ވޮޝިންޓަން، އެމެރިކާ (އެޕްރީލް 28) - އެމެރިކާގައި ގިނަ ކުދިންތަކެއް ގޮވައިގެން ދިޔަ ސްކޫލް ބަހެއްގެ ޑްރައިވަރަކު ކުއްލިއަކަށް ހޭނެތުމުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރައްކާތެރިކަމާ އެކު ބަސް ހުއްޓުވައި، ހުރިހާ ކުދިންގެ ފުރާނަ ސަލާމަތްކޮށްފި އެވެ.
އެ ހާދިސާ ހިނގީ މިދިޔަ ބުދަ ދުވަހު މިޝިގަން ސްޓޭޓްގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ބަސް ޑްރައިވަރު ހޭނެތުމުން، ބަހުގެ ކޮންޓްރޯލް ހޯދައި ރައްކާތެރިކޮށް ހުއްޓުވީ ޑިލަން ރީވްސް ނަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ. އެ ކުއްޖާ ބަސް ހުއްޓުވީ ހޭންޑް ބްރޭކް ބޭނުންކޮށްގެންނެވެ.
އެ ބަހުގައި ތިބީ ވޮރެން އަވަށުގެ ލޮއިސް އީ ކާޓާ މިޑްލް ސްކޫލްގެ 70 ކުދިންނެވެ. ޑްރައިވަރަކު ކުއްލިއަކަށް ހޭނެތުމުން، 13 އަހަރުގެ ކުއްޖާ ގޮސް ބަސް ހުއްޓުވަން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އިދާރާތަކުން ވަނީ އާއްމުކޮށްފަ އެވެ.
އަވަށުގެ ކައުންސިލަރު ވަނީ ގްރޭޑް ހަތެއްގައި އުޅޭ ޑިލަން ރީވްސްއަކީ ބަތަލެއްގެ ގޮތުގައި ސިފަކޮށް ތައުރީފުކޮށްފަ އެވެ.










