މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ބުރު ސްޕޯޓްސް ކުލަބު އަތުންވި ބައްޔަކީ މާޒިޔާގެ ކުޅުންތެރިންނަށް ރަނގަޅު ފިލާވަޅެއް ކަމަށާއި، ކުޅުންތެރިން މިއަދުގެ މެޗު އިތުރަށް ސީރިއަސްކޮށް ނަގާނެކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.
އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބުރާއި މާޒިޔާ ވާދަކުރާއިރު މި ދެ ޓީމް މި ސީޒަންގައި ވާދަކުރި ފުރަތަމަ މެޗު ކާމިޔާބުކުރީ ބުރެވެ. އޭޕްރިލް މަހުގެ ޕްރެޒިޑެންޓްސް ކަޕުގައި ބުރުން ވަނީ 2-1 އިން މާޒިޔާ ބަލިކޮށްފަ އެވެ.
މިއަދުގެ މެޗާ ގުޅޭގޮތުން މާޒިޔާގެ ކޯޗު މިލޯ ބުނީ ކުރިން ކުޅުނު މެޗުގައި މާޒިޔާ ބަލިވި ސަބަބު ރަނގަޅަށް ދެނެގަނެފައިވާ ކަމަށާއި، އެ މެޗަކީ ޓީމްގެ ހުރިހާ ކުޅުންތެރިންނަށް ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށެވެ.
އޭނާ ބުނީ ބުރަކީ ވަރަށް އޯގަނައިޒިން ޓީމެއް ކަމަށާއި، އެޓީމުގައި ހުނަރުވެރި ތަފާތު ކުޅުންތެރިން ވެސް އެބަތިބި ކަމަށެވެ. އަނެއްކޮޅުން، މިދިޔަ ބްރޭކުގެވެސް ބޭނުން އެންމެ ރަނގަޅަށް ކުރި އެއް ޓީމަކީ ބުރުކަމަށެވެ. އެހެންކަމުން، ބުރާ ދެކޮޅަށް ނިކުންނަން ޖެހޭނީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެންކަމަށް ވެސް އޭނާ ބުންޏެވެ.
"ބުރުއަތުން ކުރިން ބަލިވުމަކީ ފިލާވަޅެއް. މިހާރު މާޒިޔާގެ ހުރިހަ ކުޅުންތެރިން ތިބީ ތަފާތު ރޫހެއްގައި. އެ ކުޅުންތެރިން ބޭނުންވޭ ބުރާ ދެކޮޅަށް ކުޅެން. މިދިޔަ މެޗުގައި ބަލިވީމަ އެ ނަތީޖާ ބަދަލުކުރަން ބޭނުންވޭ. އޭރާ މިހާރާ ތަފާތު. ކުޅުންތެރިން މާ ބޮޑަށްވެސް ސީރިއަސްކޮށް ނިކުންނާނެ" މިލޯ ބުންޏެވެ.
މިލޯގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައިވަނީ 6-0 އިން ޓީސީ ބަލިކޮށްފަ އެވެ. އެ މެޗުގައި ޓީމުން ދެއްކި ކުޅުމާ ގުޅޭގޮތުން މިލޯ ބުނީ ހަ ދުވަހުގެ ޕްރެކްޓިސް އަށް ފަހު ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އޭނާ އުއްމީދުކުރި ކަހަލަ އެޓޭކިން ފުޓްބޯޅައެއް ޓީމުން ދެއްކިކަން ކޯޗު ފާހަގަކުރި އެވެ.
މާޒިޔާގެ ކޯޗު ވަނީ ކުޅުން ރަނގަޅު ކުރުމަށް މާޒިޔާ ކުޅުންތެރިން ފަރާތުން ފެންނަ ކަންކަން ފާހަގަކޮށްފަ އެވެ. މިގޮތުން ޕްރެކްޓިސްތަކުގައި އަމިއްލައަށް ކަންކަން އަހައި ކުޅުން ރަނގަޅުކުރުމަށް ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރާކަން އޭނާ ފާހަގަކުރި އެވެ.
މާޒިޔާ އާއި ބުރު ކުޅޭ މެޗު ފަށާނީ މިއަދު ހަތަރެއް ޖަހާއިރު އެވެ.










