިރިހެނުން މަސައްކަތް ކުރެ އެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު މިހާ ގިނައިރު، ޓޫރިޒަމްގެ ގަވާއިދުތައް އޮންނަ ގޮތުން ރިސޯޓުތަކުގެ 45 ޕަސެންޓު ވަޒީފާތައް ހާއްސަކުރަން ޖެހެނީ ދިވެހިންނަށެވެ. ނަމަވެސް މި އުސޫލު ތަންފީޒު ކުރަމުން ނުދާތީ ރިސޯޓުތަކުގައި މަސައްކަތް ކުރާ އާބާދީގެ 70 ޕަސެންޓަކީ ބިދޭސީންނެވެ.











