ވޮޝިންޓަން، އެމެރިކާ (އެޕްރީލް 25) - އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެ ވަނަ ދަައުރަކަށް ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފި އެވެ.
"ޑިމޮކްރަސީގެ ހައްގުގައި ތެދުވާން ޖެހޭ ހާލަތެއް ކޮންމެ ޖީލަކަށް ވެސް ކުރިމަތިވޭ. އެއީ އަސާސީ ހައްގުތަކުގެ ދިފާއުގައި ތެދުވާން ޖެހޭ ހާލަތެއް،" އުމުރުފުޅުން 80 އަހަރުގެ ބައިޑެން ވީޑިއޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ޖީލަށް މިއީ އެ ހާލަތު. ދެ ވަނަ ދައުރަކަށް އެމެރިކާގެ ރައީސް ކަމަށް މި ކުރިމަތިލަނީ އެހެންވެ. ފެށި މަސައްކަތް ނިންމަމާ."
ވެރިކަމުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ބައިޑެންއަށް ގާނޫނީ ބޮޑު ކާމިޔާބީތަކެއް ލިބުނު ނަމަވެސް ހާރިޖީ ކަންކަމުގައި ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.
މި ވަގުތު ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ބައިޑެންއާ ދެކޮޅަށް ހުންނެވި ކެންޑިޑޭޓަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީ "ޖޭއެފްކޭ" އަށް ބޮޑުބޭބެ ކިޔާ ރޮބަޓް އެފް ކެނެޑީ ޖޫނިއާ އެވެ.
ރިޕަބްލިކަން ޕާޓީގެ އެންމެ ވަރުގަދަ ކެންޑިޑޭޓަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެނެލިސްޓުން ދެކޭ ގޮތުގައި ބައިޑެންއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާނީ އުމުރުން ދުވަސްވެފައި ވާތީ އެވެ.
ބައިޑެންއަކީ އެމެރިކާގެ ތާރީހުގައި އެންމެ އުމުރުން ދުވަސްވީ ރައީސެވެ. އަންނަ އަހަރުގެ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ދެ ވަނަ ދައުރު ނިމޭއިރު އެމަނިކުފާނުގެ އުމުރުން ހުންނަވާނީ 86 އަހަރު ފުރިފަ އެވެ.










