ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދާ މަންޒިލެއް ކަމަށްވާ ގައުމީ އެއާލައިނުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރު ފަށަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ ހަފްތާއަކު ދެ ދުވަހު ބާއްވާ މި ދަތުރުތައް ފަށާނީ އޮކްޓޯބަރު 30 އިން ފެށިގެން ކަމަށެވެ. އެއީ ހޯމަ އާއި ބުދަ ދުވަސްތަކުގަ އެވެ.
މޯލްޑިވިއަން އިން ބުނީ މި ދަތުރުުތަކުގެ ޝެޑިއުލް ފަރުމާކޮށްފައި ވަނީ ޗުއްޓީ ހޭދަކުރާ މީހުންނާއި ވިޔަފާރި އަދި ބޭސްފަރުވާއަށް ދާ މީހުންނަށް ވެސް ފަސޭހަވާނެ ގޮތަށް ކަމަށެވެ. އަދި މިއަދުން ފެށިގެން މި ދަތުރުތަކަށް ޓިކެޓު ބުކް ކުރެވޭނެ ކަމަށް ބުންޏެވެ.
މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ. އެގޮތުން ކޮންމެ ދުވަހު ކަހަލަ ގޮތަކަށް އިންޑީއާގެ ޓްރެވިންޑްރަމް އަށާއި ކޮޗިންނަށް މޯލްޑިވިއަންގެ ދަތުރުތައް ބާއްވަަ އެެވެ. އެ އެއާލައިނުގެ ފްލީޓުގައި މިހާރު 14 ބޯޓެއް އޮވެ އެވެ.
އަދި ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރުމަށް ދުރު މަންޒިލްތަކަށް ދަތުރުކުރެވޭ ފަހުގެ މަތިންދާބޯޓު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަން އިން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.
.










