ހަމްޒާ މުހައްމަދު (ހަމްޕު)ގެ ހެޓްރިކާ އެކު 7-2 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ރަނގަޅަށް ކުޅެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ މާޒިޔާ އިންނެވެ. މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) ނަގައިދިން ހުރަސް ހަސަން ރާއިފް އަހުމަދު (ހަންނަ) ކޮންޓްރޯލް ކޮށްލުމުން އެ ބޯޅަ އެއް ފަހަރުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލީ ނާއިޒު ހަސަން (ދާދު) އެވެ.
ޔުނައިޓެޑް ވިކްޓްރީން ނަތީޖާ ހަމަހަމަކުރީ މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ފަހަތުން އެޑްގާ ކޮންޓްރޯލްކުރި ބޯޅަ ހޯދައި އަލީ މީސާގު އީސާ ތަނަވަސްކުރި ފުރުސަތަކުން މި ގޯލު ޔުނައިޓެޑް ވިކްޓަރީ އަށް ޖަހައިދިނީ ޝަނާން ރަޝާދު އެވެ. ޝަނާން ވަނީ މާޒިޔާގެ ކީޕަރު މުހައްމަދު ފައިސަލް އަށް ފުރުސަތު ނުދީ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީ އިން ނަތީޖާ ހަމަހަމަކުރިތާ ފަސް މިނެޓު ފަހުން މާޒިޔާ އިން ލިބުނު ޕެނަލްޓީއަކުން ލީޑު ނެގި އެވެ. އޭރިއާ ބޭރުން އިބްރާހިމް އައިސަމް ފޮނުވާލި ބޯޅަ، ޔުނައިޓެޑް ވިކްޓަރީ ކީޕަރު އަލީ ނާޖިހު ދިފާއުކުރި ބޯޅަ ލިބުނީ ހަމްޕު އަށެވެ. ހަމްޕު އެ ބޯޅަ ހޯދައި އޭރިއާ ތެރެއިން ހުރަސްކުރަން އުޅެނިކޮށް ހުސައިން މައިޝާން ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަމްޕު އެވެ.
މި ގޯލަށް ފަހު މާޒިޔާއިން ކޯނަރުތަކުގައި ނުރައްކާކުރި އެވެ. އެ ގޮތުން މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ބޮލުން ފޮނުވާލި ދެ ބޯޅައެއްގައި ނުރައްކާކުރިއިރު، އެޑްގާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓަރީ އިން ދެ ވަނަ ފަހަރަށް އެއްވަރުކުރި އެވެ. މާޒިޔާގެ އޭރިއާ ކައިރިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ކައިރީގައި ހުރި ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ދިން ބޯޅައަށް އަރައި އެ ބޯޅަ ގޯލަށް ވައްދާލީ ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު ބައްސާމް (ބައްކު) އެވެ. ބައްކު އެ ބޯޅަ އަށް އެރިއިރު މާޒިޔާގެ ކުޅުންތެރިން ތިބީ ބައްކު އޮފްސައިޑް ކަމަށް ދޫކޮށްލައިގެންނެވެ.
މި ގޯލު ޖެހުމުގެ ކުރިން ޔޫވީގެ ޔޫސުފް އަޒީމް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓާ އެޓޭކުގައި އޭނާ ކުރިއަށް އަރާ ފޮނުވާލި ބޯޅަ ދިފާއުކުރީ ކީޕަރު ފައިސަލް އެވެ.
ދެ ވަނަ ހާފަށް މާޒިޔާ ނިކުތީ ތިން ބަދަލަކާއެކުގަ އެވެ. އެ ގޮތުން، ދާދު، ހައިޝަމް ހަސަން (ބިޑި) އަދި އެޑްގާގެ ބަދަލުގައި ކުޅެން އެރީ ހުސައިން ޝިފާއު ޔޫސުފް (ކުރޯ)، ހަސަން ނަޒީމް ގާސިމް (ޗޯޓު) އަދި އަހުމަދު ނޫމާން (ހެލްމެޓު) އެވެ.
ދެ ވަނަ ހާފު ފެށިގޮތަށް ފުރަތަމަ ހަމާލާ ފޮނުވާލީ ވެސް ޔުނައިޓެޑް ވިކްޓަރީ އިންނެވެ. އޭރިއާ ބޭރުން ލިބުނު ބޯޅައަކުން އަރީން ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް އެ ބޯޅަ ދިފާއުކުރީ ކީޕަރު ފައިސަލް އެވެ.
އޭގެ ފަހުން މާޒިޔާ އިން މަޑު މަޑުން ގޭމްގެ ތެރެއަށް ވަދެ ނުރައްކާކުރަން ފެށި އެވެ. ހަމްޕު ނަގައިދިން ކޯނަރަކުން ޔުނައިޓެޑް ވިކްޓަރީގެ އޭރިއާ ތެރެއިން އައިސަމް ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ނާޖީހު ދިފާއުކުރިއިރު، އޭގެ ފަހުން ސަމޫހު އަލީ (ސަމުއްޓެ) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މާޒިޔާ އިން ތިން ފަހަރަށް ލީޑު ނެގީ މެޗުގެ 68 ވަނަ މިނެޓުގަ އެވެ. އަރިމަތިން ޗޯޓު ނަގައިދިން ހުރަސް ކީޕަރު ނާޖިހު ޕަންޗުކުރުމުން ލިބުނީ އޭރިއާ ތެރޭގައި ހުރި ހަމްޕު އަށެވެ. ހަމްޕު ވަނީ ހަނި އޭންގަލެއްގައި ހުރެ މަތީން އައި ބޯޅަ އެއްފަހަރުން ޖަހާ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އޭގެ ދެ މިނެޓު ފަހުން މާޒިޔާ އިން ލީޑު ފުޅާކުރި އެވެ. މި ފަހަރު ހަމްޕު ނަގައިދިން ހުރަހަކުން އެ ޓީމުގެ ގޯލު ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްޓެފަން މިހަލޮވިޗެވެ.
މެޗުގެ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މާޒިޔާގެ ހަމްޕު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ޗޯޓު އަށް ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ސަމީހު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މާޒިޔާގެ ހަ ވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް މާޒިޔާގެ ހަ ވަނަ ގޯލު ޖަހައިދިނީ ސްޓެފަން އެވެ. މިއީ، ހަންނަ، އަރިމަތިން ކައިރީގައި ހުރި ދެ ކުޅުންތެރިން ކައިރިން ނައްޓާފައި އަރާ ތިރި ތިރިން ނަގައިދިން ހުރަސް ހޮސްކޮށް އޮތް ގޯލަކަށް ވައްދާލައިގެން ސްޓެފަން ޖެހި ގޯލެކެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި މާޒިޔާގެ ފަހު ގޯލު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސެންޓެ މި ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ސެންޓޭ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށްވަނީ ކީޕަރު ނާޖިހު އަތުގައި ޖެހިފަ އެވެ. މިއީ މާޒިޔާ އަށް ސެންޓޭ ޖަހައިދިން ފުރަތަމަ ގޯލެވެ.
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ކުޅޭ ދެ ވަނަ މެޗުގައި ނުކުންނާނީ ކުލަބު ގްރީން ސްޓްރީޓްސް އާ ދެކޮޅަށެވެ. ޔުނައިޓެޑް ވިކްޓަރީން އަންނަ ހޮނިހިރު ދުވަހު ހަވީރު ނިކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ.










