މެންޗެސްޓާ (މެއި 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި 4-0 އިން ރެއާލް މެޑްރިޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ދެ ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މިދިޔަ ހަފްތާގައި މެޑްރިޑްގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެހެންވެ، ރޭގެ މެޗުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކޮންމެ ޓީމެއް މޮޅުވިޔަސް އޮތީ ފައިނަލުގެ ފުރުސަތު ފަހިކޮށެވެ. ސިޓީން ރެއާލްގެ މައްޗަށް ހޯދި ބޮޑު މޮޅާ އެކު، ސިޓީގެ ތާރީހުގައި ދެ ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުގައި ކުޅޭނެ އެވެ. ފައިނަލުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ބައްދަލުކުރާނީ އިންޓަ މިލާންއާ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ސިޓީން ރޭގެ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ކުރިއަށް ޖެހިގެން ރެއާލަށް ޕްރެޝަރު ކުރަން ފެށި އެވެ. އެ ގޮތުން، ސިޓީ އަށް ގޯލެއް ޖަހައިދޭން އެ ޓީމުގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ޖެހި ދެ ބޯޅަ ވެސް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ 23 ވަނަ މިނިޓްގައި ރެއާލް އޭރިއާތެރެއިން ސިޓީގެ ބެނާޑޯ ސިލްވާ އަށް ލިބުނު ބޯޅަ އިން ވަނީ ހަމަޖެހިލައިފައި ގޯލުގެ ކައިރީ ކަނަށް ފޮނުވާލައި، އެ ޓީމަށް ލީޑުނަގައިދީފަ އެެވެ.
ފުރަތަމަ ހާފުގައި، ރެއާލަށް އެއްވަރުކޮށްދޭން އޭރިއާބޭރުން ޖަރުމަނުގެ މިޑްފީލްޑަރު، ޓޯނީ ކްރޫސް ޖެހި ބާރު ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ، މެޗުގެ 37 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ރީބައުންސް ބޯޅައަކުން ބެނާޑޯ ސިލްވާ ބޮލުން ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، ހެޓްރިކް ފުރިހަމަ ކުރަން އޭރިއާ ރޮނގުކައިރިން ބެނާޑޯ ސިލްވާ ޖެހި ބޯޅަ އަމާޒުވީ ކީޕަރު ކޯޓުއާ އަތަށެވެ.
ޗެމްޕިއަންސް ލީގުގައި ސިޓީ އަށް ބެނާޑޯ ސިލްވާ ޖަހައިދިން 12 ގޯލުގެ ތެރެއިން 10 ގޯލު ކާމިޔާބުކުރީ ނޮކައުޓް ބުރުގަ އެވެ.
ރެއާލުން ބަދަލުތަކެއް ގެނެސްގެން ދެ ވަނަ ހާފުގައި ގޯލެއް ޖެހޭތޯ ބެލި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ. ސިޓީން ވަނީ ދެ ވަނަ ހާފުގައި ވެސް ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން މެޗުގެ 76 ވަނަ މިނިޓްގައި ސިޓީގެ ތިން ވަނަ ގޯލު ޖެހީ ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން މެނުއަލް އަކަންޖީ އެވެ. އަކަންޖީ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ރެއާލްގެ ޑިފެންޑަރު، އެޑާ މިލިޓާއޯ ގައިގައި ވެސް ޖެހިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ. ބަދަަލަކަށް ކުޅެން އެރި އަލްވަރޭޒް ވަނީ ފިލް ފޯޑެން ދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ސިޓީ އާއި ރެއާލްގެ ތިން ވަނަ ކުރިމަތިލުމެވެ. މި ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅެފައިވަނީ ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުންނެވެ. އެ ގޮތުން، ރެއާލުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސެމީ ފައިނަލުގައި ސިޓީ ކަޓުވާލައިފަ އެވެ. އެއީ މިދިޔަ ސީޒަނުގެ އިތުރުން، ސިޓީގެ ކޯޗަކަށް މެނުއަލް ޕެލެގްރީނީ ހުއްޓައި، 2015/2016 ވަނަ އަހަރު އެވެ.
ސިޓީން ވަނީ 2019/2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލް އަތުން ދެ ލެގުގައި ވެސް މޮޅުވެ، ކާމިޔާބު ހޯދައިފަ އެވެ. އޭރު ކޯޗަކީ ގާޑިއޯލާ އެވެ. އެހެންކަމުން، ގާޑިއޯލާ މި ވަނީ ސިޓީގައި ހުރެ ދެ ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގުން ރެއާލް ކަޓުވާލައިފަ އެވެ. ސިޓީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަލަށް ވާދަކުރީ ގާޑިއޯލާގެ ކޯޗުކަމުގައި 2021 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ސިޓީ ބަލިވީ ޗެލްސީ އަތުންނެވެ.
މި ފަަހަރުގެ ފައިނަލުން މޮޅުވާން ސިޓީން އެންމެ ބޮޑަށް ބޭނުންވާނެ އަނެއް ސަބަބަކީ ސީޒަނުގެ ތިން މުބާރާތް ކާމިޔާބުކުރަން އެ ޓީމުން އަމާޒުހިފާފައިވާތީ އެކަން ހާސިލްކުރުމަށެވެ. ސިޓީ، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތްއިރު، ލީގު ކަށަވަރުކުރަން ބާކީ މެޗުތަކުން ބޭނުންވަނީ އެންމެ މޮޅެކެވެ. އަދި އެފްއޭ ކަޕް ފައިނަލުގައި ސިޓީން މެންޗެސްޓާ ޔުނައިޓެޑާ ކުޅޭނެ އެވެ.












