ނިއު ޔޯކް، އެމެރިކާ (މޭ 3) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލައިޓެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ކޯޓުގައި އެ އަންހެން މީހާ ހެކިބަސް ދީފި އެވެ.
ނިއު ޔޯކް ކޯޓުގައި ޓްރަމްޕްއާ ދެކޮޅަށް ކުރިއަށްދާ މަދަނީ މައްސަލައިގައި މިހާރު އުމުރުން 81 އަހަރުގެ ޖެސިކާ ލީޑްސް ބުނީ އެ ހާދިސާ ހިނގީ 1970 ގެ ފަހުކޮޅުގައި ކަމަށެވެ.
އޭނާ ހެކިބަސް ދިނީ ކުރީގެ ކޮލަމިސްޓު އީ ޖީން ކެރޯލް ހުށަހެޅި މައްސަލައެއްގަ އެވެ. ކެރޯލް ވެސް ތުހުމަތު ކުރާ ގޮތުގައި ޓްރަމްޕް ވަނީ 1990 ގެ އަހަރުތަކުގެ އޭނާ ރޭޕްކޮށްފަ އެވެ.
ޓްރަމްޕްއާ ދެކޮޅަށް ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވަ އެވެ. އަދި އެ ތުހުމަތުތަކާ ގުޅިގެން ދުވަހަކު ވެސް އެމަނިކުފާނާ ދެކޮޅަށް ޖިނާއީ ދައުވާއެއް އުފުލާފައެއް ނުވެ އެވެ.
ލީޑްސްއަށް ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް އެންމެ ފުރަތަމަ ބުނީ 2016 ވަނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ވަގުތު ކުޑަތަންވެފައި ވަަނިކޮށް ނިއު ޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގަ އެވެ.
އޭރު ގިނަ އަދަދެއްގެ އަންހެނުން ޓްރަމްޕްއާ ދެކޮޅަށް ތުހުމަތުތައް ކުރި އެވެ. ލީޑްސް ބުނީ އޭނާ އިންޓަވިއު ދޭން ނިންމީ ރިޔާސީ ބަހުސެއްގައި ޓްރަމްޕް އިތުރުފުޅު ހެއްދެވުމުން ކަމަށެވެ.
އެގޮތުން ހިލަރީ ކްލިންޓަންއާ އެކު އޮތް ބަހުސްގައި ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭ ސުވާލެއް ކުރުމުން، އެއީ ދޮގު ތުހުމަތުތައް ކަމަށް ޓްރަމްޕް ވިދާޅުވުމުން، ރުޅި އައި ކަމަށް އޭނާ ބުންޏެވެ.










