މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ސީޒަންގެ މެދުތެރެއިން ގުޅުނީ އޭނާ އަކީ މޮޅު ކޯޗެއްކަން ސާބިތުކޮށްދޭން ނޫން ކަމަށާއި، އޭނާ އެ ޓީމާ ގުޅުނީ ކުލަބުން ބޭނުންވާ އަމާޒުތައް ހާސިލްކޮށްދޭން ކަމަށް މާޒިޔާއާ އަަލަށް ގުޅުނު ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.
މާޒިޔާ އިން އާ ކޯޗެއް މި ހަމަޖެއްސީ އެ ޓީމާ މި ސީޒަނަށް ހަވާލުވި، ބަލްގޭރިއާގެ ކޯޗު އިވާން ވެންކޯފް ކޮލޭފް މިދިޔަ ޖޫން މަހު މަގާމުން ވަކިވުމުންނެވެ. ކުރީގެ ކޯޗު އިވާން ވަނީ މި ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑް މެޗާއި ޕްރެޒިޑެންޓްސް ކަޕް، މާޒިޔާ އަށް ކާމިޔާބުކޮށްދީފަ އެވެ. މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ކުޅުނު ހަތަރު މެޗުގައި ވެސް އެޓީމަށް އިރުޝާދުދިނީ އިވާން އެވެ.
މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށްފަހު މީޑިއާގެ ސުވާލުތަކަށް ޖަވާބުދެމުން މިލޯ ބުނީ މާޒިޔާއާ ހަވާލުވިއިރު އެ ކުލަބުގެ އަމާޒުތައް އެނގޭ ކަމަށާއި، މި ކުލަބަކީ އަބަދު ވެސް ކުރިއެރުން ހޯދައި ދެން އޮތް ހަރުފަތަށް އަމާޒުހިފާ ކުލަބެއްކަން އެނގޭ ކަމަށެވެ. މާޒިޔާއާ ހަވާލުވީ ދެން ކުރިއަށް އަޅަން އޮތް ފިޔަވަޅު ކަމަށްވާ އޭއެފްސީ ކަޕްގައި އެ ޓީމަށް ރަނގަޅު ކާމިޔާބެއް ހޯދައިދޭން މަސައްކަތް ކުރަން ކަމަށް މިލޯ ވަނީ ބުނެފަ އެވެ.
މިލޯ ބުނީ އެ ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރު އެނގޭ ކަމަށާއި، ޓީމަށް ކުރިއެރުން ގެނެސްދެވޭނެކަމުގެ އިތުބާރު އެބައޮތްކަމަށެވެ.
"އަހަރެން ރާއްޖެ މިއައީ އަހަންނަކީ މޮޅު ކޯޗެއްކަން ސާބިތުކޮށްދޭކަށް ނޫން. އަހަރެން މިއައީ މި ޓީމްގައި ތިބި ކުޅުންތެރިންނަކީ މި އަށް ވުރެ މޮޅު ކުޅުންތެރިންނަށް ހަދައި މި ޓީމަށް ކާމިޔާބީ ހޯދައިދޭން. އަހަރެން މިއައީ މާޒިޔާ އަށް އޭއެފްސީ ކަޕްގައި ރަނގަޅު ކާމިޔާބެއް ހޯދައިދޭން. އެއީ އަހަންނަށް އޮތް ބޮޑު ޗެލެންޖަކީ. މާޒިޔާ އަކީ ރާއްޖެ ތަމްސީލްކުރާ ކުލަބު. ސަރަހައްދީ ލެވެލްގައި މާޒިޔަ ހޯދާ ކާމިޔާބަކީ ގައުމީ ޓީމަށް ވެސް އޭގެ ހެޔޮ ބަދަލު އަންނާނެކަމެއް." ސާބިއާގެ ކުލަބުތަކަށް ވެސް އިރުޝާދުދީފައިވާ މިލޯ ބުންޏެވެ.
ސީޒަންގެ ވަކި ހިސާބަކުން ޓީމަކާ ހަވާލުވުމަކީ ފަސޭހަކަމަށް ނުވާނެ ކަމަށާއި، ނަމަވެސް އޭއެފްސީ ކަޕްގެ ކުރިން އޭނާއަށް ލިބިފައިވާ ވަގުތަށް ބަލާއިރު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އިތުބާރު އެބައޮތް ކަމަށް މިލޯ ބުނެފައިވެ އެވެ.
މާޒިޔާގެ ސްޓައިލް އެއްކޮށް ބަދަލުކުރަން އޭނާ ބޭނުންނުވާ ކަަމަށާއި، އޭނާ ކުޅުވަން ބޭނުންވާ ސްޓައިލް ކަމަށްވާ އެޓޭކިން އެގްރެސިވް ކުޅުން ކުޅުމުގެ ގާބިލްކަން މި ޓީމްގެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި ކަމަށް މިލޯ ގަބޫލުކުރެ އެވެ. މިހާތަނަށް އޭނާ އަށް ގައުމީ ޓީމުގައި ކުޅުންތެރިން ދެއްކި ކުޅުމާއި ކުޅުންތެރިންނާ ދެއްކުނު ވާހަކަތަކަށް ބަލާއިރު ވެސް އެޓޭކިން ސްޓައިލަށް މި ޓީމްގެ ކުޅުންތެރިން ގަޔާވާކަން އެނގޭކަމަށް ކޯޗު މިލޯ ފާހަގަކޮށްފައިވެ އެވެ.
"ސީޒަންގެ ވަކި ހިސާބުން ޓީމަކާ ހަވާލުވުމަކީ އެހާ ފަސޭހަކަމެއް ނޫން. އެކަމަކު މިއޮތް ވަގުތުގައި މި ޓީމްގެ ހުރިހާ އޮފިޝަލުންގެ އެހީތެރިކަމާ އެކު އަހަރުމެން ބޭނުންވާ ޓާގެޓަށް ވާސިލްވެވޭނެކަމުގެ އިތުބާރު އެބައޮތް." މިލޯ، 58، ބުންޏެވެ.
"އަހަރެން ރާއްޖޭގެ ގައުމީ ޓީމްގެ މެޗުތައް ދެކުނިން. ރަނގަޅު ނަތީޖައެއް ނުނެރެވުނަސް ކުޅުންތެރިން ފެންވަރު ރަނގަޅު. ކުރިއެރުން ހޯދޭނެ ކަމުގެ ޕޮޓެންޝިއަލް އެބަހުރި. ގިނަ ކަންކަން ބަރޯސާވަނީ ވިސްނުމަށް. އެ ކުޅުންތެރިންގެ ވިސްނުން ރަނގަޅުވެ، ރަނގަޅަށް މޯޓިވޭޓް ކުރުން އަހަރެންގެ އެންމެ ބޮޑު ޓާގެޓަކީ"
މިލޯ ބުނީ ދިވެހި ކުޅުންތެރިންނަށް ބޭނުންވަނީ ރަނގަޅު ތަމްރީނާއި، ރަނގަޅު މިސްރާބު ދައްކާނެ ކޯޗެއްކަ މަށާ އޭނާ އައީ އެކަން ކޮށްދެވޭނެ ކަމުގެ އިތުބާރާ އެކު ކަމަށެވެ.
އޭޝިއާގެ އެކި ގައުމުތަކުގައި ކުރި ތަޖުރިބާތަކުގެ ވާހަކަދައްކަމުން މިލޯ ބުނީ އެ ތަޖުރިބާ އަކީ އޭއެފްސީ ކަޕަށް ދާއިރު އޭނާއަށް ހިތްހަމަޖެހުމެއް ކަމަށާއި، އޭގެ ފައިދާނެގޭނެ ގޮތްގޮތާ މެދު ވިސްނާނެ ކަމަށެެވެ.
ރާއްޖޭގެ ކުޅުންތެރިންގެ ސަގާފަތް އެނގޭކަމަށާއި، ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންގެ ފަރާތުން ހާސިލްކުރެވޭނެ ކަންތައްތައް ވެސް އޭނާ އަށް އެނގޭ ކަމަށް މިލޯ ބުނެފައިވެ އެވެ.
ގައުމެއްގެ ޗެމްޕިއަން ޓީމާ ހަވާލުވުމަކީ ޕްރެޝަރެއް ކަމަށާއި، ނަމަވެސް ކޮންމެ ދުވަހަކު ވެސް އެ ޕްރެޝަރާ ކުރިމަތިލައި، މާޒިޔާ ޓީމުން ބޭނުންވާ އަމާޒުތައް ހާސިލްކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް މިލޯ ގަބޫލުކުރެ އެވެ.
"ޓީމަށް ބޭނުންވަނީ ކާމިޔާބު ހޯދަން ވިސްނާ ކުޅުންތެރިން. ފައިސާ ހޯދަން އަންނަ މީހުންނެއް ނޫން. ޓީމެއްގެ ގޮތުގައި އާއިލާއެއްގެ ގޮތުގައި މަސައްކަތްކުރާ ކުޅުންތެރިން އަހަރެން ބޭނުމީ. އެ ކުޅުންތެރިންނާ އެކު ކާމިޔާބީ ހޯދަން ފަސޭހަވާނެ. ދިވެހި ސަގާފަތް ދަނެ، އޭގެ ތެރޭގައި މަސައްކަތް ކުރެވޭނެ." މެލޭޝިއާ ސުޕަ ލީގުގައި ކުޅެ، ކޯޗުކަން ވެސް ކޮށްފައިވާ މިލޯ ބުންޏެވެ.
މިލޯ ބުނީ އެއީ ބަހަނާއެއްގެ ގޮތުގައި އެއްވެސް ކަމެއް ދައްކަން ބޭނުންނުވާ ކަމަށެވެ.











