އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ފުރަތަމަ ބުރުގެ ފަހު މެޗުގައި ފަހަތުން އަރައި ދެ ގޯލު ޖަހައި، 2-2 އިން އެއްވަރުކޮށް، އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގުގެ ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަތުން ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
މިރޭގެ މެޗަށް ފަހު، ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު، މާޒިޔާ އެއް ވަނައިގައި އޮތީ 19 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 17 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް، ބުރު ސްޕޯޓްސް ކްލަބް އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.
ފަސް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 10 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ތިން ޕޮއިންޓް އޮތްއިރު، ކްލަބް ވެލެންސިއާ އިން ވަނީ މިއަދު ހަވީރު ގްރީން ސްޓްރީޓްސްއާ 1-1 އިން އެއްވަރުކޮށް، ފުރަތަމަ ޕޮއިންޓް ހޯދައިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގީ އެ ޓީމުގެ ބްރެޒިލް ފޯވާޑް އިވާން ކާލޯސް ޖެހި ގޯލުންނެވެ. މިއީ، އީގަލްސްގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ) ބޮލުން ޖައްސާލި ބޯޅައެއް މެއިން ކޮންޓްރޯލް ކުރުމަށް ފަހު، އިވާން ކާލޯސް ޖެހި ގޯލެކެވެ.
އީގަލްސް އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ 44 ވަނަ މިނިޓްގައި ރިޒޭ އެވެ. މިއީ، އީގަލްސްއާ ދާދި ފަހުން ގުޅުނު ސާބިއާގެ މިލޮވަން ޕެޓްރޮވިކް ދިން ބޯޅައަކުން އޭރިއާތެރެއިން ރިޒޭ ޖެހި ގޯލެކެވެ.
މާޒިޔާ، މި މެޗުން ބަލިނުވެ ސަލާމަތްވީ ބަދަލަކަށް ކުޅެން އެރި އަލީ ފާސިރު (ސެންޓޭ)ގެ ދައުރާ އެކު އެވެ. މެޗުގެ 72 ވަނަ މިނިޓްގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖެހީ ސެންޓޭ އެވެ. ކުރިން އީގަލްސް އަށް ވެސް ކުޅުނު ސެންޓޭ މި ގޯލު ޖެހީ، އެ ޓީމުގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ނެގި ހުރަހަކުން ބޮލުންނެވެ. ފުރަތަމަ ގޯލު ޖެހިތާ މިނިޓެއް ފަހުން، މާޒިޔާ އިން ވަނީ އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު ޖެހީ މި ސީޒަނުގައި އީގަލްސް ދޫކޮށް މާޒިޔާއާ ގުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހަންނަ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.










