ވޯޓުލާން ވަޑައިގަންނަވާށެވެ!

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ގުނުން ކުރިޔަށް ދާއިރު ވޯޓުކުރަދާސް ދައްކާލަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ގުނުން ކުރިޔަށް ދާއިރު ވޯޓުކުރަދާސް ދައްކާލަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ޝައްކެއް ނެތެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ބުނާ ގޮތުން، ރިޔާސީ އިންތިހާބުގައި އެމީހަކަށް އެންމެ ރަނގަޅުކަމަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓުދިނުމަކީ އަށާރަ އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ލިބޭ އަސާސީ ހައްގެކެވެ. ގާނޫނީ ގޮތުން ބަލާއިރު އެއީ ހައްގެއްކަމުގައި ވިޔަސް ދީނީ ގޮތުންނާއި ގައުމީ ވިސްނުމަކުން އަދި އަހުލާގީ ނަޒަރަކުން ބަލާއިރު ވޯޓުލުމަކީ ހައްގަކާ ހިސާބުގައި މަޑުޖެހިފައި އޮންނަ ކަމެއްތޯ ނުވަތަ އެޔަށްވުރެ ބޮޑު ޒިންމާއެއްތޯ މިއީ ވިސްނުން ހިންގާލަންޖެހޭ ކަމެކެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމުގައި އެކުރެވޭ ކަމެއްގެ ނަތީޖާއާއި ކުރެވޭ ކަމެއްގެ ތަބީއަތް ސިފަކުރެވޭނެ އެއްގޮތަކީ ވޯޓަކީ ދެވޭ ލަފެޔެކެވެ. ކުރެވޭ މަޝްވަރާއެކެވެ. ގައުމުގެ ރައީސަކަށް ގެންނަން އެންމެ ރަނގަޅީ ކާކުތޯ ކުރެވޭ ސުވާލަށް އެމީހަކަށް ފެންނަ އެންމެ ރަނގަޅު ޖަވާބެއް ދިނުމަކީ އެސުވާލާ ގުޅިގެން ގައުމުގެ އެހެން ރައްޔިތުންނަށް ތިމާ ދޭ ލަފަޔެއް ނުވަތަ މަޝްވަރާއެކޭ ބުނެވިދާނެ އެވެ. އެއީ މަޝްވަރާއެއްކަމުގައި ބަލާނަމަ، މަޝްވަރާކުރުމާބެހޭ ގޮތުން ދީން ބުނާ އެއްޗަކަށް ނަޒަރުދޭން ޖެހެ އެވެ.

މާތް ނަބިއްޔާއާ މުހާތަބުކުރައްވާ އާލްޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ، "އަދި ކަންކަމުގައި ކަލޭގެފާނު އެބައިމީހުންނާ މަޝްވަރާކުރައްވާށެވެ!" މަޝްވަރާކުރުމަކީ މާތް ނަބިއްޔާއަށް އަމުރުކުރެވިފައިވާ ކަމެކެވެ. އެހެންވީމާ އެއީ ކުޅޭކުޅޭ ކަމެއް ނޫންކަން މިކަމުން ސާފުކޮށް ދަލީލު ލިބެ އެވެ. ދެން އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތަށް ވެސް ކަޅިއެއް އެއްލާށެވެ. "...އަދި އެމީހުންނަކީ، އެމީހުންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު ގާއިމުކުރި މީހުންނެވެ. އަދި އެމީހުންގެ ކަންތައްތައް، އެމީހުންގެ މެދުގައިވަނީ މަޝްވަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެމީހުންނަށް ދެއްވި ތަކެތިން، އެމީހުން ހޭދަކުރެ އެވެ." މިއާޔަތަށް ރަނގަޅަށް ވިސްނާ ބަލާއިރު، ނަމާދު ގާއިމުކުރުމާއި ދެއްވި ތަކެތިން ހޭދަކުރުން ނުވަތަ ޒަކާތާއި ސަދަގާތްދިނުމުގެ ވާހަކައިގެ ދެމެދަށް މަޝްވަރާކުރުމުގެ ސިފަ މުއުމިނުންނަށް ނިސްބަތްކުރެވިފައި ވެ އެވެ. ނަމާދުކުރުމާއި ޒަކާތްދިނުން އިސްލާމްދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭއިރު، އެދެކަންތަކާ ގުޅުވައިގެން މުއުމިނުންގެ ސިފައެއްގެ ގޮތުގައި މަޝްވަރާކުރުން ބަޔާންކުރެވިފައި އޮންނަ ކަމުން ލައްކަ ގިނަ އިބުރަތް ލިއްބައި ދެ އެވެ. އާދޭހެވެ. މަޝްވަރާއަކީ ނަމާދު ފަދައިން ގާއިމުކުރަންޖެހޭ ޒަކާތް ފަދައިން ނެރެންޖެހޭ އެއްޗެއްކަމުގައި ބުނެވިދާނެ އެވެ.

ނަމާދާއި ޒަކާތަކީ ފައިސާއަށް ވިއްކާލުން ހުއްދަ ކަންކަމެއް ނޫނެވެ. މީހަކު ދޭ ފައިސާއެއްގެ ބަދަލުގައި ނަމާދުކޮށް ޒަކާތްދިނުމުން އެއަޅުކަން މާތް ﷲ ގަބޫލުނުކުރައްވާނެ ފަދައިން، ވަކި މީހަކު ފައިސާދީފައި އެދޭގޮތެއްގެ މަތީން ދޭ މަޝްވަރާއަކީ އެކަލާނގެ ގަބޫލުކުރައްވާނެ ގޮތުގެ މަތީން ދެވޭ މަޝްވަރާއެއްކަމުގައި ނުވާނެ އެވެ. ވޯޓަކީ ދެވޭ މަޝްވަރާއެއްކަމުގައި ބަލާނަމަ، ވޯޓުގެ މުގާބިލުގައި ފައިސާގައި ހިފުމާއި، ފައިސާ ބަލައިގަތުމާއި، ފައިސާ ދޭ މީހާ އެދޭގޮތަށް ވޯޓުދިނުމާއި މިހުންނަނީ ދީނާ ހިލާފު ކަންކަމެވެ. އަހުލާގީ ގޮތުން ދަށުދަރަޖައިގެ ހަޑި ކަންކަންވެސްމެ އެވެ.

ބައެއް އިލްމުވެރިންގެ ނަޒަރުގައި ވޯޓަކީ ދެވޭ މަޝްވަރާއެއްގެ އިތުރުން، އަދާކުރެވޭ ހެކިބަހެއްވެސްމެ އެވެ. އެހެންކަމާއެކު އިސްލާމްދީނުގައި ހެކިބަސްއަދާކުރުމުގެ ހުކުމްތައް ވޯޓުލުމުގެ މައްޗަށް ހިނގާނެކަމަށް ބައެއް އިލްމުވެރިން ފަތުވާދެއްވާފައި ވެ އެވެ. އެއީ ވެސް ބުއްދީގެ ނަޒަރު ހިންގާލުން މިވަގުތަށް މުނާސަބު ކަމެއް ކަމުގައި ފެނެ އެވެ. ދެމީހެއްގެ ތެރެއިން ވެރިއަކަށް ގެންނަން އެންމެ ރަނގަޅުކަމުގައި އަހުރެން ދެކެނީ މިވެނި މީހާކަމަށް ބުނުމަކީ، ތިމާ ދޭ ހެކިބަހެއްކަމުގައި އިލްމުވެރިން ދެކޭއިރު، ހެކިބަސްދިނުމަކީ އެކަމަށް ހަމަތަކަކާއި އުސޫލުތަކެއް ކީރިތި ގުރުއާނުގައި ކަނޑައަޅުއްވާފައިވާ ކަމެކެވެ.

އަންނިސާއު ސޫރަތުގެ 135 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އަދުލު އިންސާފު ގާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! އަދި ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަގީރަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްވުރެ ﷲ އައުލާކަން ބޮޑެވެ. ތިޔަބައިމީހުން އަދުލުވެރިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބާނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުރިނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ އަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

އެހެންވީމާ ވޯޓުދިނުމަކީ ދެވޭ ހަކިބަހެއްކަމުގައި ބައެއް އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގެ މާނަ މިއާޔަތަށް ނަޒަރުކުރުމުން ސާފު ވެއެވެ. ވޯޓުދިނުމަކީ އެވެނި މީހަކަށްވުރެ މިވެނި މީހާ ގައުމުގެ ރައީސްކަމަށް މާރަނގަޅުކަމުގައި ބުނާނަމަ، ބުނަންވާނީ ﷲ އަށްޓަކައި ތެދުވެރިކަމާއެކުގަ އެވެ. މީހަކު ބުނީތީ، ނުވަތަ ވަކި ބަޔަކު ކުރާ އާދޭހަކަށް އިޖާބަދިނުމުގެ ގޮތަކުންނޫނެވެ. އެމީހަކު ވެރިކަމަށް އައިމާ ތިމާއަށް ލިބިދާނެ މޮޅުކަމާއި މަންފާއަށް ބަލައިގެނެއް ވެސް ނޫނެވެ. އަދި ހަމަމ މިނޭވަގައި ހަނދާންކުރަންޖެހޭ ކަމަކީ، އެމީހަކަށް ވޯޓުދެވޭ މީހާއަކީ ތިމާގެ މީހަކަށްވެގެން ނުވަތަ މުއްސަންޖަކަށްވެގެން ނުވަތަ ފަގީރަކަށްވެގެން، ތިމާގެ ވޯޓުގައި ތިމާގެ ތެދުވެރިކަމަށް ބަދަލެއް ގެނައުމަކީ އަދުލުވެރިކަމާ ހިލާފު ކަމަކަށްވާނޭ ކަމެވެ.

އެހެންވީމާ ވޯޓުލާން ވަޑައިގަންނަވާށެވެ! އަދި ދެ ކެންޑިޑޭޓުންގެ ތެރެއިން ތިމާގެ މިނިވަން ވިސްނުމާއި ހިޔާލުގައި މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި އަދުލުވެރިވެހުރެ ވިސްނުމުން، އެންމެ ރަނގަޅު މީހާކަމަށް ފެންނަ މީހާއާ ދިމާގައި ފާހަގަޖަހާށެވެ. އަލްބަޤަރާ ސޫރަތުގެ 283 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވެއެވެ. "...އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ ﷲއަށް، އޭނާ ތަގުވާވެރިވާހުށިކަމެވެ! އަދި ތިޔަބައިމީހުން ހެކިބަސް ވަންހަނާ ނުކުރާހުށިކަމެވެ! އެކަން ވަންހަނާކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އޭނާއީ، އޭނާގެ ހިތް ފާފަވެރިވެގެންވާ މީހެކެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

މާދަމާ, ސެޕްޓެމްބަރު 30, 2023 ވާ ހޮނިހިރު ދުވަހު ދިވެހި ރައްޔިތުން އެބަ ތިބާގެ މަޝްވަރާއާ ލަފަޔަށް އެދި އާދޭސްކުރެ އެވެ. އަދި ގައުމާއި ވަތަން ތިބާގެ ހެކި ބަހަކަށް އެދި އެބަ ގޮވާލަ އެވެ. ތިބާގެ ނަޒަރުގައި، ދެވަނަ ބުރަށް ގޮސްފައިވާ ދެ ކެންޑިޑޭޓުންގެ ތެރެއިން މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާކަމަށް އެންމެ ގާބިލީ، އެންމެ ރަނގަޅީ ކޮން ބޭފުޅެއްތޯ އެވެ؟ އަލްބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތުން ބައެއްގައި މާތް ﷲ ވަހީއެބަ ކުރައްވަ އެވެ. "އަދި، ހެކިންނަށް ގޮވައިލައިފި ހިނދަކު އެއުރެން (އެކަމުން) މަނާވެ ނުގަންނަހުށިކަމެވެ! "

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox