މާޒިޔާ އަށް އޭޝިއާގެ ތަޖުރިބާ ބޮޑު ބޮސްނިއާ ކޯޗެއް ގެނެސްފި

Jul 6, 2023, 5:38 AM
މާޒިޔާ ކޯޗުކަމާ ބޮސްނިއާގެ މިލޮމީރް ސެސްލިޖާ ހަވާލުވާން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މާޒިޔާ ކޯޗުކަމާ ބޮސްނިއާގެ މިލޮމީރް ސެސްލިޖާ ހަވާލުވާން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހެޑް ކޯޗުގެ މަގާމަށް އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ބޮސްނިއާ އަށް އުފަން ކޯޗެއް ކަމަށްވާ މިލޮމީރް ސެސްލިޖާ (މިލޯ) ހަމަޖައްސައިފި އެވެ.

މި ސީޒަނުގެ އެފްއޭ ޗެރިޓީ ޝީލްޑް މެޗާއި ޕްރެޒިޑެންޓްސް ކަޕް، މާޒިޔާ އަށް ކާމިޔާބުކޮށްދިނުމަށް ފަހު، އެ ޓީމާ މި ސީޒަނަށް ހަވާލުވި، ބަލްގޭރިއާގެ ކޯޗު އިވާން ވެންކޯފް ކޮލޭފް ވަނީ މަގާމުން ވަކިވެފަ އެވެ. އިވާންގެ ކޯޗުކަމުގައި މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގެ ހަތަރު މެޗުގައި ކުޅުނު ނަމަވެސް ފަހުން ނިންމާފައިވަނީ މަގާމުން ވަކިވާށެވެ.

މާޒިޔާގެ ކޯޗަކަށް މި ސީޒަނުގެ ނިޔަލަށް މިލޯ، 58، ހަމަޖެއްސީ ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ފުރުސަތު ލިބުމުން އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް މިލޯ ވަނީ ބުނެފަ އެވެ.

މިލޯ ވަނީ އޭޝިއާގައި ކުޅުމުގެ ކެރިއަރުގެ އިތުރުން ކޯޗިންގައި ވެސް މަސައްކަތްކޮށްފަ އެވެ. ކުޅުމުގެ ކެރިއަރަށް ބަލާއިރު، ނުވަދިހައިގެ އަހަރުތަކުގައި މެލޭޝިއާގެ ކުއަލާ ލަމްޕޫރު ސިޓީ ކްލަބާއި ސަބާ އެފްސީ އަށް ވަނީ ކުޅެފަ އެވެ. އަދި ސިންގަޕޫރުގެ ސެމްބަވާންގް ރޭންޖާސް ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައިވެ އެވެ.

މިލޯ، ކޯޗިން ކެރިއަރު ފަށާފައިވަނީ 2001 ވަނަ އަހަރު ސާބިއާގެ ކްލަބެއް ކަމަށްވާ ސޮލޫނަކް ރަސްޓީނާ އިންނެވެ. އެ ފަހުން އޭނާ ވަނީ ސާބިއާ އާއި ބޮސްނިއާގެ ކްލަބްތަކުގެ އިތުރުން އޭޝިއާގެ ޓީމުތަކަށް ކޯޗުކޮށްދީފަ އެވެ. އެ ގޮތުން، އޭޝިއާގެ ކްލަބްތަކަށް ބަލާއިރު، އިންޑޮނީޝިއާގެ ސުޕަ ލީގުގެ ޓީމުތަކާއި މެލޭޝިއާގެ ޓީމުތަކަށް ވަނީ އިރުޝާދުދީފަ އެވެ.

އެ ގޮތުން، މިލޯ، ކޯޗުކޮށްދިން އިންޑޮނީޝިއާގެ ކްލަބްތަކަށް ބަލާއިރު، އަރެމާ އެފްސީ، ބޯނެއޯ އެފްސީ، ޕަރްސީބާ ހިމެނެ އެވެ. އަދި މެލޭޝިއާގެ ސުޕަ ލީގުގެ ސަބާ އެފްސީ އަށް ކޯޗުކޮށްދިނުމުގެ އިތުރުން، މިލޯ ވަނީ ބޮސްނިއާ ޕްރިމިއާ ލީގުގައި ވާދަކުރާ އެފްކޭ އިންގްމަން ކޮންޖިކް އަށް އިރުޝާދުދީފަ އެވެ.

ކާމިޔާބަށް ބަލާއިރު، ކޯޗިން ކެރިއަރުގައި މިލޯ ވަނީ 2005-2006 ވަނަ އަހަރު ބޮސްނިއާ އެއް ވަނަ ޑިވިޝަނުގެ ތަށި ވެލޭޒް މޮސްޓާ އަށް ހޯދައިދީފަ އެވެ. އަދި 2019 ވަނަ އަހަރު އަރެމާ އަށް އިންޑޮނޭޝިއަން ޕްރެޒިޑެންޓްސް ކަޕް ހޯދައިދިނެވެ.

ފާއިތުވި ތިން ވަރަކަށް ސީޒަނަށް ބަލާއިރު، މާޒިޔާ އިން ވަނީ ސީޒަނުގެ ކުރީކޮޅުގައި ކޯޗު ބަދަލުކޮށްފަ އެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި މާޒިޔާ އިން ސީޒަން ފެށީ މުހައްމަދު ޝިޔާޒް (މޯހަން)އާ އެކު އެވެ. މޯހަން ވަކިވުމަށް ފަހު، ސީޒަން ބާކީ ބައި އެ ޓީމަށް ކޯޗުކޮށްދިނީ ސާބިއާގެ މިއޮޑްރަގް ޖެސިކް އެވެ. އޭގެ ކުރިން ސީޒަނުގައި މާޒިޔާ އިން ވަނީ ސީޒަން ފަށައިގެން މާ ގިނަ މެޗެއް ނުކުޅެ، އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަކިކޮށް، ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ހަމަޖައްސައިފަ އެވެ. މި ސީޒަނުގައި އިވާންގެ ބަދަލުގައި ގެނެސްފައި މި ވަނީ މިލޯ އެެވެ.

މިލޯ އަކީ މާޒިޔާ އަށް ކޯޗުކޮށްދޭ ބިދޭސީ ފަސް ވަނަ ވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން ބިދޭސީ ކޯޗުންނަކީ، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ، ސާބިއާގެ މިއޮޑްރަގް ޖެސިކް އަދި ރިސްޓޯ ވިޑަކޮވިޗް އާއި ބަލްގޭރިއާގެ އިވާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox