މުޅިން އަލަށް ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގައި ވާދަކުރާ ކްރޮސްރޯޑްސް މޯލްޑިވްސް އިން ކުޅުނު ދެ ވަނަ މެޗުން 2-0 އިން ކްލަބް އޭވިއޭޝަން ސެކިއުރިޓީ ބަލިކޮށްފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ފެނަކަ އޮތް ގްރޫޕްގައި ވާދަކުރަަމުން އަންނަ ގްރޫޕް ޖީގައި ކްރޮސްރޯޑްސް އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ކްރޮސްރޯޑްސް ގްރޫޕްގެ ފަހު މެޗުގައި ކުޅޭނީ މި ވަގުތު ހަތަރު ޕޮއިންޓާ އެކު، ދެ ވަަަނައިގައި އޮތް ފެނަކައާ އެވެ. ތިން ވަނައިގައި އޭވިއޭޝަން ސެކިއުރިޓީ އެއް ޕޮއިންޓް ހޯދައިގެން އޮތްއިރު، ފުލުގައި އޮތް މީޑިއާނެޓަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކްރޮސްރޯޑްސް އަށް އިއްޔެ މެޗުގައި ގޯލުތައް ޖަހައިދިނީ އިބްރާހިމް ޒާހީ އަދި އަހުމަދު މަޝީދު އެވެ.
އިއްޔެ، ގްރޫޕް އެޗްގައި ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން 3-0 އިން ޔޫރޯމާކެޓިން ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުން ބަލިވި ދެ ޓީމުގެ ކުރިމަތިލުމުގައި ކަސްޓަމްސް އިން ވަނީ މުބާރާތުގެ ތަޖުރިބާގެ ބޭނުންކޮށްފަ އެވެ. ކަސްޓަމްސްގެ ގޯލުތައް ޖެހީ، މައުފޫޒު އާދަމް ދެ ގޯލާއި އިބްރާހިމް ހާމިދު އެވެ.

ކަސްޓަމްސް ޓީމުެގެ ހާމިދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ކްލަބް 220 އާއި ޓީމު ޑީޖީއޭ ކުރިއަށް
މުބާރާތުގައި ރޭ ކުޅުނީ ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ މެޗުތަކެވެ. އެ ގޮތުން ގްރޫޕް ސީގައި ޓްރާންސްޕޯޓްސް ރެކްރިއޭޝަން ކްލަބުން ވަނީ 4-2 އިން އައިޖީއެމްއެޗް ކްލަބް ބަލިކޮށްފަ އެވެ. ދެން، މި ގްރޫޕްގެ އަނެއް މެޗުގައި ޓީމު ޑީޖީއޭ އިން ވަނީ 6-1 އިން ތައުލީމީ ގުޅުމުގެ މައްޗަށް ކުރިހޯދައިފަ އެވެ. ގްރޫޕް ޑީ އަށް ބަލާއިރު، ޕްރެޒިޑެންޓްސް އޮފީސް އަތުން ކްލަބް 220 މޮޅުވީ 5-2 އިންނެވެ. އަދި ޓީމު ބަދަހިން ވަނީ 11-1 އިން މެޓް އޮފީސް ބަލިކޮށްފަ އެވެ.
ޓްރާންސްޕޯޓުގެ އަލީ މޫނިސް ހެޓްރިކެއް ހެދިިއިރު، އަނެއް ލަނޑު ޖެހީ އަހުމަދު ނުހާދު އެވެ. އައިޖީއެމްއެޗްގެ ލަނޑުތައް ޖެހީ މުހައްމަދު މުނާޒް އާއި ސަހުބާން ރަޝީދު އަހުމަދު އެވެ. ޓީމު ޑީޖީއޭ އިން އިބްރާހިމް ނައީމް އާއި މުހައްމަދު ގުރައިޝް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، ސައުދުﷲ އަހުމަދު އަދި މުހައްމަދު އަޖުވަދު ސޮލާހު ކޮންމެ ކުޅުންތެރިއަކު ވެސް ގޯލެއް ޖެހި އެވެ. ތައުލީމީ ގުޅުމުގެ ލަނޑު ޖެހީ މުހައްމަދު އަޒުމޫން އެވެ.
ކްލަބް 220 އަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އަހުމަދު ސާމިހު ހެޓްރިކެއްގެ އިތުރުން އަލީ އިކުރާމް އާއި ހުސެއިން ޝަމީމް އެވެ. ޕްރެޒިޑެންޓްސް އޮފީސް ޓީމުގެ ގޯލުތައް ޖެހީ ހުސެއިން ނަޖީބު އަދި އަހުމަދު ރިޝާދު އެވެ. ޓީމު ބަދަހިން މެޓް އޮފީސް ކޮޅަށް ގޯލުތައް ޖެހީ އިބްރާހިމް މޫނިސް ފަސް ގޯލާއި އާސިފް ހަނީފް ހެޓްރިކަކާއި އާދަމް އަޒުހާން ދެ ގޯލު އަދި ފަޒްލޫން މުހައްމަދު ގޯލެކެވެ.
ކްލަބް މޯލްޑިވްސް ކްލަސިކް މުބާރާތުގެ ހަތަރު މެޗެއް މިއަދު ހަވީރު ކުރިއަށްދާނެ އެވެ. އެ ގޮތުން، 16:05 ގައި ފަށާނީ އޮޑިޓާ ޖެނެރަލް އޮފީހާއި ހަޔާ އެޑިއުކޭޝަން މެޗާއި ފެންފަހި ކްލަބާއި މީރާގެ މެޗެވެ. އަދި 17:05 ގައި އޭސީސީ ރެކްރިއޭޝަން ކްލަބާއި ޓީމު ޕެމާގެ މެޗާއި އެމްއެމްއޭ ސޯޝަލް ކްލަބާއި އުމްރާނީ ބައްދަލުކުރާ މެޗެވެ.












