ތާރީހީ ކާމިޔާބާ އެކު އަންހެން ތުރީ އޮން ތުރީ ޓީމުން ނެރުނީ އަދަޔާހިލާފު ހިތްވަރެއް!

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ބްރޯންޒް މެޑަލް ހޯދި ތުރީ އޮން ތުރީ އަންހެން ބާސްކެޓްބޯޅަ ޓީމް - އަދަދު ގްރެފިކްސް/މުހައްމަދު އިސާމް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ބްރޯންޒް މެޑަލް ހޯދި ތުރީ އޮން ތުރީ އަންހެން ބާސްކެޓްބޯޅަ ޓީމް - އަދަދު ގްރެފިކްސް/މުހައްމަދު އިސާމް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ތުރީ އޮން ތުރީ އަންހެން ތިން ވަނަ ހޮވާ މެޗު ނިމެން ބާކީ އޮތީ އެންމެ 50 ހަކަށް ސިކުންތެވެ. ތުރީ އޮން ތުރީ ކޯޓުގެ ވަށައިގެން ތިބި ހުރިހާ ސަޕޯޓަރުންނެއް ކަހަލަ ގޮތަކަށް "ލެޓްސް ގޯ މޯލްޑިވްސް" މިހެން ގޮވަމުން ދިޔަ އެވެ. އޭރު، 15-15 އިން ސްކޯ އެއްވަރުވެފައި އޮއްވައި، ރާއްޖޭގެ އީހައު ޝަމީމް ވައްޓާލި ފްރީ ތުރޯއާ އެކު ރާއްޖެއިން ލީޑު ނެގި އެވެ. މުޅި ސަރަހައްދު ކެކި އަރައިގަތެވެ. މެޗުގެ ބާކީ ސިކުންތުކޮޅު ދިޔައީވެސް އެހާ ފޯރީގަ އެވެ. ރާއްޖޭގެ ގައުމީ އަންހެން ތުރީ އޮން ތުރީ ޓީމުން ފުރަތަމަ ފަހަރަށް އައިއޯއައިޖީގައި ބައިނަލްއަގްވާމީ މެޑަލް ހޯދައިގެންނެވެ.

ވަގުތު ހަމަވިކަން ހާމަކޮށްދޭ "ބާޒާ"ގެ އަޑާ އެކު ދިވެހި ހުރިހާ ސަޕޯޓަރުން ކޯޓު މައްޗަށް އަރާ ފުންމަމުން، ނަށަމުން އުފާފާޅުކުރި އެވެ. ދިވެހި ކޮންޓިންޖެންޓުގެ ހުރިހާ މެންބަރުން ޓީމްގެ ހަތަރު މެންބަރުންނާ އެކު އުފާފާޅުކުރީ އެ ތާރީހީ ކާމިޔާބީ ހޯދި ވަގުތު ކޮޅު ފުރިހަމައަށް "އެންޖޯއީ" ކުރުމަށެވެ.

މި ކާމިޔާބީ ޖޯޝާއި ފޯރީގައި ފާހަގަނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އަންހެން ތުރީ އޮން ތުރީ ޓީމްގެ ހަތަރު މެންބަރުން ކޮނޑަށްލައި އުރާނުލާންވީ ސަބަބެއް ނެތެވެ. އިސްކޮޅުންނާއި ހަށިގަނޑުގެ ބިޔަކަމަށް ބަލާއިރު ތަފާތު ބޮޑު ކުޅުންތެރިންނާ ދެކޮޅަށް ކުޅެ ގައުމީ ޓީމުން އެ ހޯދި ކާމިޔާބަކީ އަބަދުވެސް ބާސްކެޓްބޯޅަ ތާރީހުގައި ފަވާލެވޭނެ ވަރުގެ ކާމިޔާބެކެވެ.

ފަހު ވަގުތު އެކުލަވާލީ ހުނަރުން ފުރިފައިވާ ޒުވާން ޓީމެއް

ފުރަތަމަ ފަހަރަށް ތުރީ އޮން ތުރީ އިން މެޑަލް ހޯދައިދިން ޒުވާން ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ އެވެ.

މި ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގްވާމީ ގޭމްސްއެއްގައި ނުވަތަ ބޮޑު މުބާރާތެއްގައި ކުޅުނު ހަމައެކަނި ކުޅުންތެރިއަކީ އިފާ އެވެ. އޭނާ ވަނީ ސައުތު އޭޝިއަން ގޭމްސް އާއި ރާއްޖޭގައި އޮތް ސާބާ އަންހެން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕުގައި ވާދަކުރި ފައިވް އޮން ފައިވް އަންހެން ސީނިއާ ޓީމުގައި ކުޅެފަ އެވެ.

ދެން ތިބި ކުޅުންތެރިން ސީނިއާ ސްކޮޑުގައި ހިމެނިގެން މީގެ ކުރިން ފަރިތަކުރި ކަމުގައިވިޔަސް އެ ޓީމާ އެކު މުބާރާތެއްގައި ނުކުޅެ އެވެ. އެހެންނަމަވެސް ޖޫނިއާ ލެވެލްގައި ގައުމީ ޓީމް ތަމްސީލްކުރި އެވެ.

މި ކުޅުންތެރިންގެ ތެރެއިން އީހައު އާއި ކައިލީން އަކީ 16 އަހަރުން ދަށުގެ ދެ ކުޅުންތެރިންނެވެ. ޒުހާ އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކުޅުންތެރިއެކެވެ.

އައިއޯއައިޖީއިން ބްރޯންޒް މެޑަލް ހޯދި ގައުމީ އަންހެން ތުރީ އޮން ތުރީ ޓީމްގެ ކުޅުންތެރިން - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން
އައިއޯއައިޖީއިން ބްރޯންޒް މެޑަލް ހޯދި ގައުމީ އަންހެން ތުރީ އޮން ތުރީ ޓީމްގެ ކުޅުންތެރިން - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން

އައިއޯއައިޖީއިން ބްރޯންޒް މެޑަލް ހޯދި ގައުމީ އަންހެން ތުރީ އޮން ތުރީ ޓީމްގެ ކުޅުންތެރިން - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން

"އަސްލު ޒުވާން ޓީމެއް ނަގަން ނިންމި ސަބަބަކީ، އަނެއް ޓީމްގައި ތިބި ސީނިއާ ކުޅުންތެރިން މީގެ ތެރޭގައި ހިމަނައިފިއްޔާ އެ ޓީމު މާ ބޮޑަށް "ވީކް" ވެދާނެކަމަށް ބަލާފައި. އަނެއްހެން ބަލާއިރު މި ޓީމް އެއްކޮށް ޕްރެކްޓިސްވެސް ކުރެވިފައި ހުންނާނީ ކުޑަ ދުވަސްކޮޅަކަށް. އެކަމަކު، އެ ކުޑަ ދުވަސްކޮޅުގައި ވަރަށް ބުރަކޮށް ޓީމުން މަސައްކަތްކުރި" ޓީމާއި ގުޅޭގޮތުން ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވި އެވެ.

ތެދެކެވެ. މީގެ ކުރިން އަންހެން ތުރީ އޮން ތުރީ ޓީމެއް ބައިނަލްއަގްވާމީ މުބާޜާތަކަށް ނުކުތް ހުރިހާ ފަހަރެއްގައި ކަހަލަ ގޮތަކަށް ސީނިއާ ކުޅުންތެރިން ހިމެނެ އެވެ. އިސްކޮޅުން ދިގު ކުޅުންތެރިން ހިމެނެ އެވެ. މުޅި މުބާރާތަށް ބަލާއިރު އެންމެ ޒުވާން، އިސްކޮޅުން ކުރު ކުޅުންތެރިން ތިބީ ރާއްޖޭގެ ޓީމްގަ އެވެ.

ހުނަރާއި، ސްޕީޑަށް ބަލާއިރު ރާއްޖޭގެ ޓީމު އަތެއް ނުވި!

ޒުވާން އަންހެން ތުރީ އޮން ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗާ އެކު ސަޕޯޓަރުންގެ ލޯބި ހޯދި އެވެ. ސީޝެލްސް އަތުން 14-07 އިން މޮޅުވި މެޗުގައި އިފާ އާއި ޒުހާ ފެނުނީ ތަފާތު ފޯމެއްގަ އެވެ. ރަނގަޅު ލީޑަކާ އެކު ކުޅެ ރާއްޖެ އިން މި މެޗު ކާމިޔާބުކޮށް މުބާރާތުގައި ކުރިއަށްދިޔުމުގެ އިތުބާރު ހޯދި އެވެ.

ދެ ވަނަ މެޗުގައި މަޔޮޓް އަތުން މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 13-10 އިންނެވެ. މި މެޗުން މޮޅުވެ ގްރޫޕުގެ އެއް ވަނަ ޓީމްގެ ގޮތުގައި ރާއްޖެއިން ސެމީ ފައިނަލުން ފުރުސަތު ހޯދި އެވެ. ސެމީ ފައިނަލުގައި ރިޔޫނިއަން އަތުން ބަލިވި ނަމަވެސް 06-18 އިން ބަލިވި ނަމަވެސް ދިވެހި ކުޅުންތެރިންނަށް ސަޕޯޓަރުންގެ އިހުތިރާމާއި ލޯބި ލިބުނެވެ.

އައިއޯއައިޖީގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖޭގެ އިފާ އާތިފް އުފާފާޅުކުރަނީ - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން
އައިއޯއައިޖީގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖޭގެ އިފާ އާތިފް އުފާފާޅުކުރަނީ - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން

އައިއޯއައިޖީގެ ތިން ވަނަ ހޮވި މެޗުގައި ރާއްޖޭގެ އިފާ އާތިފް އުފާފާޅުކުރަނީ - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން

ތިން ވަނަ ހޮވި މެޗުގައި މުޅި ސަރަހައްދުގައި ތިބި ހުރިހާ އެންމެން ކަހަލަ ގޮތަކަށް ސަޕޯޓްކުރީ ރާއްޖެއަށެވެ. ރިޔޫނިއަން، ސީޝެލްސް، މޮރީޝަސް އަދި މަޑަގަސްކަރައިގެ ޓީމްވެސް އޮތީ ރާއްޖޭގެ ހުނަރުވެރި ޓީމާ އެއްކޮޅަށެވެ. ދިވެހި ފިރިހެން ޓީމާއި އަންހެން ފައިވް އޮން ފައިވް ޓީމުގެ ކުޅުންތެރިންނެކޭ އެއްގޮތަށް އެހެން ގައުމުތަކުން ވެސް ރާއްޖޭގެ ކުޅުންތެރިންގެ ހުނަރަށް ތައުރީފްކޮށް ސާބަސް ދިނެވެ.

އިސްކޮޅުން ދިގު ކުޅުންތެރިން ކައިރިން ހަލުވި ސްޕީޑުގައި ދެމިގަނެ ސްކޯތައްކުރީ އިތުބާރާ އެކުގަ އެވެ. އިދިކޮޅު ޓީމުގެ ވަރުގަދަ ފައުލްތަކަށް ބެލުމެއް ނެތި ކަށިން ހިތްވަރު ގައުމީ އަންހެން ތުރީ އޮން ތުރީ ޓީމުން ނެރުނެވެ.

މިއީ ގިނަ ދުވަހެއްގެ މަސައްކަތް، ޒުވާން ކުޅުންތެރިންގެ ކުރިއެރުން ފެނިއްޖެ

އަންހެން ތުރީ އޮން ތުރީ ޓީމްގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ބާސްކެޓްބޯޅައިގެ ވައިޑީޕީ ޕްރޮގްރާމްގެ ތެރެއިން "ފައްކާ"ވެފައި ތިބި ކުދިންނެވެ. މިދިޔަ ފަސް އަހަރެއްހާ ދުވަހު ގައުމީ ޒުވާން ބާސްކެޓްބޯޅަ ޓީމުތައް ކުރަމުން އައި ޕްރެކްޓިސްތަކުގެ ނަތީޖާ އެވެ. ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް އެސޯސިއޭޝަނުންނާއި އެކަޑެމީތަކުން ކުރި ބުރަ މަސައްކަތްތަކުގެ ނަތީޖާ އެވެ.

"މި ޓީމްގައި މިތިބި ހުރިހާ ކުދިންނަކީވެސް އެންމެ ކުރީސުރެ ވައިޑީޕީގެ ތެރެއިން ފައްކާވަމުން އައި ކުޅުންތެރިން. އެކުދިން އެންމެ ފުރަތަމަ ފަށައިގެން އައިގޮތްވެސް ފެނިފައި، މަޑުމަޑުން ޑިވެލޮޕްވަމުން އައިސް ގައުމީ ޓީމާ ހަމައަށް އެދިޔައީ. ވަރަށް ވަރަށް ބޮޑަށް ފާހަގަކުރާ ކާމިޔާބެއް މިއީ. ވަރަށް ވަރަށް ޕްރައުޑް މޫމެެންޓެއް އެއީ. ހަމަ ބުނެދޭންވެސް ނޭނގޭ އިހުސާސެއް ގެނުވި ވަގުތެއް އެއީ" އެމްބީއޭގެ ރައީސް އެޑަމް ވިދާޅުވި އެވެ.

އައިއޯއައިޖީގެ ބްރޯންޒް މެޑަލް ހޯދުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން
އައިއޯއައިޖީގެ ބްރޯންޒް މެޑަލް ހޯދުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން

އައިއޯއައިޖީގެ ބްރޯންޒް މެޑަލް ހޯދުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އެމްއޯސީ/މުހައްމަދު ޝާބިން

މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި އަންހެން ތުރީ އޮން ތުރީ ޓީމްގެ ތައްޔާރީތަކުގައި އެންމެ އިސްކޮށް އުޅުނީ ގައުމީ ސީނިއާ ފިރިހެން ޓީމްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޒިލާލް (ޒިލާ) އެވެ.

މުބާރާތުގެ ކުރިން ބެންގަލޫރުގައި ގައުމީ ޓީމުން ތަމްރީން ހެދީ ޒިލާގެ އިރުޝާދުގެ ދަށުންނެވެ. ފަހު ވަގުތު މުބާރާތަށް ދެވޭގޮތް ނުވި ނަމަވެސް ހުރިހާ ކުޅުންތެރިން ވެސް ވަނީ ކޯޗު ޒިލާގެ މަސައްކަތް ފާހަގަކޮށްފަ އެވެ.

ފާއިތުވެފިދިޔަ ފަސްވަރަކަށް އަހަރަށް ބަލާއިރު ތުރީ އޮން ތުރީ އަކީ ރާއްޖޭގައި ވަރަށް ފޯރިއާ އެކު ކުރިއަށްދާ ބާސްކެޓްގެ އެއް "ޑިސިޕްލިން" އެވެ. އަހަރުގެ ތެރޭގައި ތުރީ އޮން ތުރީގެ ގިނަ މުބާރާތްތަކެއް އޮންނައިރު، ގިނަ ކުޅުންތެރިންތަކެއް މި މުބާރާތްތަކުގައި ވާދަކުރެ އެވެ. ކޮންމެ މުބާރާތެއްގައި އުމުފުރާތައް ވަކިން އޮންނާތީ މިއީ ޒުވާން ކުޅުންތެރިން ކުރިއަރައި ތަޖުރިބާ ހޯދަން ބަލާއިރު ބޮޑު ފުރުސަތެކެވެ.

މި ފަހަރުގެ އައިއޯއައިޖީ އިން މެޑަލް ހޯދި ޓީމްގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު ހުރިހާ ކުޅުންތެރިންނަކީ ވެސް ތުރީ އޮން ތްރީ މުބާރާތްތަކުން ވިދާލަމުން އައި ކުޅުންތެރިންނެވެ. އަދި ފައިވް އޮން ފައިވްގައި ވެސް ކުރިއެރުން ހޯދަމުން އަންނަ ކުޅުންތެރިންނެވެ.

ބާސްކެޓްގެ ތާރީހީ ކާމިޔާބީ ހޯދައިދިން ޓީމަށް ހުރިހާ ގޮތަކުންވެސް ތައުރީފު ހައްގެވެ. ޕްރެޝަރު ދަނޑިވަޅުގައިވެސް އެ ކުޅުންތެރިން ދެއްކި ހިތްވަރާއި، އެ ދެއްކި ފަންވަރަށް ސާބަސް ހައްގެވެ. އެ ކާމިޔާބާ ހަަމައަށްދިޔުމަށް އެ ކުޅުންތެރިންވި ގުރުބާނީއަށް ޝުކުރު ހައްގެވެ. މިއީ ރާއްޖޭގެ އަންހެން ތުރީ އޮން ތުރީގެ ފުރަތަމަ ބޮޑު ކާމިޔާބީއެވެ. ރާއްޖޭގެ ބާސްކެޓްބޯޅަ އާއިލާގެ އުއްމީދުތަކާއި ހުވަފެންތަކުގައި ކުލަ ޖައްސައިދިން ފުރަތަމަ ކާމިޔާބީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox