ބިރުގަންނަން ނުޖެހޭ، މި ކުޅެނީ ރާއްޖޭގައި: މާޒިޔާ ކޯޗު މިލޯ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު މިލޯ ސުވާލަށް ޖަވާބުދެނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާގެ ކޯޗު މިލޯ ސުވާލަށް ޖަވާބުދެނީ.---- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށާއި އެހެން ނަމަވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތައްޔާރުވާނީ ބިރެއް ނުގަނެ މިއީ ރާއްޖޭގައި ކުޅެގެން މޮޅުވެވޭނެ މެޗެއްގެ ގޮތުގައި ދެކިގެން ކަމަށް އެ ޓީމުގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

މި ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި މާޒިޔާ އިން ނުކުންނާނީ ބަންގްލަދޭޝްގެ ޗެމްޕިއަން، ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ.

މެޗުގެ ކުރިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު މިލޯ ބުނީ އޭއެފްސީ ކަޕަކީ ވަރަށް ވަރުގަދަ މުބާރާތެއް ކަމަށާއި ކޮންމެ ޓީމަކާ ކުޅެން ޖެހުނަސް އެކަން ދަނެގެން ތައްޔާރުވާނެ ކަމަށެވެ.

މާޒިޔާ އިން ވަނީ މިދިޔަ ދެ އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ކުޅުނުއިރު ބަޝުންދަރާއާ ދެކޮޅަށް ކޮންމެ އަހަރަކު ވެސް ކުޅެފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 2-0 އިންނެވެ. އަދި މިދިޔަ އަހަރު އިންޑިއާގެ ކަލްކަތާގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 1-0 އިންނެވެ.

އެ މެޗުތަކަށް އިޝާރާތްކޮށް، މިލޯ ބުނީ އެއީ އެހެން ވާހަކައެއް ކަމަށެވެ. އަދި މިހާރު ކުޅެން ޖެހެނީ ހޯމް އެންޑް އަވޭ ފޯމެޓަށް ކަމަށްވާތީ އޭގެ ފައިދާ ނެގިދާނެ ކަމަށް މިލޯ ގަބޫލުކުރެ އެވެ.

"ދެން މިއީ މި ވަގުތަށް ބަލާއިރު އަހަރެމެން ތިބި ހިސާބެއް ބަލައިލަން ވެސް ރަނގަޅު މެޗެއް. އެ މީހުންގެ ތިބި ބިދޭސީ ކުޅުންތެރިން އެ ޓީމުގައި ކުޅޭތާ އަހަރުތަކެއް ވެއްޖެ، އެއީ ޓީމުގެ ހިތްވަރަކީ، އަހަރެމެންނަށް މި ތިބީ މުޅިން އަލަށް ކަހަލަ ގޮތަކަށް ގެނެވިފައި ތިބި ކުޅުންތެރިން، އެހެން ނަމަވެސް މި ހުރިހާ ވާހަކައެއް ދެއްކުމަށް ވުރެ، މިއީ ފުޓްބޯޅަ މެޗެއްކަން ދަނެގެން މޮޅުވާން މަސައްކަތް ކުރުން އޮތީ،" މިދިޔަ ޖޫން މަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި މިލޯ ބުންޏެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ ފުޓްބޯޅައިގެ ވާދަވެރިކަން މިދިޔަ އަހަރުތަކުގައި އަންނަނީ ފޯރިގަދަވަމުންނެވެ. ކްލަބް ލެވަލާއި ގައުމީ ޓީމުގެ ލެވަލްގައި ވެސް ވާދަވެރިކަން އަންނަނީ މެޗަކަށް ފަހު މެޗެއް ބޮޑުވަމުންނެވެ. އެ ގޮތުން، މިދިޔަ ޖޫން މަހު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އިން ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.

މިލޯ ބުނީ މީގެ ދެތިން މަސް ކުރިން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވުމުން އޭގެ ނަތީޖާ އަނބުރާލުމުގެ މޯޓިވޭޝަންގެ ބޭނުން މާޒިޔާ އަށް ހިފިދާނެ ކަމަށެވެ.

"އެ މީހުންގެ ޓީމަށް ބަލާއިރު އިންޑިވިޖުއަލީ މޮޅު، މި ރީޖަންގައި ވެސް ފާހަގަކޮށްލެވޭ ކުުޅުންތެރިން އެބަތިބި، އެ މީހުންނަށް ދޭ މުސާރައަކީ އަހަރެމެންގެ ޓީމުގެ ފެންވަރާ ނުބައްދަލު މިންވަރެކޭ ވެސް ބުނެވިދާނެ،" މިލޯ ބުންޏެވެ.

"ދެން ބަޖެޓަކީ ވަކި ކަމެއް. އަހަރެމެން ދައްކަން ޖެހޭނީ ހިތްވަރު. އަހަރެމެން ސެކްރިފައިސް ވެގެން މަސައްކަތްކުރާނީ، ދަނޑުމަތީގައި މި އޮންނަނީ އެކަން. އޭގައި ނޯވޭ މަހަކު ލިބެނީ ކިހާވަރެއްތޯ، މީގެ އޮތް ކަމަކީ އަހަރެމެން މޮޅުވާން ބޭނުންވެގެން އެ ކުރާ މަސައްކަތް، ކަމެއް ބަދަލުކުރަން ބޭނުންވާތީ މުސްތަގުބަލަށްޓަކައި އެ ކުރަން ޖެހޭ ހިތްވަރު،"

މާޒިޔާ ގްރޫޕްގައި ބަޝުންދަރާގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި އޮޑިޝާ އެފްސީ އެވެ. މިލޯ ބުނީ ކޮންމެ މެޗަކަށް ނުކުންނައިރު ވެސް އަމާޒު ބަހައްޓާނީ މޮޅަކަށް ކަމަށެވެ.

"ކޮންމެ މެޗެއްގައި ވެސް އަހަރެމެން ނުކުންނާނީ މޮޅުވާން، މިއީ ބުނެލަން ފަސޭހަ ވާހަކައެއް ހަމައެގޮތަށް އަހަރެން ބޭނުން އެއާ އެއްވަރަށް މަސައްކަތް ކުރަން. އެކަމަކު، މީގެ އެބަ އާދޭ ބަލިވެގެން ވެސް ކަންކަން ރަނގަޅުކުރަން ފުރުސަތު ލިބޭ ފަހަރުތައް. ޔަގީނުން ވެސް އަހަރެެމެން ބިރެއް ގަންނަން ނުޖެހޭ، މި ކުޅެނީ ރާއްޖޭގައި. އަަހަރެން ބޭނުންވަނީ ކުޅުންތެރިން ވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން. ދަނޑުން ފައިބާއިރު އިސް އުފުލައިގެން ފައިބަން. އިސްޖަހައިގެން ފައިބައިފިއްޔާ އޭގެ މާނަ އަކީ ކުރަން ޖެހޭ މަސައްކަތް ނުކުރެވުނީއޭ،" މިލޯ ބުންޏެވެ.

މިލޯ ވަނީ އޭނާ ހަވާލުވި ފަހުން ވަކި ރޭވުންތެރިކަމެއްގެ ތެރެއިން ކުޅެން މާޒިޔާ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށްފަ އެވެ.

ހާލަތު ކޮންމެ ގޮތަކަށް އޮތަސް މިލޯ ހުރީ ޝަކުވާ ކުރާ ވިސްނުމެއްގައެއް ނޫން

މާޒިޔާ އެންމެ ފަހުން ރަސްމީ މެޗެއްގައި ކުޅެފައިވަނީ މީގެ 25 ވަރަކަށް ދުވަސް ކުރިންނެވެ. އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާ އިން މީގެ ކުރިން ރާއްޖޭން ބޭރުގައި ކޭމްޕް ކޮށްފައިވެސް ވެ އެވެ. އެކަމަކު، މި ފަހަރު އޭގެ ފުރުސަތެއް ނުލިބުނުއިރު، ރާއްޖޭގެ ލީގު މެދުކެނޑިފައި އޮތުމުން ދިގު މުއްދަތަކަށް މި ވަނީ ރަސްމީ މެޗެއް ނުކުޅެ ހުންނަން ޖެހިފަ އެވެ.

ރާއްޖޭގެ ޕްރިމިއާ ލީގު މެދުކެނޑިފައި އޮތް މުއްދަތުގައި މާޒިޔާ އިން ވަނީ 23 އަހަރާއި 21 އަހަރުން ދަށުގެ ގައުމީ ޓީމުތަކާ ދެކޮޅަށް ތިން މެޗެއް ކުޅެފަ އެވެ. އެ މެޗުތަކަކީ އޭއެފްސީ ކަޕް ފަދަ ލެވަލްގެ މުބާރާތަކަށް ތައްޔާރުވާން އެންމެ އެކަށޭނެ މެޗުތަކެއް ނޫންކަން ފާހަގަކޮށް، މިލޯ ބުނީ އެ މެޗުތައް ލިބުމުން ޓެކްޓިކްސް އަށް މަސައްކަތް ކޮށްލަން ފުރުސަތު ލިބުނީތީ، އެ ފުރުސަތަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.

މިލޯ ބުނީ ހާލަތު އޮތް ގޮތެއްގެ ވާހަކަ ނުދައްކައި، އޭނާ ވިސްނަނީ ދަނޑުމަތީގައި ހިތްވަރު ނެރެގެން ނަތީޖާ ނެރުމަށް ކަމަށެވެ.

"ކޮންމެ ކަމެއް ވެސް ނިމޭނީ ދަނޑުމަތިން، ތެދެއް، އަހަރެމެންނަށް ދެއްކިދާނެ ވަރަށް ގިނަ އުޒުރުތަކެއް، އެ މީހުން (ބަޝުންދަރާ) އެކުގައި 10 މަސް ދުވަސް ހޭދަކޮށްފިއޭ، ގާތްގަނޑަކަށް 22 މެޗު ކުޅެފިއޭ، އޭޝިއާ ލެވަލްގެ މެޗު ވެސް (އޭޝިއަން ޗެމްޕިއަންސް ލީގު ކޮލިފައިން) ކުޅެފިއޭ، އަހަރެމެންނަށް އެކުގައި ހަ މެޗޭ ލިބުނީ، މިއީ ދެއްކެން ހުރި ވާހަކަ، އެކަމަކު، މީގެ ކަމެއް ނިންމޭނީ ދަނޑުމަތީގައި އެކުރާ މަސައްކަތުން. ފުޓްބޯޅައިގައި ކޮންމެ ޓީމަކަށް ވެސް ފުރުސަތު އޮންނާނެ. އެންމެ ޝޮޓެއް ޖަހައިގެން ވެސް މޮޅުވެވިދާނެ،" އިތުބާރާ އެކު މިލޯ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅަ އަށް ފޯރިގަދަ މެޗުތަކެއް ބޭނުންވާ ކަމަށް މިލޯ ބުނެފައިވެ އެވެ. އެއީ ފުޓްބޯޅައިގެ މުސްތަގުބަލާއި ކުޅުންތެރިންގެ ކުރިއެރުމަށް ވެސް މުހިންމު ކަމެއްގެ ގޮތުގައި މިލޯ ވަނީ ފާހަގަކޮށްފަ އެވެ.

"ރާއްޖޭގައި ފޯރިގަދަ ފުޓްބޯޅަ މެޗުތަކެއް ކުޅެންޖެހޭ، ހަމައެކަނި މާޒިޔާ އަކަށް ނޫން، ތެދެއް މި ވަގުތު ރާއްޖެ ތަމްސީލް މި ކުރަނީ މާޒިޔާ، ވަރުގަދަ ރޫހެއްގައި ކުޅެން އެބަޖެހޭ. މިއީ އަހަރަމެންނަށް ފުޓްބޯޅައިގެ މި އޮތް ހާލަތު ބަދަލުކޮށް ރަނގަޅު ކަންކަން ވެސް ދައްކާލަން ލިބޭ ވަގުތެއް،" އިންޑޮނީޝިއާ ލީގުގައި މީގެ ކުރިން މަސައްކަތް ކުރި މިލޯ ބުންޏެވެ.

"ބަންގްލަދޭޝް އަށް ވުރެ ވެސް ވަރުގަދަ އަށް ސަޕޯޓްކުރެވޭނެކަން ދައްކަން އެބަޖެހޭ. އަހަރެން މި ތަނުން ފިހާރަ އަކަށް ދިޔަޔަސް އެ ބުނަނީ ކުރީގައި ފުޓްބޯޅަ ވަރަށް ފޯރިގަދައޭ، އަހަރެން ބުނަން ބޭނުމީ ހިނގާށޭ މި ވަގުތު ވެސް އެ ގޮތަށް އެކަންކުރަން،"

އޭއެފްސީ ކަޕްގައި މާޒިޔާ އާއި ބަޝުންދަރާ ކުޅޭ މެޗު ފަށާނީ މާދަމާ 15:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox