ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްމާޓު ޕާކިން ޒޯނެއް ތަރައްގީކޮށް ހިދުމަތްދޭން ފެށުމަށް އާބަންކޯއިން ތައްޔާރުވެއްޖެ އެވެ.
ހަމައެކަނި ކާރު ޕާކު ކުރުމަށް ހާއްސަކޮށްފައިވާ އެ ޒޯނު ތަރައްގީކޮށްފައި ވަނީ ހުޅުމާލެ ފެރީ ޓާމިނަލުގެ އުތުރުން، މޭރީ ބުރައުންއާ ދެމެދު އޮންނަ ސަރަހައްދުގަ އެވެ. އެ ސަރަހައްދަކީ މީގެ ކުރިން ވެސް ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ސަރަހައްދެކެވެ. ނަމަވެސް މިހާރު އެ ޒޯނު ތަރައްގީކޮށްފައި ވަނީ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެންނެވެ.
އާބަންކޯއިން ބުނީ އެ ޒޯނުގައި ޕާކު ކުރެވޭނީ ކުރިއާލައި ޖާގަ ކުއްޔަށް ނަގައިގެން ކަމަށާއި އެ ޒޯނުން ޖާގަ ކުއްޔަށްދިނުމަށް ވަރަށް އަވަހަށް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލުމުން ޖާގަ ކަށަވަރުކުރާ ކާރުތައް ޕާކު ކުރުމަށް އެ ޒޯނަށް ދިއުމުން، ބޫމް (ދޮރުމަތީގައި ހުންނަ ހުރަސް ދަގަނޑު) ހުޅުވޭނީ ކޮންޕިއުޓަރު ވިޝަން އިނޭބަލްޑު ކެމެރާއަކުން ކާރުގެ ނަންބަރު ބޯޑު ރީޑު ކުރުމަށްފަހު އޮޓޮމެޓިކުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ސްމާޓު ޕާކިން ޒޯނަށް ވަންނަ ދޮރުމަތީގައި ހުންނަ ބޫމް ހުޅުވޭނީ އަރިމަތީގައި ހުންނަ ކެމެރާއިން ކާރުގެ ނަންބަރު ބޯޑު ރީޑު ކުރުމަށްފަހު އޮޓޮމެޓިކުކޮށް -- ފޮޓޯ: އާބަންކޯ
އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ އެ ޒޯނުގެ ހިދުމަތް ހުރިހާ ވަގުތެއްގައި ވެސް ދޭނެ ކަމަށް އާބަންކޯއިން ބުނެ އެވެ. އެ ޒޯނުގައި ޕާކު ކުރާ ކާރުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސީސީޓީވީ މެދުވެރިކޮށް އާބަންކޯއިން އެތަނުގެ ސެކިއުރިޓީ ވެސް ބަލައްހައްޓަމުން ގެންދާނެ އެވެ.
އެ ޒޯނު ތަރައްގީކޮށްފައި ވަނީ ކުރު މުއްދަތަށް ޕާކު ކުރަން ހާއްސަ ޖާގައާއި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ހާއްސަ ޖާގަތައް ހިމަނައިގެންނެވެ.
އެގޮތުން އާބަންކޯއިން ވަނީ ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ތައްޔާރުކޮށްފަ އެވެ. އެ ކޯޕަރޭޝަނުން ބުނީ އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.
އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކުން ވެސް ބޭނުން ކުރެވޭގޮތަށް ޑިޒައިންކޮށްފައިވާ އެ އެޕްލިކޭޝަނުން ސްމާޓު ޕާކިން ޒޯނުގައި ހުންނަ ހުސް ޖާގަތަކާއި ޕާކު ކުރެވޭ އަގުތައް ވެސް ފެންނަން ހުންނާނެ އެވެ. އަދި, އެޕު މެދުވެރިކޮށް ޕާކު ކުރަން ބޭނުންވާ ޖާގަ ކުރިއާލައި ރިޒާވް ވެސް ކޮށްލެވޭނެ އެވެ.
އޭގެއިތުރުން ޕާކިން ޖާގައާ ހަމައަށް ކާރު ނެވިގޭޓުކޮށްދިނުމާއި އެޕު ބޭނުން ކުރާ ފަރާތްތަކުގެ ޕްރޮފައިލް ވެސް އެ އެޕުން ފެންނާނެ އެވެ. އަދި ޕާކިން ޖާގަ ހުސްވުމުން އެޕު މެދުވެރިކޮށް ފޯނަށް ނޮޓިފިކޭޝަން ވެސް ފޮނުވާނެ އެވެ.
އާބަންކޯއިން ބުނީ އެ ޒޯނަކީ އެއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެސް ސްމާޓު ޕާކިން ޒޯނުތައް ތަރައްގީކުރަމުން ގެންދާނެ ކަމަށެވެ.











